ރައްޔިތުންގެ މަޖިލިސް

ނަޝީދާއި އީވާ މައްސަލަ ނަގަންޖެހޭ ސަބަބެއް ނެތް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށާއި އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ގޮވާލައިފި އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޮވާލުމުންނެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހެޅުމުން މިހާލަތުގައި އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ނެތުމުންނެވެ.

ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ގުރޫޕްގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހަޅައިގެން ދިމާވާ ގާނޫނީ މައްސަލައެއް ނޯންނާނެ ކަމަށެވެ.

މޯޑް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މާކުރިން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން އީވާގެ މައްސަލަ ނިންމޭނެ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ އެކު އެ ދެ ބޭފުޅުން މަޖިލިސް ކުރިއަށް ގެންދިއުމަށް އުޒުރުވެވަޑައިގެން މަޖިލިސް ހުއްޓުވާފައިވާތީ މޯޑް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ސޮއިކުރައްވާފައިވާތީ އިސްތިއުފާ ދެއްވުން ނޫން އެހެން ގޮތެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް އުސޫލުން ކަންކަން ކުރައްވާނަމަ އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރައްވާނަމަ އިސްތިއުފާ ދެއްވާފައި މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވުން އޮތީ،" މޯޑު ވިދާޅުވި އެެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 13 މެންބަރަކު އެޕާޓީން އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތް މެދުކެނޑިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ދޫދޭންޖެހޭ ކަންކަމުގައި ދޫނުދޭތީ ކަމަށްވެސް އިދިކޮޅު މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވިދާޅުވެފައިވެ އެވެ.

އިދިކޮޅު މެންބަރުންނަށް ރައްދުދެއްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އިދިކޮޅު މެންބަރުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީއަށް މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީން ލިބޭ ބައެއް ސްލޮޓް ވެސް ދޫކޮށްލާފައިވާނެ ކަމަށާއި އެވެސް އިދިކޮޅު މެންބަރުން އެދޭ ގޮތްގޮތް ހަދައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދަން ބޭނުންވާތީ ދީފައިވާ ދުލެއް ކަމަށެވެ. އަދި އާންމު ކޮމިޓީގައި ހުރިހާ ޕާޓީތަކެއް ހިމެނުމަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވުމާ ގުޅިގެން އެކަމަށްވެސް އެއްބަސްވެފައިވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުއަސާސީގައިވެސް އަދި މަޖިލީހުގެ ގަވައިދުގައިވެސް އާންމު ކޮމިޓީގައި ހުރިހާ މެންބަރުން ހިމަނަން ލާޒިމުކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.