ދުނިޔެ

"އޮސްޓްރިއާ އަށް މުހިއްމު ވިޔަފާރި ބައިވެރިއެއް ގޮތުގައި ރަޝިއާ ދެމިއޮންނާނެ"

ޔުކްރޭން ހަނގުރާމައިގެ ސަބަބުން އޮސްޓްރީއާގެ ނަޒަރިއްޔާ ރަޝިއާއާ މެދު ތަފާތު ނަމަވެސް، އޮސްޓްރިއާ އަށް މުހިންމު ވިޔަފާރި ބައިވެރިއެއް ގޮތުގައި ރަޝިއާ ދެމިއޮންނާނެ ކަމަށް އޮސްޓްރިއާގައި ހުންނަވާ ރަޝިއާގެ ސަފީރު ދިމިތުރީ ލިޔުބިންސްކީ ވިދާޅުވެއްޖެ އެވެ.

ސަފީރު ވިދާޅުވީ ތަފާސްހިސާބުތަކަށް ބުރަވެ އެއްޗެއް ދަންނަވާނަމަ އޮސްޓްރީއާ އޮތީ ރަޝިއާއާ އެކު އެންމެ ގިނައިން ވިޔަފާރިކުރާ ގައުމުތަކުގެ ލިސްޓްގައި ހަވަނާގައި ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުންގެންދާ ހަމަލާތަކަށް ދެކޮޅުހެދުމަށް ހުޅަނގުން އެކުލަވާލި ލިސްޓްގަައި އޮސްޓްރިއާވެސް ހިމެނެ އެވެ. އަދި ރަޝިއާ އަށް އިގުތިސާދީ ގޮތުން ދަތިކުރުމުގައި އޮސްޓްރިއާ ވެސް ބައިވެރިވެ އެވެ.

މިހެން ކަން އޮތުމުން ރަޝިއާ އާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގޮތުން ކުރާނެ މަޝްވަރާއެއް މިހާރަކު ނެތެވެ.

ސަފީރު ވިދާޅުވި ގޮތުގައި ހުޅަނގާ ބައިވެރިވުމަށް އޮސްޓްރީއާ އިން ރަޝިއާ އަށް ދަތިކޮށްފައި އޮތް އޮތުމަކީ ނައްތާލެވިދާނެ ފިޔަވަޅެކެވެ. މިފަދަ އިސްނެގުމަކަށް ރަޝިއާ އުއްމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި ޒަމާންތަކެެއް ވަންދެން އޮތް ގާތް ގުޅުން ރޫޅިގެން ދިޔައީ އޮސްޓްރީއާގެ ސަރުކާރުން ކުރި އިޚުތިޔާރަކުން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން އިހު އޮތް ގޮތަށް ރުޖޫއަވާނެ ވަކި ދުވަހެއް އަންދާޒާކުރަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރަޝިއާ އާއި އޮސްޓްރިއާއާ ދެމެދު ގުޅުން ކެނޑިފައި އޮތުމަކީ ގުޅުން އަލުން ގާއިމުނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. އެހެންނަމަވެސް ސަފީރު ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ގުޅުމަކަށް އިސްނެންގެވުމަށް އެކަށީގެންވާ ދަނޑިވަޅެއް ނޫނެވެ.

ސަފީރުގެ ވާހަކާގައި އޮސްޓްރިއާގެ ފޮރިން މިނިސްޓަރު އެލެގްޒެންދަރު ޝަލިންބާގަށް ވެސް ހަމަލާއެއް ދެއްވި އެވެ. އެއީ ވަޒީރު ތަންކޮޅެއް ކުރިން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރަޝިއާ ސަރުކާރާ މުއާމަލާތް ކުރެއްވުމަށް ދުވަސްކޮޅެއް ކުރިން އޭނާ މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެކަން ކުރިއަށްދާ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވީ ފޯނެއްގައި އެހެން މީހެއްގެ ފޯނު ނަންބަރެއް ރައްކާކޮށްފައި އޮތެއް ކަމަކު އެ ނަންބަރު ރައްދުވާ ފޯނެއް އަމިއްލައަށް ރިންގުނުވާނެ ކަމަށެވެ.