ކުޅިވަރު

ފަސް ގައުމު ބައިވެރިވާ ބާސްކެޓް ބޯޅަ މުބާރާތް ފަށައިފި

ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތް -- ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް ފަށައިފި އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތް ރޭ ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ.

މިމަހުގެ 14 އިން 22 އަށް ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާން އެވެ.

މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމް ވަނީ މިމުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދާފަ އެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ. ރާއްޖެ އަކީ، ބައިނަލްއަގްވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ގައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކޮށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުން ސަރުކާރުން ބުނެ އެވެ.