ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގައި މި އަހަރު އޮންނަ ބްރިކްސް ސަމިޓްގައި ބައިވެރިކޮށްދެއްވުމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން އެދިވަޑައިގެންފި އެވެ.
މެކްރޮން މިކަމަށް އެދިވަޑައިގަތީ ދެކުނު އެފްރިކާގެ ރައީސް، ސީރިލް ރާމަފޯސާއަށް ފޯނުން ގުޅުއްވައި ހާލުއަހުވާލު ބެއްލެވުމުގެ ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެފްރިކާގެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރެއްވުމަށް މެކްރޮން ގެންދަވަނީ ގަދައަޅާ މަސައްކަތް ކުރައްވަމުންނެވެ. އަދި މިހާތަނަށް ކުރެއްވި އެއްވެސް މަސައްކަތެއް ކޮޅެއްގައި ނުޖެހޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މެކްރޮން އަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ އޭނާ ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ހުޅަނގުގެ ލީޑަރަށެވެ.
އެހެން ނަމަވެސް، މެކްރޮން އަށް މި ފުރުސަތު އަދި ދެއްވާފައެއް ނުވެ އެވެ. ރާމަފޯސާ ވެސް ވަކި ޖަވާބެއް ނުދެއްވާ ކަމަށްވެ އެވެ. އެކަމަކު މެކްރޮން އަށް ފުރުސަތު ދެއްވުމަކީ ވެދާނެ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ފަރަންސޭސިވިލާތަކީ ހުޅަނގަށް ފޫޅުކެނޑި ގައުމެއް ނަމަވެސް، ޔޫރަޕްގެ އެހެން ގައުމުތަކާ ވިސްނުން ތަފާތެވެ. މެކްރޮންގެ ޒައާމަތުގައި ފްރާންސް އެދެނީ ދުނިޔެއަށް ހުޅުވާލެވި އިގުތިސާދީ ގޮތުން ގަދަބާރުތަކާ އެއްހަމާގައި އޮތުމަށެވެ.
ފްރާންސްގައި މި މަހު 22-23 އަށް އޮންނަ "ނިއު ގްލޯބަލް ފައިނޭސިން ސަމިޓް" އަކީ ވެސް އިގުތިސާދީ ބާރުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެވެ. މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރާމަފޯސާ ފްރާންސަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މެކްރޮންއާ އެކު ވަކި ބައްދަލުވުމެއް ބާއްވައި ވަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މެކްރޮން އެދިވަޑައިގަތް ނަމަވެސް، ބްރިކްސްގައި ހިމެނޭ ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާގެ ޚިޔާލު މިކަމުގައި އޮތް ގޮތެއް އަދި ނޭނގެ އެވެ.
ޔުކްރޭން ހަނގުރާމާގައި ޗައިނާގެ ދައުރާ މެދު ހުޅަނގުން ނުރުންފާޅުކުރަމުން ދާއިރު މެކްރޮން އަކީ ވެސް ހުޅަނގުގެ ލީޑަރެކެވެ. އަދި އެމެރިކާއިން ޗައިނާއަށް ދަތިކުރަން އަޅާ ފިޔަވަޅުތަކަށް ތާއީދުކުރައްވައި މެކްރޮން ބައެއް ފަހަރު ވަނީ ވާހަކަދައްކަވާފަ އެވެ.
މިފަދަ އެތައް ސަބަބުތަކަކާ ހުރި މެކްރޮން އަށް ބްރިކްސް އިން ދައުވަތު ލިބިވަޑައި ނުގަތުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެން ނަމަވެސް، ބޮޑަށް ބެލެވެނީ ޗައިނާގެ ސިޔާސަތު މިހާރު އޮތް ގޮތުން މެކްރޮން އަށް ދައުވަތު ދެއްވާނެ ކަމަށެވެ.