ދުނިޔެ

ނައިޖީރިއާގައި ފެރީއެއް ބަންޑުންޖަހައި 100 މަރު

ނައިޖީރިއާގެ ކޯރެއްގައި ފެރީ ދޯންޏެއް ބަންޑުން ޖަހައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ފުލުހުން ބުނާ ގޮތުން ފެރީ ބަންޑުންޖެހީ ކައިވެނި ހަފުލާއަކުން އެނބުރި އައި މަގުމަތީގަ އެވެ.

ފުލުހުންގެ ތަރުޖަމާން އޭއެފްޕީ އަށް ބުނި ގޮތުން މި ހާދިސާގައި ފުރާނަ ނެތް 103 މީހެއްގެ ހަށިގަނޑު ވަނީ އެއްގަމަށް އަރުވާފަ އެވެ. އަދި އެއަށް ވުރެ ގިނަ މީހުން ރައްކާތެރި -- ހިކިފަސް ހިސާބުތަކަށް ސަލާމަތުން ވަނީ ގެނެސްފަ އެވެ.

އޮފިޝަލުން ބުނާ ގޮތުން މަރުވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެ އެވެ. މީހުން ހޯދައި ސަލާމަތްކުރުމަށް ޓީމުތަކުން ހަރަކާތްތެރިވަމުން ގެންދާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ނައިޖީރިއާގައި ބޮޑެތި ކޯރުތައް ހުރަސްކޮށް ދަތުރުކުރާ ފެރީ އުޅަނދުފަހަރު ބަންޑުންޖަހާލުމަކީ ވަރަށް އާދައިގެ ކަމެކެވެ.

މިފަދަ ހާދިސާތައް އާންމުކޮށް ދިމާވަނީ އަމަން ބަލަހައްޓާ އިދާރާތަކުން ހަދާފައި ހުންނަ ގަވާއިދުތަކަށް ކަމޭ ނުހިތުމުންނެވެ.

ފެރީތަކަށް ހުއްދަ ދިފައި އޮންނަ ވަރަށް ވުރެ އިތުރަށް މީހުން ބަރުކުރުމާއި ފެރީތަށް މަރާމާތުކޮށް ބެލެހެއްޓުމަށް ފަރުވާކުޑަކުރުމަކީވެސް ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބެކެވެ.

އުޅަނދުތައް ދުވަސްވެ ބާވުމުގެ ސަބަބުން ދަތުރުމަތީގައި ފެރީތައް ފަޅައިގެން ގޮސް ހިތާމަވެރި ހާދިސާތައް ހިނގާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ނައިޖީރިއާ އަށް ވިއްސާރަ މޫސުމާ ދިމާކޮށް ފަތަން ނޭނގޭ މީހުން ކޯރު ހުރަސްކުރަން ކުރާ މަސައްކަތްތަކުގައި -- ކޯރު ތެރެއަށް ވެއްޓި އެތައް ބަޔަކު މަރުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.