ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ މަޝްވަރާ އަށް އެދިވަޑައިގެން ފޯނުކުރެއްވި ކަމަށް ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ހުރިހާ ކަމެއް ފަނުފުލުން ދިޔައީ އެ ކަމުގެ ތެރެއަށް އެމެރިކާ ވަދެގަތުމުން ކަމަށެވެ.
ރަޝިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ލޫކަޝެންކޯ ވިދާޅުވީ ޒެލެންސްކީ ގުޅުއްވާފައި ޑިޕްލޮމެޓިކް ޗެނަލްތައް ހުޅުވާލަށް ދަމާބަހީއޭ ވިދާޅުވި ކަމަށެވެ. އަދި މަޝްވަރާއަށް ތައްޔާރު ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ވެސް ބެލަރޫސްގެ ރައީސް ވިދާޅުވި އެވެ.
ލޫކަޝެންކޯ ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ޔުކްރޭންގެ އިންޓެލިޖެންސްގެ ވެރިޔާ ކްރީލޯ ބުދަނޯފް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
މަސްރަހުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމުގެ ނިޔަތުގައި މަޝްވަރާއަށް ތައްޔާރުވެފައި ވަނިކޮށް ޔުކްރޭންގެ ބޮަލަށް އެމެރިކާ ސަވާރުވެ ކުރި ހުރިހާ ކަމެއް ހުއްޓުވާލީ ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ހުޅަނގުން ގޮތް ދޫނުކުރުމުން ނުކުންނާ ނަތީޖާ މިހާރު އެ އޮތީ އާންމުކޮށް ފެންނަން ކަމަށް ވެސް ލޫކަޝެންކޯ ވިދާޅުވި އެވެ. ހަނގުރާމަ އެ ގޮތުގައި ދިގުދެމިގެން ދާން ދޫކޮށްލައިފި ނަަމަ އެއަށް ވުރެ ބޮޑެތި މައްސަލަތައް އުފެދެން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަށް މިހާރު އެ ތިބީ ބޯޑަރު ހުރަސްކޮށް ޔުކްރޭނަށް އަރައި، ހަނގުރާމާގައި ބައިވެރިވާ ހިސާބުގައި ކަމަށް ވެސް ރައީސް ލޫކަޝެންކޯ ވިދާޅުވި އެވެ.
ލޫކަޝެންކޯ ކުރިން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައާ ގުޅުވައި ހުޅަނގުން ބެލަރޫސްއަށް ހަމަލާއެއް ދީފި ނަމަ ރައްދު ދެއްވާނީ ނިއުކްލިއާ ހަތިޔާރުންނެވެ. އޭނާ އަދި ވިދާޅުވީ ބެލަރޫސް އަށް ނުރައްކާކުރާ ނަމަ ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން އެއްވެސް ބައެއްގެ ހުއްދަ ނުޙޯއްދަވާނެ ކަމަށެވެ.
ލޫކަޝެންކޯ ވިދާޅުވީ ގޮތުގައި ނޭޓޯ އާއި ހުޅަނގުގެ ބައިވެރިވުން ޔުކްރޭން ހަނގުރާމާގައި ނެތް ނަމަ، ހަނގުރާމަ މިހާރު އޮންނަނީ ނިމިފަ އެވެ.
"ޔުކްރޭން ވެސް ބޭނުންވޭ ހަނގުރާމަ ހުއްޓަން،" ލޫކަޝެންކޯ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް މި ތިބީ ހަނގުރާމަ ހުއްޓުވާ ގޮތަށް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޫކަޝެންކޯ ވިދާޅުވީ ހަނގުރާމަ ނުހުއްޓުވިގެން އުޅެނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގޮތްދޫނުކުރުމާއި ކިބުރުވެރި ކަމުގެ ސަބަބުން ކަމަށެވެ.