ރައްޔިތުންގެ މަޖިލިސް

އަވަގުރާނަ ގޮވައި ގަޔަށް އަތްލާ ހިސާބަށް ދިއުމުން މަޖިލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް ޖަލްސާ ފެށުމާ އެކު ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލާ ޖަލްސާ ހުއްޓުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވުމާ ގުޅިގެން ޖަލްސާ ފެށުމަށް މަސައްކަތް ކުރީ ކުއްލި މައްސަލަ އަކުންނެވެ. ނަމަވެސް ކުއްލި މައްސަލައަށް ފުރުސަތު ދިނުމާ އެކު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާފަ އެވެ.

އާޒިމު ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި އެކަމުގައި ޕާޓީތަކާ މަޝްވަރާ ކުރެވިފައި ނެތުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާއިރު މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ 64 ޕަސެންޓް އެމްޑީޕީއަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލަ އެވެ.

އާޒިމް ނިޒާމީ މައްސަލަ ނަންގަވާ އޭނާ ކަންބޮޑުވާ މައްސަލަ ވިދާޅުވި ނަމަވެސް އެ ވާހަކަ ވިދާޅުވުމާ ހަމައަށް ދިއުމުގެ ކުރިން އޭނާ ފާހަގަކުރައްވަން ބޭނުންވާ މައްސަލަ ފާހަގަނުކުރައްވާ މަޖިލީހުގެ ވަގުތު ނަންގަވައިގެން ވަގުތުތައް ބޭކާރުކޮށްލަމުން ދިޔަކަން ފާހަގަކުރެވުނެވެ.

އާޒިމު އެގޮތަށް އަމަލުކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ސީދާ ނިޒާމީ މައްސަލަ ވިދާޅުވުމަށް އާޒިމަށް ތަކުރާރުކޮށް ދަންނަވާފަ އެވެ. ނަމަވެސް އޭނާއަށް ތަކުރާރުކޮށް ދެއްވި ފުރުސަތުގައިވެސް އެހެން ވާހަކަތަކެއް ދައްކަވަން ފެއްޓެވުމުން އަފީފް ވަނީ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް އާދަމް ޝަރީފަށް ފުރުސަތު ދެއްވާފަ އެވެ.

ރިޔާސަތުން އެގޮތަށް އަމަލުކުރެއްވުމުން އާޒިމް ވަނީ އާދަމް ޝަރީފް ހުންނެވި މޭޒުކޮޅު ކައިރިއަށް ގޮސް އޭނާ ބޭނުންވާ ވާހަކަތައް ވިދާޅުވާން މަސައްކަތް ކުރައްވާފަ އެވެ. އަދި އަޑުގަދަ ކުރައްވާ ހެއްދެވި އެވެ.

އާޒިމު އެގޮތަށް އަމަލުކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އަލުން އާޒިމު އޭނާގެ މޭޒުކޮޅަށް ވަޑައިގެން ނިޒާމީ މައްސަލަ ނެންގެވުމުންވެސް ނިޒާމީ މައްސަލަ ފާހަގަކުރެއްވުމަށް ފުރުސަތު ދެއްވާފަ އެވެ. އެކަމަކު އާޒިމު މައްސަލަ ފާހަގަނުކުރައްވާތީ ރިޔާސަތުން ވަނީ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް އާދަމް ޝަރީފަށް އަނެއްކާވެސް ދަންނަވާފަ އެވެ. އެކަމަކު އޭނާގެ މައިކް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް އާދަމް ޝަރީފް އުޒުރުވެރިވެވަޑައިގެންނެވި އެވެ.

އެވަގުތު ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ގެންދެވީ މަޖިލިސް ތެރޭގައި ހަޅޭއްލަވައި އަޑުގަދަ ކުރައްވަމުންނެވެ. ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.

މަޖިލިސް ޖަލްސާ ފަށައިގެން 20 މިނެޓް ވަންދެން ކުރިއަށް ދިޔައީ އެހެން މެންބަރުންގެ ނިޒާމީ މައްސަލަތަކަށް ފުރުސަތު ނުދެއްވާ ހަމައެކަނި އަލީ އާޒިމަށް ފުރުސަތު ދެއްވައިގެންނެވެ. އެތައް އިރަކު މަޖިލީހުގެ ވަގުތުތައް ބޭކާރުކޮށްލުމަށްފަހު އަދި އާޒިމުގެ ނަން މަޖިލީހުގެ ރިޔާސަތުން ދެފަހަރަށް އިއްވުމުން އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ. އަދި ނިޒާމީ މައްސަލައިގެ ތެރެއިން އާޒިމު ހުތުރު ބަހެއް ވިދާޅުވި އަޑުވެސް އިވިގެން ދިޔަ އެވެ.

ނާޒިމުގެ ނަން ތިންވަނަ ފަހަރަށް އިއްވިނަމަ އޭނާ މަޖިލީހުން ބޭރަށް ވަޑައިގަންނަވަންޖެހޭނެ އެވެ. ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން މާފަހުން ނިޒާމީ މައްސަލަތައް ނަންގަވައި އަދި މަޖިލީހުގައި ހަޅޭއްލަވަން ފެއްޓެވީ އާޒިމަށް އެކަނި ފުރުސަތު ދެއްވައިގެން މަޖިލިސް ކުރިއަށް ގެންދަވާތީ އެވެ. އެމްޑީޕީގެ މެންބަރުން ވަނީ އާޒިމު މަޖިލީހުން ނެރުމަށްވެސް ގޮވާލާފަ އެވެ.

މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް އިދިކޮޅު މެންބަރުން ކުރައްވަމުން ގެންދެވި ކަންކަމުގެ ތެރެއަށް އެމްޑީޕީގެ މެންބަރުން ފަހުން ވަދެވަޑައިގަތުމުން މަޖިލިސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އަދި ގަޔަށް ބޮލަށް ނޭރުމަށް ބައެއް މެންބަރުން ގޮވާ އަޑުވެސް އިވެ އެވެ.

މަޖިލީހުގެ ނިޒާމު އެއްކޮށް ގެއްލިފައި ވަނިކޮށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިިރު ވަނީ ޕާޓީތައް މަޝްވަރާކޮށްގެން މަޖިލިސް ހައްލުތަކެއް ހޯދުމަށްފަހު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އާމިރުގެ ނިޒާމީ މައްސަލަ ބަލައިގަނެ އަފީފް ވަނީ މަޖިލިސް މެދުކަނޑާލާފަ އެވެ.