ފިނިޕޭޖް

ޑިޒްނީއިން "އެވެޓާ"ގެ ތިން ސިކުއެލް ރިލީޒްކުރުން ފަސްކޮށްފި

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް ފަހު ފޭނުންނަށް ޕެންޑޯރާ އަނެއްކާ ބަލާލުމަށް މަޑުކުރަން ޖެހިއްޖެއެވެ.

އެއީ ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ތިން ވަނަ، ހަތަރު ވަނަ އަދި ފަސް ވަނަ ފިލްމް ޑިޒްނީއިން ރިލީޒްކުރުން އަހަރަކަށް ފަސްކުރުމުންނެވެ.

މިގޮތުން "އެވެޓާ 3" ދެން ޑިސެމްބަރ 19، 2025 ގައި ރިލީޒްކުރާއިރު، "އެވެޓާ 4" ރިލީޒްކުރާނީ ޑިސެމްބަރ 21، 2029 ގައެވެ. އަދި "އެވެޓާ 5" ރިލީޒްކުރާނީ ޑިސެމްބަރ 19، 2031 ގައެވެ.

ޕްރޮޑިއުސާ ޖޮން ލެންޑޯ ޓްވިޓާގައި ޕޯސްޓްކުރި ގޮތުގައި ކޮންމެ އެވެޓާ ފިކްމަކީ ވެސް ވަރަށް ބުރަ އަދި އެކްސައިޓްވާ މަސައްކަތެއް ކަމަށާއި އޯޑިއަންސް ބޭނުންވާ ފަދަ ކޮލިޓީގެ ލެވެލް އަށް ފިލްމް ހެދުމަށް ފިލްމް ހަދާމީހުން މަސައްކަތްކުރާ ކަމަށާއި އެކަމަށް ވަގުތު ނަގާކަމަށެވެ. އެވެޓާގެ ޓީމުން ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށާއި ޑިސެމްބަރ 2025 ގައި އޯޑިއަންސް އަނބުރާ ޕެންޑޯރާއަށް ގެންދިއުމަށް ކެތްމަދުވެފައިވާކަމަށް ޖޮން ބުންޏެވެ.

އެވެޓާގެ ފުރަތަމަ ފިލްމު 2009 ވަނަ އަހަރު ނެރެފައިވީއިރު މި ފިލްމުގެ ސިކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ނެރެފައިވަނީ މިދިޔަ ޑިސެމްބަރު މަހު 16 ގައެވެ.

މި ދެ ފިލްމުގެ މައިގަނޑު ރޯލްތައް އަދާކޮށްފައިވަނީ ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ އާއި ސިގޯނީ ވީވާ އެވެ.

ސްޓީވަން ލޭންގް، ސީސީއެޗް ޕައުންޑާ، މެޓް ޖެރަލްޑް، ޖިއޮވާނީ ރިބީސީ، ދިލީޕް ރާއޯ އަދި ޖޯލް ޑޭވިޑް މޯ ފަދަ ތަރިން ސަޕޯޓިން ރޯލް އަދާކޮށްފައިވެ އެވެ.

ފުރަތަމަ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މިޝޭލް ރޮޑްރިގޭޒް، ލެޒް އޮލޮންސޯ އަދި ވެސް ސްޓޫޑީ ހިމެނުނު އިރު، ދެވަނަ ފިލްމްގައި ކޭޓް ވިންސްލެޓް، މިޝޭލް ޔޯ، ކްލިފް ކާޓިސް، ބްރެންޑަން ކަވެލް އާއި އީޑީ ފެލްކޯ ހިމެނެ އެވެ.

"އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމެވެ. "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަކީ އެންމެ ކާމިޔާބު ތިންވަނަ ފިލްމެވެ. މި ދެ ފިލްމަށްވެސް އެކަޑަމީ އެވޯޑް ފަދަ ގިނަ އެވޯޑްތަކެއް ވެސް ލިބިފައިވެ އެވެ.