ފިނިޕޭޖް

ސައިކަލް އެކްސިޑެންޓެއްގައި ޓްރީޓް ވިލިއަމްސް މަރުވެއްޖެ

"އެވާވުޑް"ގެ ތަރި ޓްރީޓް ވިލިއަމްސް އެކްސިޑެންޓަކަށްފަހު ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.

ޓްރީޓްގެ މަރާ ގުޅިގެން އޭނާގެ ގާތް މީހެއް ކަމަށްވާ ބެރީ މެކްފިއަސަން ބުނީ ޓްރީޓް، އޭނާގެ ސައިކަލުގައި އިއްޔެ ހަވީރު ދުއްވާފައި ދަނިކޮށް ކުރިމަތިން ދުއްވާފައި އައި ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު މަރުވެފައިވާ ކަމަށެވެ.

ހިތާމައާއެކު ވާހަކަ ދައްކަމުން ބެރީ ބުނީ ޓްރީޓްއަކީ ވަރަށް ރަނގަޅު އަދި ހުނަރުވެރި މީހެއް ކަމަށެވެ. އަދި ޓްރީޓް އަކީ އެކްޓަރުންނާއި ފިލްމް ހަދާ ފަރާތްތަކުންވެސް ލޯބިވާ މީހެއް ކަމަށާއި 1970ގެ އަހަރުތަކުން ފަށައިގެން ހޮލީވުޑްގައި މައި ހިއްސާއެއް އަދާކުރި އެކްޓަރެއް ކަމަށްވެސް ބެރީ ބުންޏެވެ.

ބެރީ އިތުރަށް ބުނީ މިއަހަރުގެ މިހާތަނަށް ކޮށްފައިވާ މަސައްކަތާ މެދު ޓްރީޓް ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.

އެކްސިޑެންޓްވީ މީހާގެ ނަން ހާމަނުކުރިނަމަވެސް، ވާމޮންޓްގެ ޑޯސެޓްގެ ފަޔާ ޗީފް ޖޭކަބް ގްރިބްލް ބުނީ ހޯމަ ދުވަހުގެ ހަވީރު 5:00 ޖަހާއެހާއިރު ރޫޓް 30ގެ ލޯންގް ޓްރޭލް އޮޓޯ، ޑޯސެޓް ހިސާބުގައި އެކްސިޑެންޓެއް ހިނގި ކަމަށެވެ.

އޭނާ ބުނީ ތަހުގީގުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކާރު ދުއްވަން އިން މީހާ މަގަށް އެޅިއިރު އޭނާއަށް ދުއްވަމުން އައި ސައިކަލު ނުފެނުނީ އެވެ. މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާއަށް އެކަންޏެވެ. އަދި އޭނާ ވަނީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.

ރިޗަޑް ޓްރީޓް ވިލިއަމްސްގެ ގޮތުގައި އުފަންވި މި އެކްޓަރުގެ ފުރަތަމަ ފިލްމް "ޑެޑްލީ ހީރޯ" ނިކުތީ 1975 ގައެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ފީޗާ އަދި ޓީވީ ފިލްމްތަކާއި ސީރީޒްތަކުގައި މަސައްކަތްކޮށްފައިވެ އެވެ. މީގެ ތެރޭގައި "ހެއާ"، "ދަ އީގަލް ހޭޒް ލޭންޑަޑް"، "1941"، "ޕްރިންސް އޮފް ދަ ސިޓީ"، "ސްމޫތް ޓޯކް"، "ޑެވިލްސް އޯން"، "ދަ ޑީޕް އެންޑް އޮފް ދި އޯޝަން"، "ދަ ސަބްސްޓިޓިއުޓް" ގެ ފިލްމްތައް، "ވަޓް ހެޕަންސް އިން ވޭގަސް" ފަދަ ފިލްމްތައް ހިމެނެ އެވެ.

ޓްރީޓް ވިލިއަމްސްގެ ސީރީޒްތަކަށް ބަލާއިރު "ވައިޓް ކޮލާ"، "ޝިކާގޯ ފަޔާ"، "ބްލޫ ބްލްޑްސް"، "އެމެރިކަން އޮޑީސޭ" އަދި "ޗޭސާޕީކް ޝޯޒް" ފަދަ ސީރީޒްތަކުގައި މައިގަނޑު ނޫނީ މުހިއްމު ރޯލްތައް އަދާކޮށްފައިވެ އެވެ. އަދި "އަ ސްޓްރީޓް ކާ ނޭމްޑް ޑިޒަޔާ"، "ޑެޑްލީ މެޓްރިމޮނީ"، "ދަ ލޭޓް ޝިފްޓް"، "ދަ ސްޓެއާކޭސް މާޑާޒް"، "ދަ ނޮއެލް ޑަޔަރީ" ފަދަ ފިލްމްތަކާއި ހޯލްމާކް ފިލްމް ކުޅެފައިވެ އެވެ.

ޓްރީޓްގެ ކެރިއާގެ ކުރީކޮޅު ފާހަގަކޮށްލެވޭ ތިއެޓާ ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްކޮށްފައިވެ އެވެ.

ޓްރީޓްއަކީ ފިލްމް ކުޅުމުގެ އިތުރުން ލައިސަންސްޑް ޕައިލެޓެކެވެ. އަދި ކުދި ސައިޒްގެ ހަތަރު ވަރަކަށް މަތިންދާ ބޯޓް ގެންގުޅުނެވެ.

ޓްރީޓް މަރުވިއިރު އޭނާގެ އަންހެނުން ޕޭމް ވޭން ސާންޓް އާއި ދެ ކުދިން، ގިލް އާއި އެލެނޯ ދުނިޔޭގައި އެބަތިއްބެވެ.