ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

Jan 23, 2022

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން މިއަދު ހޯދައިފި އެވެ.

ރ. އަލިފުށި ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗު ވެލެންސިއާ އިން ކާމިޔާބު ކުރީ 2-1 އިން މާޒިޔާ ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި އެ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް އެވެ.

ވެލެންސިއާގެ ލަނޑާ ގުޅިގެން މާޒިޔާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުން ސަމޫހް އަލީ (ސަމުންޓޭ) އަށާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ރަނގަޅު ދެ ފުރުސަތު ލިބުނު ނަމަވެސް ގޯލްގެ ތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މާޒިޔާ އިން ވެލެންސިއާގެ ކޮޅަށް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 40 ވަނަ މިނެޓްގަ އެވެ. މާޒިޔާ އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ފުރަތަމަ ގޯލް ޖަހައިދިނީ މުހައްމަދު އިރުފާން އެވެ.

މެޗުގެ ފުރަތަމަ ހާފްގެ ބާކީ ބަޔާއި ދެވަނަ ހާފްގެ ކުޅުން ވެސް ދެ ޓީމުން ނިންމާލީ ހަމަހަމަ ނަތީޖާއެއްގައި އޮވެގެންނެވެ. އެހެންވެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުޅެމުން ދަނިކޮށް މާޒިޔާ އަށް ބޮޑު މައްސަލައަކާ ކުރިމަތިވީ އެ ޓީމުގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވެލެންސިއާގެ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ފައުލް ކުރި ހިސާބުންނެވެ.

ދާދުގެ ފައުލް އާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ފައުލް އާއި ގުޅިގެން ސެންޓޭ އަށް ވެސް މެޗުގައި ކުޅެވޭ ގޮތް ނުވުމުން އޭނާގެ ބަދަލުގައި މެޗުގެ ބާކީ ވަގުތުގައި ކުޅުނީ އިސްމާއީލް އީސަ (މެސީ) އެވެ.

މާޒިޔާ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިއުމުގެ ފައިދާ ނަގައި ވެލެންސިއާ އިން ވަނީ އެ ޓީމުގެ ދެވަނަ ގޯލް ޖަހާފަ އެވެ. އެ ގޯލް ޖަހައިދިނީ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސް މާޓީން އެވެ.

އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފުގައި މާޒިޔާގެ މުޅި ޓީމު ވެލެންސިއާގެ ހާފްގެ ތެރެއަށް ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބޯހާސް މާޓީން އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސެންޓޭ އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށާއި ޗެމްޕިއަން ޓީމަށް ތައްޓާއި ޓްރޮފީ ހަވާލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަލިފުށްޓަށް ވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ރައީސް ސޯލިހް މިވަގުތު ކޮވިޑް 19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ މެޗު ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.