ދިރާގު

ސްޕެޝަލް އޮލިމްޕިކް ޓީމަށް ދިރާގުން ޖާޒީއާއި ޓްރެވެލް ކިޓް ހަދިޔާކޮށްފި

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް 2023ގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖާޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފި އެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ހާއްސަ އެހީއަށް ބޭނުންވާ އެތައް ހާސް އެތުލީޓުންނެއް އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ބައިވެރިވަނީ ވާދަވެރި ދުވުމާއި ބެޑްމިންޓަންގައެވެ.

މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ޖާޒީ ޓީމާ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. ޖާޒީ އާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދިނީ ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.

މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ދެއްކެވި ވާހަކައިގައި ވަނީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ދިރާގުން މިއަހަރުގެ ވޯލްޑް ގޭމްސްއަށް ދާ ޓީމަށް ވެދެއްވި އެހީ ފާހަގަކޮށް އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ސްޕޯޓްސް އެންޑް ޓެކްނިކަލް ޑިރެކްޓަރު އިބްރާހީމް ރަމީޒް ވަނީ ދިރާގުން ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ވޭތުވެދިޔަ އަހަރުތަކާއި މިއަހަރު ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

"ވަކިން ހާއްސަކޮށް ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަށް ފާހަގަކޮށްލަން ބޭނުން. އެ ފެސްޓިވަލަކީ އަޅުގަނޑުމެންގެ ވަރަށް ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ދަސްކޮށްދިން ހަރަކާތެއް،" އިބްރާހީމް ރަމީޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މުހިންމު ބައެއް ކަމަށެވެ.

"މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭއިން ބައިވެރިވާ ޓީމަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ޓީމަށް ރަނގަޅު ކާމިޔާބީއަކަށް އެދެން،" އަލީ ރިޔާޒު ވިދާޅުވި އެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއްދެ އެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.