ފިނިޕޭޖް

"ގްލޭޑިއޭޓާ 2" ގެ ސެޓްގައި އެކްސިޑެންޓެއް ހިނގައިފި

ރިޑްލީ ސްކޮޓްގެ މިހާރު ޝޫޓިން ކުރިއަށްދާ "ގްލޭޑިއޭޓާ 2" ފިލްމްގެ ސެޓްގައި އެކްސިޑެންޓެއް ހިނގައި، ކްރޫ މެންބަރުންތަކަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ފިލްމްގެ ސްޓަންޓެއް ހަނދަން އުޅުމުގެ ތެރޭގައެވެ. ވެރައިޓީން ރިޕޯޓްކުރި ގޮތުގައި މޮރޮކޯގައި ހަދާފައިވާ މި ފިލްމްގެ ސެޓްގައި އެކްސިޑެންޓެއް ހިނގައި، ހަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

ޕެރެމައުންޓް ޕިކްޗާސްގެ ތަރުޖަމާން ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި އެއީ ފުރާނައަށް ގެއްލުންވާފަދަ އަނިޔާއެއް ނޫނެވެ.

ތަރުޖަމާން ބުނީ ސެޓްގައި ތިބި ސޭފްޓީ އަދި މެޑިކަލް ޓީމް އެއްކޮށް އަދި އަވަސްކޮށް ހަރަކާތްތެރިވެ، އަނިޔާ ލިބުނު މީހުންނަށް ވަގުތުން ފަރުވާދިން ކަމަށާއި އެމީހުންގެ ހާލަތު ރަނގަޅު ކަމަށެވެ.

ފިލްމްގެ ކާސްޓް އާއި ކްރޫގެ ސިއްހަތާއި ރައްކާތެރިކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ވަރަށް ހަރުކަށި "ހެލްތް އެންޑް ސޭފްޓީ" އުސޫލުތައް އެމީހުންގެ ހުރިހާ ޕްރޮޑަކްޝަންތަކެއްގައިވެސް ހުންނާނެ ކަމަށް ތަރުޖަމާން ބުންޏެވެ. އަދި އެ ހާލަތު މޮނީޓާކޮށް، އަޅަންވާ ހުރިހާ ސަލާމަތީ އަދި ރައްކާތެރި ފިޔަވަޅުތައް އެޅުމަށްފަހު ޕްރޮޑަކްޝަން އަލުން ފަށާނެ ކަމަށްވެސް ބުންޏެވެ.

"ގްލޭޑިއޭޓާ" އަކީ 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމްގައި ރަސަލް ކްރޯ، ހުވާކިން ފީނިކްސް، ކޮނީ ނީލްސަން، އޮލިވާ ރީޑް، ޖައިމަން ހޮންސޫ، ޑެރެކް ޖެކޯބީ އަދި ރިޗަޑް ހެރިސް ހިމެނެ އެވެ.

ރިޑްލީ ސްކޮޓްއަށް ވަނީ މި ފިލްމުގެ ޕްރޮޑަކްޝަންގައި ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެތެރޭގައި ޝޫޓިން ނިމުމުގެ ކުރިން ހާޓް އެޓޭކެއް ޖެހިގެން އޮލިވާ ރީޑް މަރުވުން ހިމެނެ އެވެ. އޮލިވާގެ ބާކީ ސީންތައް ވަނީ ސީޖީއައި އަދި ބޮޑީ ޑަބަލްއެއް ބޭނުންކޮށްގެން ނިންމާފަ އެވެ.

ގުލޭޑިއާޓެ ފުރަތަމަ ފިލްމު ވެގެންދިޔައީ ނުހަނު ކާމިޔާބު ފިލްމަކަށާއި އެ އަހަރުގެ ދެވަނައަށް ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމަށެވެ. އަދި މި ފިލްމަށް ފަސް އެކަޑަމީ އެވޯޑްސް ލިބިފައިވެ އެވެ.

މި ފިލްމުގެ ސިކުއެލްގައި ޕޯލް މެސްކަލް، ޑެންޒެލް ވޮޝިންޓަން، ޕެޑްރޯ ޕަސްކަލް، ޖޯސެފް ކުއިން، ޕީޓާ މެންސާގެ އިތުރުން "ގްލޭޑިއޭޓާ"ގެ ފުރަތަމަ ފިލްމުން ކޮނީ ނީލްސަން، ޖައިމަން ހޮންސޫ އަދި ޑެރެކް ޖެކޯބީ ހިމެނެ އެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރުގަ އެވެ.