( 11 ޖޫން 2023 އާ ގުޅޭ )
"އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟." އެ ކޮޓަރީގައި ހުރުން ރަނގަޅު ކަމަކަށް ނުފެންނާތީ އަހަރެން ބުނީމެވެ. ހޫދު އަހަންނަށް ބަލާ ވެސް ނުލިއެވެ. މަޑުމަޑުން ދޮރުކައިރިން އެއްފަރާތަށް ޖެހިލިއެވެ. ދޮރު ހުޅުވާލީ ވެސް އޭނާއެވެ. އަހަރެން ނުކުތުމުން ނިކަން އަވަހަށް އޭނާ ދޮރު ލައްޕައިފިއެވެ. އަހަރެން އެނބުރި އައިސް ސޯފާގައި އިށީނީއެވެ. ހޫދާ މެދު އަހަރެންނަށް ވިސްނެންފެށިއެވެ. އެހެންވިޔަސް އަހަރެންގެ ހިތް ވަނީ ފައިސަލް ބަލައިގެންފައެވެ.
ރޭގަނޑު ކެއުމު ވަގުތު ޖެހުނުއިރު ވެސް ކާމޭޒު ދޮށުން ހޫދެއް ނުފެނެއެވެ. ސީރަތުގެ ވާހަކައިން ހޫދު ގެއަކުނެތްކަން އެނގުނެވެ. ކައިގެން ނުކުމެ ސިޓިންރޫމުގައި ތިއްބާ ސީމާއާއި އައިންތު އެމީހުންގެ ރައްޓެހި ކުދިބަޔަކާއެކު އިތޫމެންގެއަށް އައެވެ. ކުރިޔަށް އޮތް ހަފްތާ ބަންދު ދިމާވާނޭހެން އެމީހުން ދަތުރެއް ރާވަނީއެވެ. އެމީހުން އައީ އެ ދަތުރުގައި އަހަރެމެން ބައިވެރިކުރާށެވެ. ރަށާ ކައިރީ އޮތް ފަޅު ރަށަށް ދަނީ ކަމެއް ނޫނީ ރަށުތެރެއިން މީހުން އެންމެ ގިނައިން ދަތުރު ގޮސް އުޅޭ ހިސާބަކަށް ދާނީކަމެއް ނުނިންމި މަޝްވަރާގައި ތިއްބެވެ. ފަޅުރަށަށް ދާނަމަ ފިރިހެނަކު ހުންނަން ޖެހޭނެކަމާއި ކުޑަ ދޯންޏެއް ވެސް ހަމަޖައްސަން ޖެހޭނެކަން އެމީހުން ތިބެގެން ކިޔެވެ. ފައިސަލް އަހަރެމެންނާއެކީ ހިނގައްޖެނަމަ އެ ހުރިހާކަމެއް ހަމަޖެހޭނޭ އަހަރެން ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން އެމީހުންގެ ވާހަކައިގައި ބައިވެރިނުވެ އިނީއެވެ. ފައިސަލްގެ ޠަބީޢަތް އެނގޭތީއެވެ.
"މިރަށުން ދާންވާއިރަށް މީނައަށް ވާހަކަ ދައްކަން ދަސްކޮށްދޭންވާނެ." އަހަރެން ބަހެއްނުކިޔާ އިނީތީ އައިންތު ދިމާކޮށްލިއެވެ.
"ތި މީހުން ރާވާނީ. އަހަރެން މިއިނީ ބައިވެރިވާން ތައްޔާރަށް. ދޯ އިތޫ." އަހަރެން ބުނީމެވެ. އިތޫ އަހަންނާ އެއްބައިވިއެވެ.
އަނގަތަޅަން ތިބެފައި ސީމާއާއި އައިންތުއާ އެކީ އައި ގުރޫޕު ނައްޓާލީ ދިހައެއް ޖެހިފަހުންނެވެ. އެމީހުން ފޮނުވާލަން އިތޫއާއެކީ ދޮރޯށި ބުޑަށް އަހަރެމެން ނުކުތީމެވެ. އަދި އެތަނުގައި ދެ މީހުން މަޑުކޮށްލައިގެން ތިބީއެވެ. ވާރޭ ނުވެހުނަސް ފަޒާގައި ހުރި ފިނިކަން ފިލައިގެން ނުދެއެވެ. ދުވާލުގެ އަލިކަމުގައި މަގުމައްޗަށް ބަލާލުމުން ފެންނަ ކުލަރީތި ޗާލު މަންޒަރުގެ ކުލަ ފަނޑުވެ އަނދިރީގޭ ހިޔަނިތަކަށް ވަނީ ބަދަލުވެފައެވެ. އިރުކޮޅަކު އެހެން ތިބެފައި އިތޫ އެތެރެއަށް ވަންނަން ގަސްދުކުރީއެވެ.
"ޓެންތާޓީގައި ފައިސަލް އަންނާނެ." އިތޫއާއެކީ އޭނާގެ ކޮޓަރިއަށް ވަންނަން ދަމުން ބުނީމެވެ.
"މިރޭ ފެނުނީމަ ދިމާކޮށްލާނަން." ނިކަން ހިނިއައިސްފައި އިތޫ ބުންޏެވެ.
"އޭތް... ނޫން. އިތޫ ކައިރީ ބުނީ އަހަރެން. ފައިސަލްއަކަށް ނޭނގޭނެ. ޕްލީޒް... އެއްޗެކޭ ނުކިޔާތި. އެނގުނު ކަމަށް ވެސް ނަހަދާތި." އަހަރެން ހާސްވެފައި އަވަސްއަވަހަށް ބުނެލީމެވެ. އިތޫ ބާރަށް ހޭންފެށިއެވެ.
އިތޫގެ ކޮޓަރީގައި ހުރި ފާޚާނާއަށް އަހަރެން ވަނީ ފައިސަލްއާ ބައްދަލުވާންވާއިރަށް ތާޒާވެލާށެވެ. މޫނުގައި ހުރި ތެޔޮކަން ކަނޑުވާލަން މޫނު ދޮވެލުމަށްފަހު އަހަރެން ގެންގުޅޭ ފުށްދަޅުން ފުށްކޮޅެއް ޖަހާލީމެވެ. ތުންފަތް ތެތްކޮށްލީ "ސްޓޯބެރީ ލިޕްބާމް" އިންނެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިތައް އޮމާންކޮށްލަން ދެ އަތްތިލަ ތެތްމާލާފައި އިސްތަށިގަނޑުގައި ހަކާލީމެވެ. ހުރެވުނު ގޮތާމެދު ހިތްހަމަޖެހުމުން ފާޚާނާއިން ނުކުމެ އަހަރެންގެ އަތްދަބަހުގައި އަބަދުވެސް ގެންގުޅޭ ކުޑަ ސެންޓުފުޅިން ސެންޓު ޖަހާލީމެވެ. އިތޫ ފެންނަން ނެތުމުން ކޮޓަރީގައި މަޑުނުކޮށް އަހަރެން ނުކުތީއެވެ. ސިޓިންރޫމުގައި ނެތުމުން އަހަރެން ބަދިގެ ވެސް ބެލީމެވެ. އިތޫއެއް ނުފެނުނެވެ. ސިޓިންރޫމުގައި ހުރި ގަޑިން ދިހަގަޑި ބައިވާން ގިނައިރެއްނެތްކަން ފެނެއެވެ. އަހަރެން ދާން އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިތޫ ދިޔައީ ކޮންތާކަށްބާއޭ ހިތަށް އެރިއެވެ. ބަރާބަރު ދިހަގަޑި ބައިވަންދެން ސޯފާގައި އިނދެފައި އަހަރެން ތެދުވެގެން އައިސް ވާހިދު ދޮންބެއާއި ސީރަތު އުޅޭ ކޮޓަރީގައި ޓަކި ޖެހީމެވެ. ކޮންމެވެސް މީހެއް ކައިރީ ބުނެލާފައި ދިއުންކަން ރަނގަޅުވާނީ ވިސްނޭތީއެވެ.
"ދާން މިދަނީ." ސީރަތު ދޮރުހުޅުވާލުމުން އަހަރެން ބުނީމެވެ.
"އާން... ކޮބާ އިތޫ." ސީރަތު ނުކުތްއިރު އަހަރެން އެކަނި ފެނުމުން ސުވާލުކުރިއެވެ.
"ނޭނގެ. ފާޚާނާއަށް ވަދެފައި ނުކުތްއިރު ކޮޓަރިއަކުނެތް. ބަދިގެ ވެސް ބަލައިފިން." އަހަރެން ބުނީމެވެ.
ސީރަތު އެނބުރި ކޮޓަރިއަށް ވަދެފައި ނުކުތީ ފޯނު ހިފައިގެންނެވެ. އަހަރެން ނުކުންނަން ހިނގައިގަތުމުން އަހަރެންނާއެކީ އޭނާ އައެވެ. ދޮރޯށި ހުޅުވާލިއިރަށް ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ފައިސަލް ބުނިހެން އޭނާ ބަރާބަރު ގަޑިއަށް އޭނީ އައިހެވެ. އިތޫއަށް އަހަރެން ފަހުން ގުޅާނަމޭ ސީރަތު ކައިރީ ބުނެފައި ހިނގައިގަތީ ކާރާ ދިމާއަށެވެ. އަހަރެން ކާރަށް އަރާ ދޮރުފަތް ލައްޕާލި ވަގުތު ގެއިން އިތޫ ނުކުތްތަން ފެނުނެވެ. އޭނާ ދުވެފައި އައިސް އަހަރެން އިން ފަރާތުން ކާރު ކައިރީ މަޑުކޮށްލުމާއެކު ދޮރުފަތް ހުޅުވާލިއެވެ.
"ކޮންތާކަށް ވަނީ. ނުފެނިގެން ދޮންބެދައްތައަށް ގޮވީ." ހުޅުވިގެން ދިޔަ ދޮރާއެކީ އަހަރެން އިތޫއަށް ބުނީމެވެ.
"މީ އާނައަށް." އިތޫގެ އަތުގައި އޮތް ހުދުކުލައިގެ ކަރުދާސް ކޮތަޅު ދިއްކޮށްލިއެވެ.
ކޯއްޗެއްތޯ އަހަރެން އެހީމާ ވެސް އިތޫ ބުނަން ގަސްދެއް ނުކުރިއެވެ. އަހަރެންގެ އުނގަށް ކޮތަޅު ލާފައި ކާރުގެ ދޮރުފަތް ލައްޕާލީ މާދަމާ ގުޅައްޗޭ ބުނެފައެވެ. އިތޫ އެހާ އަވަސްއަރައިގަނެގެން އުޅުނީމަ އަހަރެން ހައިރާން ވެސް ވިއެވެ. ކާރު ދުއްވާލަންވީތޯ ފައިސަލް އަހާލި ހިސާބުން އަހަރެންގެ ސަމާލުކަން ބަދަލުވެއްޖެއެވެ. ބޯޖަހާލަމުން އަހަރެން އާނއެކޭ ބުނެ ފައިސަލްއަށް ބަލާލީމެވެ.
ގެސްޓްހައުސްއަށް ދިއުމުގެ ބަދަލުގައި އަހަރެމެން ރަށުތެރޭގައި ދުއްވަމުން އައިސް ބަނދަރާ ދިމާގައި ކާރު މަޑުކޮށްލައިގެން ތިބީއެވެ. އިތޫއާއެކު ދުވަހުގެ ވަގުތުތައް ހޭދަވެގެން ދިޔައީ ކިހިނެއްތޯ ފައިސަލް އެއްސެވެ. ހުރިހާ ވާހަކައެއް އޭނާއަށް ކިޔާދިނީމެވެ. ސީމާއާއި އައިންތު ރާވާފައި އޮތް ދަތުރުގެ ވާހަކަ ވެސް ބުނީމެވެ. ޒަފަރުގެ ޢާއިލާއާ ބައްދަލުވެ ކުރެވުނު ތަޖުރިބާ ވެސް ކިޔާދިނީމެވެ. އަހަރެންނަށް ބަލަން ފައިސަލް އިނީ ޝައުގުވެރިކަމާއެކުއެވެ. ފުރިހަމަ ހިނިތުންވުމަކަށް ނުވާ ހިނިތުންވުމެއްގެ އަސަރު އޭނާގެ ތުންފަތުގައި ވިއެވެ.
ކާރުން ފައިބާ އަހަރެން މަޑުކޮށްލީ ފައިސަލް އަންނަންދެނެވެ. ދެ މީހުން އެކުގައި ގެސްޓްހައުސްއަށް ވަންނާށެވެ. އިތޫ ދިން ކޮތަޅުގައި އޮތީ ރަތްކުލައިގެ ކަރުދާހަކުން ޕާރުސަލްކޮށްފައި އޮތް ފޮށްޓެކެވެ. އެ ކަނޑައި ބަލަން އުޅުމުގެ ބަދަލުގައި އަހަރެން އައީ ކޮޓަރީގައި އެ ބާއްވާށެވެ. އެނދުމައްޗަށް ކޮތަޅު ދޫކޮށްލާފައި ކޮޓަރިން ނުކުމެ ހަލުވި ފިޔަވަޅުގައި ތިރިއަށް އައީމެވެ. ސޯފާގެ ލެނގޭބައިގައި އެއް އަތް ދަމާލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ފައިސަލް އިނެވެ. އަހަރެން އަންނާނޭކަން ޔަގީންވެފައި އިން ކަހަލައެވެ. އަހަރެން އައިސް އިށީނީ ޖެހިގެން ހުރި ސޯފާގައެވެ. އެއާއެކު ފައިސަލްގެ ޖިންސުގެ އަރިމަތީ ޖީބުން ނަގާފައި އަހަންނަށް ދިއްކޮށްލީ ފޯނެވެ.
"ފޯނު މަތިން ހަނދާނެތުނީތަ؟." ފައިސަލް އަހާލިއެވެ. އަހަރެން ހީނލީމެވެ. ފައިސަލް އެ ބުނެވުނީ ރަނގަޅަށް ވީމައެވެ.
"އެމީހުން ބުނި އެއްވެސް މައްސަލައެއްނެތޭ." އަހަރެން ފޯނުގައި ހިފުމުން ފައިސަލް ބުންޏެވެ.
އަހަރެން ފޯނު ހުޅުވާލީމެވެ. އެއްވެސް މައްސަލައެއް ދިމާނުވެ ފޯނު ހުޅުވުނެވެ. ފައިސަލް އެއްޗެކޭ ބުނޭތޯ އަހަރެން ވަރަށް އިންތިޒާރުކުރީމެވެ. މިރޭ ޓީވީއެއް ވެސް ނުހުޅުވިއެވެ. އޭނާ ވެސް ފޯނު ނަގައިގެން ފޯނާ ކުޅެން އިނީއެވެ. އަހަރެން ފޯނަށް ބެލުން ހުއްޓާލާފައި ދެ އަތުގެ ތެރެއަށް ފޯނު ލީމެވެ. ދެން ވެސް ފައިސަލްގެ ސަމާލުކަމެއް އަހަރެންނަށް ނުލިބުނެވެ.
"ފައިސަލް." އަހަރެން ގޮވާލުމުން އޭނާ ހޫން ލައްވާލިއެވެ. ދެން ފޯނުން ނަޒަރު ވަކިކޮށްލައި އަހަރެންނަށް ބަލައިލިއެވެ.
ފައިސަލްއަށް ޖަވާބުދޭން ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ސަމާލުކަން ކުޑަވެފައިވީ ވަގުތެއްގައި އެ ވާހަކަ ބުނަންވީބާއޭ ހިތުގައި ސުވާލު އުފެދުނީއެވެ. އަނެއްކާ ގަސްދުގައި ފައިސަލް އެހެން ކަންތައް ކުރަނީބާއެވެ.
"ކިހިނެއްވީ." ގޮވާލާފައި އަހަރެން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ފައިސަލް އަހާލިއެވެ.
"ނަތިންގް." އަހަރެން ބުނީމެވެ.
"އެއްޗެކޭ ބުނަންކަން އެނގޭ ގޮވާލީ. އަޑު އަހަން މީނީ." ފައިސަލް މިހެން ބުނެލުމާއެކު އަހަރެންނާ ނަޒަރު ވަކިކޮށެއް ނުލިއެވެ. އެ ދެ ލޮލުން އެކައްޗެއް ވެސް ދެނެގަންނާކަށް ނޭނގުނެވެ. އަހަރެން އިންތަނުން ތެދުވީމެވެ. ފައިސަލް އިން ސޯފާގެ އަނެއްކޮޅުގައި އައިސް އިށީނީމެވެ. އެއާއެކު އަހަރެންގެ ކައިރިއަށް ފައިސަލް ޖެހިލައިފިއެވެ.
"ބުނެބަލަ." މަޑުމަޑުން ފައިސަލް ބުންޏެވެ.
"ރޭގަ ދެއްކި ވާހަކަތައް އެއީ ހަމަ ސީރިއަސްކޮށް ފައިސަލް ބޭނުންވާ ގޮތްތައް." އަހަރެން އަހާލީމެވެ. ބޭނުންވީ އަހަރެންގެ ނިންމުން ފައިސަލްއަށް އިއްވުމުގެ ކުރީން އޭނާގެ އިޙްސާސްތައް ޔަގީން ކުރާށެވެ.
"އާން. އާނައާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާކަން ހާމަކުރަން ދެއްކި ވާހަކައެއްވިއްޔާ ދެއްކީ. ކިހިނެއްވީ؟. ކަމަކަށް ޝައްކުވަނީތަ؟. އާނައަށް މީ ރަނގަޅުކަމެއް ކަމުގައި ނުފެންނަންޏާ އަހަރެން އެކަން ޤަބޫލުކުރާނަން. އަހަރެން ހިތްހަމަނުޖެހިދާނެތީއޭ ހީވެފައި ނުބުނެ ނުހުނައްޗޭ. މިހާރު ވެސް މިއޮތް އެކުވެރިކަން އޮންނާނެ. އާނަ އެނބުރި ދަންދެން އަހަރެންގެ އެހީތެރިކަން ވެސް ލިބޭނެ. އެކަމާ ހާސްވާކަށް ނުޖެހޭނެ." ފައިސަލް ބުންޏެވެ. އަހަރެން ހިނިތުންވެލީމެވެ. ފައިސަލްއާ ދިމާއަށް ކުޑަކޮށް އެނބުރިލައިގެން އިނދެ ވާހަކަދެއްކީމެވެ.
"ދެ މީހުން ގުޅެން ކިހިނެއް ހަދަންވީ." އަހަރެން މިހެން ބުނުމުން ފައިސަލް ހިނދުކޮޅަކަށް ހައިރާންވެފައި ދެން ނިކަން ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.
"އާނަ ޤަބޫލޭ ބުނަންވީ." ފައިސަލްގެ އަޑުގައި އުފާވެރިކަން ވިއެވެ.
"އަހަރެން ޤަބޫލު." ވަގުތުން އަހަރެން ބުނީމެވެ. ފައިސަލް ކުއްލިއަކަށް އަހަންނާ ނަޒަރު ވަކިކޮށްލައި އިސްއޮބާލިއެވެ. ދެން ހޭންފެށިއެވެ. އޭނާގެ ހުނުމުގެ އަޑާއެކު އަހަރެންނަށް ވެސް އިނދެވުނީ ހިނިއައިސްފައެވެ. އަހަރެން ބޯ އަރިކޮށް ފައިސަލްގެ މޫނަށް ބަލަން މަސައްކަތް ކުރަމުން އަނެއްކާ ވެސް ޤަބޫލޭ ބުނެލީމެވެ. އަހަންނަށް ފައިސަލް ބަލާލިއެވެ. ކޮނޑުގައި ހިފައި އޭނާއާ ކައިރިޔަށް ދަމާލުމާއެކު އަހަރެންގެ ގައިގާ ފައިސަލް ބައްދާލިއެވެ.
"ތެންކިޔު." އަހަރެންގެ ކޯތާފަތުގައި ބޮސްދީފައި ފައިސަލް ބުނެލި އަޑު އިވުނެވެ. އަހަރެންނާ ދުރަށް ފައިސަލް ޖެހިލީ އިރުކޮޅަކު އެގޮތުގައި އިނުމަށްފަހުއެވެ. އަހަރެން ލަދުގަންނަ ވަރަށް އޭނާ ބަލަމުންދިޔައެވެ.
ފައިސަލް އެދުނީ އިހަށް އެއްވެސް މީހެއް ކައިރީ އަހަރެމެންގެ ވާހަކަ ނުދައްކާ ސިއްރުކޮށްދިނުމަށެވެ. މީހުންގެ ތެރޭގައި ލޯބިވެރީންގެ ގޮތުގައި ފެންނަން އަދި އަވަހީއެވެ. އޭނާގެ ނަފްސު އެކަމަށް ތައްޔާރުނޫނީއެވެ. އަހަރެން ފައިސަލްގެ އެ ނިންމުންތަކަށް އެއްބަސްވީމެވެ. ދަންވަރު ތިނެއް ޖަހަންދެން ސޯފާގައި ފައިސަލްގެ އުނގުތެރޭގައި އަހަރެންވީމެވެ. އަހަރެމެންގެ އަމިއްލަ ދުނިޔެއަކަށް ގެއްލި ވާހަކައިގައި ތިބެވުނީއެވެ. ހަޤީޤީ ދުނިޔެއަށް އަހަރެމެން ގެނުވީ ކުއްލިއަކަށް އޮއްސާލި ވާރޭއެވެ.
"އާނަ ނިދާލަން ދާންވީނު. މިރޭ ދެން މިހެން ތިބުން ރަނގަޅެއްނުވާނެ." ފައިސަލް ބުންޏެވެ. އަހަރެން ދެކޮޅު ނުހެދީ ފައިސަލްގެ ވާހަކައާ އަހަރެން އެއްބަސްވާތީއެވެ. ދުރުނުވެވޭވަރަށް ކައިރިވެވިދާނޭކަމަށް ފައިސަލް ހުންނަނީ ފަރުވާތެރިވެއެވެ.
ކޮޓަރިއާ ހަމައަށް އަހަރެންނާއެކީ ފައިސަލް އައެވެ. ވަކިވުމުގެ ސަލާމެއްގެ ގޮތުން އަހަރެންގެ ކޯތާފަތުގައި ފައިސަލް ބޮސްދިނެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރުލައްޕާލީ އޭގެ ފަހުގައެވެ.
ދަތިކަމެއްނެތި އެނދުގައި އޮށޯތުމާއެކު ނިދިއްޖެއެވެ. ނަމަވެސް ނިދީގެ އަރާމުކަމެއް ނުލިބުނެވެ. ރަނގަޅަށް ނިދި ހަރުވެލާއިރަށް ހީވަނީ މީހަކު އަހަރެންގެ ފައިގައި ހިފައި ދަމައިގަންނަ ހެންނެވެ. ވެއްޓެން އުޅޭ ފަދައިން އަހަރެން ކޮންމެ ފަހަރަކު ދަނީ ސިއްސައިގެންނެވެ. ނިދަން ބޭނުންވެ ވަރުބަލިވެފައި ހުރިވަރުން ބިރަށްވުރެ ބޮޑަށް އުނދަގޫވެ ރުޅިގަދަވީއވެ. އެހެންވެ ރުޅިގަދަވެގެން ގޮސް ހަޅޭލަވައި ގަތީމެވެ.
"ކިހާދެރަކަމެއްތަ؟. ކޮންއުނދަގުލެއްތަ ތިކުރަނީ... ކާކުތަ ތީ." އަހަރެން ކޮޓަރިތެރެ ހޯދަމުން ނިކަން ބާރަށް ބުނީމެވެ. ނަމަވެސް އެއްވެސް ހިލަމެއް ނުވިއެވެ.
އަހަރެންގެ އަޑު ކެނޑުމުން އަނެއްކާވެސް ފުން ހިމޭންކަމުގެ ތެރެއަށް ކޮޓަރި ގެނބުނީއެވެ. ނުނިދިފައި އިރުކޮޅަކު އޮތުމަށްފަހު އަހަންނަށް ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ދެން ހޭލެވުނީ އަހަރެންގެ ކޮޓަރީގައި ޓަކިދޭ އަޑަށެވެ. ތެދުވެލާ ފޯނު ބަލާލިއިރު ހެނދުނު ހަތެއް ޖަހަނީއެވެ. އިސްތަށިގަނޑު އޮމާންކޮށްލައި ހުޅިއެއް ޖަހާލުމަށްފަހު އެނދުން ފައިބައިގެން އައިސް ދޮރު ހުޅުވީމެވެ. އޭރު ދޮރުމަތީ އެންމެ ތާޒާކަމާއި ފިރިހެންވަންތަ ކަމާއެކު ފައިސަލް ހުއްޓިލައިގެން ހުއްޓެވެ. މާކުރީން ވެސް އެ އައީ ފައިސަލްއޭ އަހަރެންގެ ހިތް ބުންޏެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރުމުން އެ ލިބުނު އުފާވެރިކަން ތަފާތެވެ.
"ގުޑްމޯނިންގް." ފައިސަލް ބުނެލިއެވެ.
"ދެންމެ މި ހޭލެވުނީ." އަހަރެން ބުނީމެވެ.
"ރެޑީވަންދެން ވަންނަންވީތަ؟." ފައިސަލް އަހާލިއެވެ. އެ ދެ ލޮލުން ލާނެތްކަމުގެ ވިދުމެއް ފާޅުވެލިއެވެ.
"ނޯ. އަހަރެން މިދަނީ." ދޮރުކަންޏަށް އަތް ހުރަސްކޮށްލަމުން އަހަރެން ބުނެލީމެވެ. ހިނިއައިސްފައި ހުރެ ފައިސަލް ބޯޖަހާލިއެވެ. ހަމައެވަގުތު ފޯނު ރިންގުވާ އަޑު އިވެންފެށިއެވެ.
"މަންމަ ކަންނޭނގެ." ފައިސަލް ބަލާލި ގޮތުން އަހަރެން ބުނެލީމެވެ.
"ބަދިގެއަށް އާދޭ އިނގޭ." ފައިސަލް މިހެން ބުނެ ހިނގައިގަތީއެވެ.
ކޮޓަރިއަށް ވަދެ ދޮރު ލައްޕާފައި އަހަރެން އަވަހަށް އައިސް އެނދުމަތިން ފޯނު ނެގީމެވެ. ރިންގުވަނީ އަހަރެންގެ ފޯނެއް ނޫނެވެ. އެއާއެކު ވިސްނާލުމުން އެނގުނީ އެއީ އަހަރެންގެ ފޯނުގެ "ރިންގުޓޯން" އެއް ވެސް ނޫންކަމެވެ. އެހެންވިޔަސް އެ އަޑު އިވެނީ ކޮޓަރި ތެރެއިންނެވެ. އަޑަށް ސަމާލުވެ ހޯދަނިކޮށް އަހަރެންނަށް ފާހަގަވީ ރޭގައި އިތޫ ދިން ކޮތަޅެވެ. އެ ހިފައިގެން އައިސް އެނދުގައި އިށީނީމެވެ. ޕާރުސަލްކޮށްފައި އޮތް ފޮށި ނަގައި ބޭރުންވީ ކަރުދާސްގަނޑު ނައްޓާލީމެވެ. އޭރު ހަމަ ރަނގަޅަށް ވެސް ފޯނު ރިންގުވަނީ އެ ފޮށީގެ ތެރެއިންކަން ޔަގީންވެއްޖެއެވެ. ޕާރުސަލްކޮށްފައި އޮތީ ފޯނެކެވެ. ފޮށިގަނޑު ހުޅުވާލިއިރު ފޯނުގެ އިސްކުރީނު ދިއްލިފައި އޮތެވެ. ނަންބަރު އަރާފައި އޮތަސް ކާކުކަމެއް ބުނާކަށް ނޭނގެއެވެ. އެ ފޯނަކީ އިތޫ ދިން އެއްޗަކަށް ވާތީ އަހަރެން ފޯނުކޯލު ނެގީމެވެ.
"ހެލޯ." ސުވާލު އުފެދިފައި ހުރެ އަހަރެން މަޑުމަޑުން ގޮވާލީމެވެ.
"މޯނިން ބިއުޓިފުލް." އިވުނީ ފިރިހެނެއްގެ އަޑެވެ. އެމީހަކު ހުރީ ވަރަށް އަޑުގަދަ ތަނެއްގައެވެ. އެހެންވިޔަސް ރާގު ހުރި ގޮތުން ހިތުގައި ޝައްކު އުފެދުނީއެވެ. އަހަރެންގެ ހިތަށް އެއީ ކާކުކަން ހީވާތީއެވެ.
"ހޫދު." އަހަރެން ބުނެލީމެވެ.
(ނުނިމޭ)