ދުނިޔެ

ސޯމަލިއާގެ މަތިންދާބޯޓެއްގައި ބޮން ގޮއްވީ އެއްމެން މަރާލަން: އޮފިޝަލުން

މިދޔަ އަންގާރަ ދުވަހު ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫ އިން ފުރައިގެން ޖިބޫތީއަށް ދަތުރުކުރަމުން ދާލޯ އެއާލައިންގެ މަތިންދާބޯޓެއްގައި ބޮމެއް ގޮއްވާލީ އެބޯޓުގައި ތިބި އެއްމެން މަރާލަން ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެބޯޓު ނައްޓާލިތާ ގިނަ އިރުތަކެއް ނުވަނީސް ބޯޓުގެ އަރިމަތިން ބާގަނޑެއް ހެދުމުން ބޯޓުވަނީ އެމަޖެންސީގައި އަނބުރާ މޮގަދިޝޫއަށް ޖައްސާފަ އެވެ. އެހެން ކަމުން ބޮން ގޮއްވާލީ މޮގަދިޝޫން ނައްޓާލިތާ މާގިނައިރެއް ނުވަނީސް ކަމަށް ބެލެވެ އެވެ. މިހާދިސާގައި އެކަކު އެބާގަނޑު ތެރެއިން ވެއްޓި މަރުވި އިރު އިތުރު ދެމީހަކަށް އަނިޔާވި އެވެ.

މޮގަދިޝޫގެ އުތުރުން 18 މޭލު ދުރުގައި އޮންނަ ބަލާދު އަވަށުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެއީ ދާލޯ އެއާލައިނުގެ ބޯޓުން ވެއްޓުނު މީހާ ކަމަށް ބެލެވޭ ކަމަށް ވެސް އެ އަވަށުގެ ފުލުހުން ބުންޏެވެ.

މިހާދިސާގައި ގޮއްވާލި ބޮން އޮތީ ބޯޓުން ދަތުރުކުރި 60 ފަސިންޖަރުންގެ ތެރެއިން ކޮންމެސް އެއް ފަސިންޖަރެއްގެ ލެޕްޓޮޕްގައި ފޮރުވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޯޓު ޖެއްސުމާ އެކު ސޯމާލިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާބަސްގެ ޓެކްނިކަލް ޓީމަކުން ވަނީ މި ހާދިސާ ތަހްގީގު ކުރަން ފަށާފަ އެވެ.

ހާދިސާ ހިނގިއިރު ބޯޓު އޮތީ 11،000 ފޫޓު މަތީގައި އޮއްވާ ކަމަށާއި އެއަށް ވުރެ މަތީގައި އޮއްވާ ގޮއްވާލި ނަމަ ވަރަށް ގޯސްވީސް ކަމަށް ބޯޓުގެ ކެޕްޓަން ވަލްޓްކޯ ވޮޑޮޕިވެކް ބުންޏެވެ.

ދާލޯ އެއާލައިންސްއަކީ ސޯމާލިއާ އާއި ދުބާއީ އަދި ޖިބޫތީއާ ދެމެދު ގަވާއިދުން ދަތުރުތައް ކުރާ އެއާލައިނެކެވެ.