އީޕީއޭ

އީއައިއޭ ނުހެދުމުން 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސޮނޭވާފުށި ރިސޯޓުގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އީއައިއޭ ނުހަދާ ފެށުމާ ގުޅިގެން އެ މަސައްކަތް ކުރި ކުންފުނި -- ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މި މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން މަސައްކަތް ފަށާފައިވަނީ އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ބަނީ ހޯލްޑިންގްސް 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

މީގެއިތުރުން ސޮނެވާ ފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް އަންގާފައިވެ އެވެ.