ފޮރިން މިނިސްޓްރީ

އީޔޫ އާއި ރާއްޖޭގެ މަޝްވަރާތައް މިއަދު ފަށަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި ދިވެހި ސަރުކާރާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެއް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އީޔޫއާއި ދިވެހި ސަރުކާރާ ދެމެދު އެކި މައުޟޫއުތަކުގައި މަދުވެގެން އަހަރަކު އެއް ފަހަރު މަޝްވަރާ ކުރެ އެވެ.

މިއަދު ފަށާ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ވަފްދުގެ ބޭފުޅުން މިހާރު ތިއްބެވީ މިމަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސް ގައެވެ.

އެޖެންޑާގައި ހިމެނޭ މައުޟޫއުތައް

  • އިންސާނީ ހައްގުތައް ކަށަވަރުކުރުން
  • ޝަރުއީ ދާއިރާ ތަރައްގީކުރުން
  • އިގުތިސާދީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް
  • ދައުލަތް ހިންގުން ހަރުދަނާކުރުން،
  • މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުން
  • ޑިމޮކްރަސީ
  • ދީނީ ހަރުކަށި ފިކުރު
  • ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ވަރުގަދަކުރުމާއި އަދި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ޝެންގެން ވިސާ ލިބުން ފަސޭހަކުރުންވެސް މަޝްވަރާގައި ހިމެނެ އެވެ.

މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު އެވެ.

އީޔޫއާއި ރާއްޖެއާއި ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން މިދިޔަ އަހަރުގެ މަޝްވަރާ ބައްދަލުވުން މާލޭގައި ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.