ރައްޔިތުންގެ މަޖިލިސް

ނިޒާމީ މައްސަލަތަކާ ގުޅިގެން މަޖިލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިޒާމީ މައްސަލަތަކާ ގުޅިގެން މެދުކަނޑާލައިފި އެވެ.

މަޖިލިސް މެދުކަނޑާލަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ނިޒާމީ މައްސަލަތަކުގައި މެންބަރުން ފާހަގަކުރައްވާ މައްސަލަތަކާ ގުޅިގެން އޭނާ ސާފުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ތި ނަންގަވާ ނިޒާމީ މައްސަލައާއި ގުޅިގެން އަޅުގަނޑު އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެހެންވީމާ އެކަން ސާފުކުރުމަށް ދެން މަޖިލިސް ފަށާނީ. މިވަގުތު އަޅުގަނޑު މަޖިލިސް ހުއްޓާލަން،" އަފީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސް މުހައްމަދު ނަޝީދުގެ އިމްތިޔާޒު މައްސަލަ ހުށަހަޅުއްވަމުން އެ މައްސަލަ ނިމެންދެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ދަންމާލަން ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ޝަރީފްގެ މިހުށަހެޅުއްވުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ނިޒާމީ މައްސަލަ ނަންގަވާ ވާހަކަދައްކަވާފަ އެވެ. އެ މެންބަރުން ވިދާޅުވީ ޝަރީފް ހުށަހެޅުއްވި މައްސަލައިގެ ތެރެއިން މަޖިލީހުގެ ދައުރު ދަންމާލަން ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެގޮތަށް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.