ގުޅީފަޅުން ކުރިން ފްލެޓް ލިބި ފަހުން އެތަން ދޫކޮށްލަން ޖެހުނު މީހުންނާ އެކު ވިނަރެސް އެގްރީމަންޓުތަކުގައި ސޮއިކުރަން ފަށައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއުން ފުލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.
ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވުނު ފަރާތްތަކަށެވެ.
މީގެ ތެރެއިން ގުޅީފަޅުން ކުރިން ފްލެޓް ލިބި ފަހުން އެތަން ދޫކޮށްލަން ޖެހުނު މީހުންނާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރަން ފަށާފަ އެވެ. ޖުމްލަ 100 މީހަކަށް ހައުސިން ޔުނިޓު ލިބޭއިރު ދުވާލަކު 25 އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލްގަ އެވެ.
ގުޅީފަޅުން ކުރިން ފްލެޓް ލިބި ފަހުން އެތަން ދޫކޮށްލަން ޖެހުނު މީހުންނާ އެކުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރަށް އެންޑް ޔޫޒަ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މިހާތަނަށް 128 ޔުނިޓެއް ވަނީ އެގޮތުން ނަގާފަ އެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި މީހުންގެ ތެރެއިން ދިގު މުއްދަތަށް ބަހާލައިގެން އާބަންކޯ އަށް (އެންޑް ޔޫޒަ) މޮޑެލް އަށް ފައިސާ ދައްކާ ފަރާތްތަކުގެ މާލީ ގާބިލްކަން ވަޒަންކުރަން ފަށައި އެ މީހުންނަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލާ އަންނަ ހަފްތާގައި ނިންމާލެވޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.