ފިނިޕޭޖް

25 އަހަރު ފަހުން ޖޮނީ ޑެޕް ޑައިރެކްޓަރަކަށް

އެކްޓާ ޖޮނީ ޑެޕް 25 އަހަރަށްފަހު އަނެއްކާވެސް ޑައިރެކްޓަރެއްގެ ޒިންމާއަށް ތައްޔާރުވެއްޖެ އެވެ.

ޖޮނީ ޑައިރެކްޓްކުރާނީ އިޓަލީގެ އާޓިސްޓެއް ކަމުގައިވާ އަމޭޑިއޯ މޮޑިގްލިއާނީގެ ހަޔާތަށް ޑެނިސް މެކްއެންޓަޔާ ލިޔެފައިވާ ޕްލޭއަކަށް ހަދާ ފިލްމް "މޮޑިގްލިއާނީ" އެވެ.

ޖޮނީ ޑެޕް ބުނީ މޮޑިގްލިއާނީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެއް ޑައިރެކްޓަރެއްގެ ގޮތުގައި ސްކްރީނަށް ގެނައުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އޭނާގެ ހަޔާތަކީ ބޮޑެތި ދަތިތަކާއި އުނދަގޫތަކުން ކަޑައްތުކުރަމުންގޮސް އެންމެ ފަހުން ކާމިޔާބީ ލިބުނު ހަޔާތެއް. އެއީ އެންމެނަށް ގުޅޭ މުޅި ދުނިޔޭގެ އިންސާނީ ވާހަކައެއް،" ޖޮނީ ބުންޏެވެ.

މި ފިލްމަކީ އެކްޓަރު އަލް ޕަޗީނޯ ކޯ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމްގެ ކާސްޓް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާނެ އެވެ.

ޖޮނީ މީގެ ކުރިން ޑައިރެކްޓްކޮށްފައިވަނީ 1997 ގައި ރިލީޒްކުރި "ދަ ބްރޭވް" އެވެ. މިއީ ޖޮނީއާ އެކު މާލޮން ބްރެންޑޯ، މާޝަލް ބެލް، އެލްޕީޑިއާ ކެރިއްލޯ، ފްރެޑެރިކް ފޮރެސްޓް އަދި ލުއިސް ގޫޒްމަން ފަދަ ތަރިން އެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަށް ނެގެޓިވް ރިވިއުސް ލިބުމުން މި ފިލްމު އެމެރިކާގެ ސިނަމާތަކުގައި ރިލީޒްކޮށްފައެއް ނުވެ އެވެ.