އާރްޑީސީ

އާރްޑީސީގެ ޗެއާމަން އަބްދުﷲ އަފީފު އިސްތިއުފާ ދެއްވައިފި

ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ޗެއާމަން އަބްދުﷲ އަފީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓް ކުރާ އިދާރާ -- ޕްރައިވެޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަފީފް އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

އަފީފް ވަނީ ނިމިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާފަ އެވެ. އެހެންކަމުން އާރްޑީސީގެ ޗެއާމަންގެ މަގާމުން އަފީފް އިސްތިއުފާ ދެއްވީ ރައީސް ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރަމުން ގެންދާ "ދަ ޑިމޮކްރެޓްސް"ގައި ބައިވެރިވުމަށް ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވުމަށްފަހު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ބޭފުޅުންނާއި ކުންފުނިތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އެފަދަ ބޭފުޅުން މަގާމުތަކުން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެެވެ.