ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އާބަންކޯ އިން ތައްޔާރުވަނީ ފްލެޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ ފަހެއްވާ އާދިއްތަ ދުވަހު އޮންލައިން ޕޯޓަލް ހުޅުވާލުމަށެވެ.
އާބަންކޯ އިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ މި ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.
ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.
ވިނަރެސް ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓް ތަކަކީ މިދިޔަ އަހަހަރުގެ ސެޕްޓެމްބަރު 15 ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކެވެ. މީގެއިތުރުން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލްކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ފްލެޓްތައްވެސް މީގެތެރޭގައި ހިމެނެ އެވެ.