ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުމުން މިއަދުގެ ޖަލްސާވެސް ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ސައިގެ ވަގުތުކޮޅަށްފަހު އެ މައްސަލަ ކުރިއަށް ނުގެންގޮސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ރިޔާސަތުން ފުރުސަތު ދިނުމުން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ.
ސައިގެ ވަގުތުކޮޅަށްފަހު ޖަލްސާ ފެށުމަށްފަހު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ފުރުސަތު ދެއްވާފަ އެވެ.
މެންބަރު ހަސަން ލަތީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން އެމްޑީޕީގެ މެންބަރުން އަޑުގަދަ ކުރައްވާތީ ހަސަން އަފީފް ވަނީ މެންބަރުން އަޑުގަދަ ކުރައްވާނަމަ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މަޖިލީހުގައި އިއްޒަތްތެރި މެންބަރުން އަޑުގަދަ ކުރައްވަންޏަކާ އަޅުގަނޑަކަށް ޖަލްސާ ކުރިއަކަށް ނުގެންދެވޭނެ،" ހަސަން އަފީފު ވިދާޅުވި އެވެ.
އެއަށްފަހު ހަސަން އަފީފް ވަނީ މިއަދުގެ ޖަލްސާ ނިންމާލެއްވިކަން އިއުލާން ކުރައްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ އިމްތިޔާޒު މައްސަލައެއް ހުށަހެޅުމުން އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ސައިގެ ވަގުތު ކޮޅުގެ ކުރިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި އެވެ.