ސައޫދީ އަރަބިއްޔާގައި ހުރި ވަރަށް ވުރެ މާގިނައިން އެމެރިކާގައި ތެޔޮ ހުރި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ލާސް ވެގާސް އަދި ނެވާޑާގައި އޮތް ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ކިތަންމެ ގިނައިން ތެޔޮ ނެގެން ހުރި ނަމަވެސް، އެމެރިކާގައި މިހާރު އޮތީ އެވަރުގެ މަަސައްކަތްތަކެއް ކުރެވޭ ވަރުގެ ސަރުކާރެއް ނޫން ކަމަށެވެ.
"ޖޯ ބައިޑަނަކަށް އެކަމެއް ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
"ޖޯ ބައިޑަނަށް އެންމެ ކަމުދާ ގޮތަކީ ބޭރު ގައުމުތަކަށް އެމެރިކާ އަޅުވެތިވުން،" ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
ގައުމީ ފުއްދުންތެރިކަން އިތުރުކުރެއްވުމަށް ވުރެ ބައިޑަން ސަރުކާރުން ވިސްނަނީ ބޭރު ކޮންމެވެސް ގައުމަކުން ތެޔޮ ފޮދެއް އެމެރިކާއަށް އެތެރެކޮށް ވަގުތީ ހައްލެއް ހޯދުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.
ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގައި "ދިޔާ ރަން" ހުރީ އަލަސްކާގަ އެވެ. އޭނާ އަދި ވިދާޅުވީ ގައުމަށް ލޯތްބެއް އޮތް ނަމަ ހޮޅިތައް އަޅައި ތެޔޮ ނެގުން އަވަސްކުރަންވީ ކަމަށެވެ.
"މި ދައްކަނީ ކިހާ ފައިސާއެއްގެ ވާހަކަ،" ޓްރަމްޕް ވިދާޅުވި އެވެ. "އެމެރިކާ އަކީ މުއްސަނދި ގައުމެއް -- އަދި އިތުރު މުއްސަދިކަން ބިމުއަޑީގައި އެހުރީ" ޓްރަމްޕް ވިދާޅުވި އެވެ.
ސިޔާސީ ވާހަކަތަކުގައި ފޯރި ނަންގަވައި ޓްރަމްޕް ވިދާޅުވީ އޭނާ އަކީ ވެސް ތިމާވެއްޓަށް ވަރަށް ލޯބިކުރައްވާ މީހެއް ކަމަށެވެ. އެކަމަކު ތިމާވެއްޓަށް ހުރިހާ ކަމެއް ހުސްކޮށް އެމެރިކާގެ ރައްޔިތުން ގުރުބާންކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގައި ވަކި ބަޔަކު ކަރަންޓް ކާރު ދުއްވަން ލޯބިކުރާ ނަމަ އެކަން ކުރަންވީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޕެޓްރޯލް އަޅަން ބޭނުންވާ މީހެއްގެ ކާރަށް ޕެޓްރޯލް ވެސް އެޅެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ތިމާވެއްޓަށް ޓަކައި ހުރިހާ އުފާވެރިކަމެއް ދޫކޮށެއް ނުލެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ. "އޭގެ މާނަ އަކީ އެމެރިކާ ރައްޔިތުންނަކީ ތިމާވެށީގެ ދުޝްމަނުންނެކޭ ނޫން،" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.