ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނޯޓިސް ފޮނުވައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި 14 ދުވަހުގެ ނޯޓިސް އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާ އިން ފޮނުވީ އިއްޔެގެ ވަގުތެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެ އެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރަން 54 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މިމަހުގެ ހަތްވަނަ ދުވަހު އެެވެ. މީގެތެރޭގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ސޮއި ސޮއިކުރައްވާފައިވެ އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ. މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުން ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް މިވަގުތު 56 މެންބަރުން އެބަތިއްބެވި އެވެ.