ދިރާގު

"ދަ ލިޓްލް ބިގް ފެސްޓިވަލް"ގެ ޕާޓްނަރަކަށް ދިރާގު

ނ. ކުޑަފަރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023"ގެ ޕާޓްނަރަކަށް ދިރާގު ވެއްޖެ އެވެ.

ކުޑަފަރީ ކައުންސިލާއި ޖަމިއްޔާތަކާއި ޕާޓްނަރުން ގުޅިގެން ބާއްވާ މި ފެސްޓިވަލަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އިވެންޓެކެވެ. މި ފެސްޓިވަލް އޮންނާނީ މާދަމާ ކުޑަފަރީގަ އެވެ.

މި ފެސްޓިވަލްގައި އެކި މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިތައް އަދި ރަށުގެ ރައްޔިތުންގެ ތަފާތު މަސައްކަތްތައް ދައްކާލާ އެފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް އެހީތެރިވާ ފަދަ ދެމެހެއްޓެނިވި އުސޫލުތަކާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކުގެ އިތުރުން އެކި ސަގާފީ ކަންތައްވެސް މި ފެސްޓިވަލްގައި ދައްކާލާނެ އެވެ. އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި، މިއުޒިކާއި، ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިކަންވެސް ފެނިގެންދާނެ އެވެ.

މީގެ އިތުރުން ދިރާގު ބްރޭންޑް އެމްބެސެޑަރު، ޒޫނާ ނަސީމް (ޒޫންޓި) ވެސް މި ހަރަކާތުގައި ބައިވެރިވެ، ގައިޑެޑް ސްނޯކްލިން އަދި ޑައިވިން ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލްއަށް ކުޑަފަރީ ކައުންސިލަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ނ. ކުޑަފަރި ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ވަނީ ފެސްޓިވަލަށް ދިރާގުން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.

"މި މުހިންމު ޕެސްޓިވަލްގައި އަޅުގަނޑުމެންގެ ދިވެހި ސަގާފަތާއި ތަރިކަ ދައްކާލުމުގެ އިތުރުން، ހާއްސަކޮށް އަޅުގަނޑުމެންގެ ރަށްރަށުގެ ނާޒުކު ތިމާވެށީގެ ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރާ އެތައް ހަރަކާތަކެއްވެސް ފެނިގެންދާނެ،" ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގައި ހާއްސަ އަހަމިއްޔަތުކަމެއްދޭ ދާއިރާއެކެވެ.