ފިނިޕޭޖް

"ބާބީ" ފިލްމުގެ ސެޓް ހެދުމަށް ފިޔާތޮށި ކުލަ ހުސްވި

ވޯނާ ބްރަދާސް އިން ރިލީޒްކުރަން އުޅޭ "ބާބީ"ގެ ލައިވް އެކްޝަން ފިލްމްގެ ސެޓް ހެދުމަށް ފިޔާތޮށި ކުލަ ހުސްވި އެވެ.

މިކަން ހާމަވެފައިވަނީ "ބާބީ"ގެ ޑަރިކްޓަރު ގްރޭޓާ ގާވިގް އާއި ސެޓް ޑެކަރޭޓަރު ކޭޓީ ސްޕެންސާ އާއި ޕްރޮޑަކްޝަން ޑިޒައިނާ ސޭރާ ގްރީންވުޑް އާކިޓެކްޗަރަލް ޑައިޖެސްޓަށް ދިން އިންޓަވިއު އަކުންނެވެ.

ގްރޭޓާ ބޭނުންވީ އާދަޔާ ހިލާފަށް މަޖާ، ބާބީ ލޭންޑެއް ހަދާށެވެ. އެހެންކަމުން 1950ގެ ޕާމް ސްޕްރިންގްސް މޮޑަނިޒަމް އަދި ބައެއް ފިލްމްތަކުގެ އާއި ގެތަކުގެ ސްޓައިލް ބޭނުންކޮށް، ބާބީ ލޭންޑް ހެދީ އެ ބުދުގެ ޑްރީމް ހައުސްއާއި އެކްސަރީޒް ފަދައިން ވީހާވެސް ހަގީގަތާ އެއްގޮތަށެވެ.

އަދި ކޮމްޕިއުޓާ ޖެނެރޭޓަޑް އިމޭޖަރީ (ސީޖީއައި) ބޭނުންކުރުމުގެ ބަދަލުގައި އަތުން ކުލަލާފައިވާ އަސްލު ސެޓެއް ހަދަން ގްރޭޓާ ބޭނުންވި އެވެ. ކުޑަ ކުއްޖެއް ކުޅޭނެ ޑްރީމްހައުސް އަކާއި ބާބީ ލޭންޑް ހެދުމުގެ ބޭނުމުގައި، ގްރޭޓާ ބޭނުންވީ ހުރިހާ އެއްޗެއް ބާބީ ބުދު އެންމެ ގިނައިން ގުޅުވާފައިވާ ފިޔާތޮށި ކުލައިގައި ހުރުމަށެވެ.

"އަހަރެން ބޭނުންވީ ހުރިހާ ފިޔާތޮށި ކުލައިގެ އެއްޗެއްވެސް ވަރަށް ދިއްލި ފިޔާތޮށި، އަދި ކަންތައް ބޮޑުކޮށް ހުންނަން. ސެޓްގައި ކުޑަ ކުދިން ގަޔާވާފަދަ އިހްސާސް ގެނެވުމަކީ ވަރަށް މުހިއްމު ކަމެއް. އޭރުން އެ އިހްސާސްތަކާއެކު އަހަރެން ފަދައިން ކުޑަ އިރު ބާބީދެކެ ލޯބިވި ސަބަބު ހަނދާން ނުނެތޭނެ" ގްރޭޓާ ބުންޏެވެ.

އެހެންކަމުން ސޭރާ ހެމުން ބުނީ ރޮސްކޯ ޕެއިންޓުން ބާބީގެ ސިގްނޭޗާ ފްލޮރިސަންޓް ޕިންކް އެ ސެޓް ހެދުމުގެ ބޭނުމަށް މުޅި ދުނިޔެއިން އެއްކޮށް ހުސްކޮށްލި ކަމަށެވެ.

ރޮސްކޯ ޕެއިންޓްގެ ގްލޯބަލް މާކެޓިންގެ ވައިސް ޕްރެޒިޑެންޓް ލޯރެން ޕްރައުޑް ބުނީ، އެ ކުލަ ލިބުމުގެ ދަތިކަން ހުރުމުން، އެ ކުލައިގެ ދެވެން އޮތް ހުރިހާ ސްޓޮކެއް ދިނީ ކަމަށެވެ. އަދި ހަމަ ހަގީގަތުގައިވެސް "ބާބީ" ޓީމުން އެ ކުލަ ގަނެ ހުސްކޮށްލި ކަމަށެވެ.

ފޭނުންނަށް ކުޑަ އިރުގެ ހަނދާންތައް އާލާކުރުމަށް، މާގޯ ރޮބީ ބާބީގެ ގޮތުގައި އަދި ރަޔާން ގޮސްލިން ކެންގެ ގޮތުގައި ރޮސްކޯގެ ފްލޮރިސަންޓް ފިޔާތޮށި ކުލައިން ކުލަ ޖައްސާފައިވާ ފިޔާތޮށި ދުނިޔޭގައި އުޅޭތަން އަންނަ މަހު 21 ގައި ބަލާލެވޭނެ ފުރުސަތު އޮންނާނެ އެވެ.