އީވާ އަބްދުﷲ

އީވާގެ މައްސަލަ މިއަދުވެސް އެޖެންޑާ ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލަ އެވެ.

އިދިކޮޅު މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ.

ކޮމިޓީތަކުގެ ތެރެއިން އާންމު ކޮމިޓީއަކީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބަހުސްގެ ވަގުތު ކަނޑައަޅާ ކޮމިޓީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބޭތާ ރަސްމީ ތިން ދުވަހުގެ ތެރޭގައި މައްސަލައިގެ ނޯޓިސް އެ މައްސަލައެއް ރައްދުވާ ބޭފުޅަކަށާއި މެންބަރުންނަށް ފޮނުވަން ޖެހެ އެވެ. އަދި ޖަވާބުދާރީވާންޖެހޭ ބޭފުޅާ އަށް 14 ދުވަހުގެ ނޯޓިސްއެއް ދެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް މަޖިލީހުގެ އިދާރާއިން އިޖުރާތުތައް ފުރިހަމަކުރުމަށްފަހު އީވާގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރަންޖެހެ އެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ނުކޮށް ޖަލްސާ ކުރިއަށް ގެންދަން އުޅުމުން ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވަނީ އެ ދުވަހުގެ ޖަލްސާ ހުއްޓުވާފަ އެވެ.

އެކަމަކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގަތުމަށްފަހު ރިޔާސަތު ބަލަހައްޓަވާނެ އެހެން ބޭފުޅަކު ވެސް ކަނޑައަޅުއްވާފައި ނުވާތީ އިއްޔެގެ ޖަލްސާ ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކުރުމާ އެކު އިދިކޮޅު ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ ކޮމިޓީތައް އަލުން އެކުލަވާލަން އުޅެނީ އެމްޑީޕީއަށް މާބޮޑަށްވެސް ރަނގަޅުވާ ގޮތަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.