( 13 ޖޫން 2023 އާ ގުޅޭ )
"މޯނިން ބިއުޓިފުލް." އިވުނީ ފިރިހެނެއްގެ އަޑެވެ. އެމީހަކު ހުރީ ވަރަށް އަޑުގަދަ ތަނެއްގައެވެ. އެހެންވިޔަސް ރާގު ހުރި ގޮތުން ހިތުގައި ޝައްކު އުފެދުނީއެވެ. އަހަރެންގެ ހިތަށް އެއީ ކާކުކަން ހީވާތީއެވެ.
"ހޫދު." އަހަރެން ބުނެލީމެވެ.
* * * * *
ފައިސަލްއާއެކީ ހެނދުނުގެ ނާސްތާ ކުރަން އަހަރެމެން ތިބީ ހަޓުގައި ހުރި ގޮނޑިތަކުގައެވެ. ރޭ ދަންވަރު ވާރޭ ވެހުނަސް ހެނދުނަށް ވިއްސާރަ އަލިކޮށްފިއެވެ. ކޮފީޖޯޑު ދެ އަތުން ހިފަހައްޓާލައިގެން އަހަރެން އިނީ ދުރު ބަލާށެވެ. ފައިސަލްއަށް ފޯނުކޯލެއް އައިސްގެން އޭނާ އިނީ ފޯނުން ވާހަކަދައްކާށެވެ. އަހަރެންގެ ސިކުނޑީގައިވީ ހޫދުގެ ޚިޔާލުތަކެވެ. ރޭ ބާރަ ޖެހިއިރު ވެސް އޭނާ އެ ފޯނަށް ގުޅައި މެސެޖުކޮށްފައި ހުރިކަން ފެންނަން ހުއްޓެވެ. އިތޫ ދިން ގޮތަށް އެ ކޮތަޅު ގެނެސް ކޮޓަރިއަށް ލާފައި އަހަރެން އިނީ ފައިސަލްއާއެކީ ތިރީގައިވީމަ އެއީ ފޯނެއްކަން އަހަރެންނަށް ނޭނގުނީއެވެ. އެ ފޯނުގެ ވާހަކަ ފައިސަލް ކައިރީގައި އަހަރެން ނުބުނަމެވެ. އޭނާ ވެސް އަހަންނަށް ރޭގައި އިތޫ ދިނީ ކޮންއެއްޗެއްތޯ ސުވާލެއް ނުކުރެއެވެ. ހިތާހިތުން އަހަރެން ހޫދުގެ ނަން ކިޔާލީމެވެ. ހެނދުނު އައި އެ ފޯނުކޯލުން އަހަރެމެން ދެމެދުގައި ދެކެވުނު ވާހަކަތައް ހަނދާނުގައި ވިއެވެ. އަހަރެން ފޫހިކަން ދައްކާއިރު ވެސް ހޫދުއަށް އެކަމުން އަސަރެއްނުކުރާތީ ހައިރާންވެއެވެ.
"އާން. އަހަރެން ދިނީ." އިތޫ މެދުވެރިކޮށް އަހަންނަށް އެ ފޯނު ދިނީ ހޫދުތޯ އެހުމުން އޭނާ އެއްބަސްވިއެވެ.
"ކޮންބޭނުމަކު." އަހަރެން ސުވާލުކުރީމެވެ.
"އާނަގެ ފޯނަށް ކަމެއްވިޔަސް މިހާރު ދެން މީހަކަށް ނުގުޅިފަ ހުންނާކަށް ނުޖެހޭނެއެއްނު. ތި އިދިކީލިކަން ދޫކޮށްލަބާ. އާނަ ކަހަލަ ލޯބިކުއްޖަކާ ނުވެސް ގުޅޭ." ހޫދު ބުންޏެވެ.
"ބޭނުންއިރަކު ވާހަކަދެއްކޭނެއޭ ހީކޮށް ކުރި ކަމެއް ދޯ މީ." އަހަރެން ބުނީމެވެ.
"އަދިވެސް ނެގެޓިވްކޮށް ތިވިސްނަނީ. އާނައަށް ރިއަލައިޒް ނުވިޔަސް ތިހުންނަނީ އަންހެންކުއްޖަކު އެކަނި ހުންނަންވާނޭ މާޙައުލެއްގައެއްނޫން. ރަށު މީހުން ދިރިއުޅޭ ސަރަޙައްދާ އެހާ ދުރުގައި... އަހަރެންގެ ފެމެލީ އަސްލު ޤަބޫލެއްނޫން އާނަ ތިތާ ހުންނާކަށް. އަހަރެމެން ގޭގައި އާނައަށް ހުރެވޭނެ ގޮތް ވެސް ހަމަޖެހިފައި ވަނިކޮށް ކީއްކުރަން ތިކަހަލަ ތަނަކަށް ގޮސް ހުންނަންވީ. އަހަރެން ވެސް ހިތްހަމައެއްނުޖެހޭ. ތިތަނަކީ އެހާ ރަނގަޅުތަނެއްނޫން. ކޮންމެގޮތެއް ވިޔަސް އާނަ އައިސް ތިހުރީ އިތޫއާއެކީ. ރަށު ތެރޭން ކަމެއް ދިމާވިޔަސް އަހަރެމެންގެ ޢާއިލާ އާނައަށް ޒިންމާވާން ޖެހޭނީ. އާނަގެ ޢާއިލާއިން ހީކޮށްގެން ތިބޭނީ އިތޫއާ އެކީ އައީމަ އޭނާ ބަލާނޭ އާނައަށް. އެހެނެއްނޫންތަ... އާނައަށް ވީގޮތެއް ނޭނގި ކުޑަވަގުތުކޮޅެއް ވިޔަސް އެ މީހުން އިންތިހާއަށް ހާސްވާނެކަން އާނައަށް ވެސް ރަނގަޅަށް އެނގޭނެ. އިތޫ ޚާއްޞަކޮށް... ގޯސްކޮށް އަބަދު ހީނުކުރޭ. އަހަރެން ފޯނެއް އާނައަށް ދިނުމުގެ ހަޤީޤީ މަޤްޞަދު މި ކިޔާދިނީ. ތި ނަންބަރު އިތޫއަށް ވެސް އެނގޭނެ. އާނަގެ ނަންބަރަށް ނުގުޅިއްޖެނަމަ އޭނާ ގުޅާނީ ތި ފޯނަށް. އެހެންވީމަ އަހަރެންދެކެ ރުޅި އައިސްގެން ފޯނު ނިއްވާނުލާތި. މިވަގުތައް ބޭނުން ކުރެވޭ ވަރަށް ފޯނުގައި ލާރި ހުންނާނެ." ހޫދު ބުންޏެވެ.
އެ ކޯލު ކުރުކޮށްލުމާއެކު އަހަރެން އިތޫއަށް ގުޅީމެވެ. ފޯނޭ ބުނާއިރަށް އޭނާ ވެސް ދެއްކީ ހޫދު ދެއްކި ވާހަކައެވެ. ހިތަށް އެރިއެވެ. ހޫދު ކުރީބައިގައި އިތޫއަށް އަނގައިން އަނގަޔަށް ބަސްތައް އަޅާދީފައި ހުރީއެވެ. އެހެންވިޔަސް އެ ވާހަކަތަށް އަހަރެން ޤަބޫލުކުރަން ޖެހޭކަން ޟަމީރު ވިސްނާދިނެވެ. އަހަރެން މި ރަށަށް އައިސް މ އިނީ އިތޫއާއެކީވީމައެވެ. އަހަރެންގެ ޚަބަރެއް ނުވެއްޖެނަމަ މަންމަމެން ވެސް ފުރަތަމަ ގުޅާނީ އިތޫއަށްކަން އެނގެއެވެ. އެހެންވީމަ އަހަންނަށް ކަމެއްވެދާނެތީ އެމީހުން ކަންބޮޑުވާނެކަން ވިސްނެއެވެ.
"އާނަ." ފައިސަލް އަހަންނަށް ގޮވާލުމުން ބަލާލީމެވެ. އޭނާގެ ކޯލު ނިމުނީއެވެ.
"މަންމަ އެބާދޭ. އެމީހުން ބަލާ އެގާރަ ޖަހާއިރަށް ދާންޖެހޭނެ. އަހަރެން ދަމުން އާނަ އެގެއަށް ގެންގޮސްދޭން އޯކޭތަ." ފައިސަލް އަހާލިއެވެ. އަހަރެން ބޯޖަހާލީ އެންމެ ރަނގަޅޭ ބުނާށެވެ.
"ފައި... އަހަރެން ހުންނަ ރޫމް ބަދަލުކުރެވިދާނެތަ؟." ރޭގައި އަހަރެންނަށް ދިމާވި ކަންތަކާ މެދު ވިސްނި ވަރަކަށް މިހާރު އަހަރެންނަށް ހީވަނީ އެއީ އެ ކޮޓަރިއާ ގުޅިފައި ހުރިކަމެއް ހެންނެވެ.
"ކިހިނެއްވީ؟. މައްސަލައެއް އުޅެނީތަ؟." ފައިސަލް އަހާލިއެވެ.
"ޓީވީއެއް ނުހުރޭތަ އެއްވެސް ކޮޓަރިއެއްގައި." އަހަރެން ބުނީމެވެ. ފައިސަލް ކުރި ސުވާލަށް ހަޤީޤަތަށް ޖަވާބުދޭން އަހަރެން ޖެހިލުންވީއެވެ. ކުރީން ރޭ ވެސް ވާރެއާ ތެމިފޯވެފައި ހުރި މީހަކު ގޯތިތެރެއިން ފެނުނީ އަހަރެންނަށެވެ. ފައިސަލްއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ނިދަންވަނީމާ ބިރުވެރި ހުވަފެން ފެނި އުނދަގޫތައް ވަނީ ވެސް އަހަރެންނަށެވެ. ރޫޙާނީ ކަންކަން އަހަރެން ޤަބޫލު ކުރިޔަސް އެފަދަ ކަންކަމާމެދު ފައިސަލް ދެކޭނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެންމެ ބޮޑަށް ވިސްނެނީ އެ ވާހަކަތަކުން އަހަރެންގެ މައްސަލައެއް އުޅެނީއޭ ފައިސަލް ހީކޮށްފާނެތީއެވެ.
"ޓީވީއެއް ތި ކޮޓަރިއަށް ލައިދޭންވީތަ. ކުރީން މަތީ ކޮޓަރިތަކުގައި ޓީވީ ހުންނާނެ. މިތަނުގެ އެންމެ އަގުބޮޑު ކޮޓަރިތައް އެއީ. އެކަމަކު އަލިފާނުގައި ތަން އަނދައިގެން ދިޔައިރު މަތީ ކޮޓަރިތަކަށް އެންމެ ބޮޑަށް ގެއްލުންވީ ވެސް. މަރާމާތު ކުރިފަހުން އެއްވެސް ކޮޓަރިއަކަށް ޓީވީއެއް ނުލީ މިތަނަށް އެހާ ވަރަށް މީހުން ނާންނާތީ." ފައިސަލް ކިޔާދިނެވެ.
"ކީއްވެ މީހުން ނާންނަނީ." އަހަރެން އަހާލީމެވެ.
"ނުލިބެނީ ގެސްޓުން. ޗުއްޓީއަށް އަންނަ ދިވެހިން ވެސް ގިނަ ފަހަރު ތިބެނީ ކޮންމެ ވެސް މީހެއްގެ ގޭގައި. ބޮޑަށް ހީވަނީ މިހިސާބު ފަޅުކަމުންހެން. އެކަމަކު މިއަށްވުރެ ހިތްފަސޭހަ ތަނެއް މިރަށުން ފެނިދާނެތަ. މި ހަމަހިމޭންކަން ކިހާ ބޮލަށް ފަސޭހަ." ފައިސަލް ބުންޏެވެ. ފަޒީލު ފަދައިން ރަށު މީހުންގެ ބޮލުގައި އެއްވެސް ތުހުމަތެއް ފައިސަލް ނާޅުވައެވެ.
"މި ހިސާބު މީ ނާމާން ހިސާބެއްތަ؟." އަހަރެންގެ ހިތުގައި އުފެދިފައި އޮތް ވަރަށް މުހިންމު ސުވާލެއް ފައިސަލްއާ އަމާޒުކޮށްލީމެވެ.
"ރަށު މީހަކު ބުނީ ދޯ. އަހަންނާ އަދި ތިކަހަލަ ކަމެއް ދިމައެއްނުވޭ. މިތާ ދޯ އަހަރެން ދިރިމިއުޅެނީ." ފައިސަލް ބުންޏެވެ.
ފައިސަލް ވާހަކަދެއްކި ރާގުން އަހަރެންނަށް ކަމެއް ސާފުވިއެވެ. ގެސްޓްހައުސްގައި ރޫޙާނީ ކަމެއް އުޅެދާނޭކަން އޭނާ ޤަބޫލު ނުކުރާނޭ ކަމެވެ. އަނެއްކޮޅުން އޭނާ އެބުނީ ދޮގެއް ނޫނެވެ. އާދަޔާ ޚިލާފު ކަމެއް އުޅޭނަމަ އޭނާއާ ދިމާނުވެ ނުހުންނާނެއެވެ. އޭނާގެ ކޮންމެ ރެޔެއް ވޭތިކުރާ ތަނަކީ އެއީ ވިއްޔާއެވެ.
* * * * *
ހުކުރު ދުވަހެވެ. ފަތިހު އިތޫ ގުޅައިފިއެވެ. ހައެއް ޖެހިއިރު އަހަރެން އެގޭ ދޮށަށް ލައިދޭން ދިޔައީ ފައިސަލްއެވެ. ދަތުރު ދާތީ އަހަރެން އިތުރު ހެދުމެއް ކޮތަޅަކަށް ލައިގެން ނުކުތްތަން ފެނި ފައިސަލްގެ ދަބަހެއް އަހަރެންނަށް ގެނެސްދިނެވެ. އެ ދަބަސް ލިބުމުން އަހަންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވިއެވެ. ގެސްޓްހައުސްގެ ގޯތި ތެރޭގައި ހުރި އަނބުގަހުން ފައިސަލް ކައިރީ ބުނެގެން އަހަރެން އަނބުކޮޅެއް ބިނުވީމެވެ. އަހަރެން އަންނައިރު ގެނެސްދޭން އިތޫ ބުނެފައި އޮތީމައެވެ. އިތޫ މެންގޭ ދޮށަށް ކާރު މަޑުކުރަމުން ކުރިން ރޭ އައި ގަޑީގައި އަހަރެން ބަލާ އަންނާނެކަން ފައިސަލް ބުންޏެވެ.
އަހަރެން އައިއިރު ސީމާއާއި އައިންތުއާއެކީ އިތުރު ތިން އަންހެން ކުއްޖަކު އިތޫމެން ގޭގައި އުޅެއެވެ. އެންމެން ބަދިގޭގައި ހަރަކާތްތެރިވެއެވެ. ސީރަތު ވެސް އުޅެއެވެ. އިތޫ އުޅެނީ ޒުހާ ނައިސްގެންނެވެ. އަހަރެން އަނބު ކޮތަޅު އެމީހުންނަށް ދިނީމެވެ. އައިންތުއާއި ސީރަތު ކާމޭޒު ދޮށުގައި ތިބީ މަޖާ ހަދަން އެއްޗެހި ކޮށާށެވެ. ހެނދުނުގެ ސަޔަށް ދަޅުމަސްހުނި މޮޑެން އެހެން ކުއްޖަކު އުޅެއެވެ. ސީމާ އުޅެނީ އުނދުން ކައިރީގައި ރޮށި ފިހޭށެވެ. ކަމެއްނުކޮށް އަނގަ ނަގައިގެން އިނީ ހަމައެކަނި އަހަރެންނެވެ.
ދަތުރަށް އަންނަން ހަމަޖެހިފައި އޮތް ހިސާބަށް އަހަރެމެންނަށް އާދެވުނުއިރު ނުވައެއް ޖަހަނީއެވެ. ތަންކޮޅެއް ދުރުން އަހަރެމެން ފަދައިން ދަތުރު އައިސްގެން އުޅޭ އެހެން ބައެއް ދުށީމެވެ. އެހިސާބުގެ މޫދު ވެސް ހަޑިއެއްނޫނެވެ. ގެނައި ދެ ކުނާ ފަތުރާލުމާއެކު އެންމެން އަވަސްވެލީ ސައިބޯށެވެ. އަހަރެމެންގެ ތެރޭގައި ޖުމްލަ ހަތް އަންހެނުން ތިއްބެވެ. އެއްވެސް މީހަކު އަހަރެން ބާކީއެއް ނުކުރެއެވެ. ހީވަނީ ޒަމާންވީ އެކުވެރީންތަކެއް ހެންނެވެ. ހީނ ސަމާސާގެ އަޑު އަހަރެމެންގެ ތެރެއިން އިވެމުންދިޔައެވެ.
ފައިގަތަޅާ ކުޅެން އުޅެފައި ކަޓައިގެން ސީމާ ފޭބިއެވެ. އެންމެ ފުރަތަމަ ފައިބަން ޖެހުނީ އަހަރެންނަށެވެ. ސީމާ އައިސް އަހަރެންގެ ކައިރީ މަޑުކޮށްލިއެވެ. އަހަރެން ހުންނަނީ ގެސްޓްހައުސްގައި ކަން އޭނާއަށް އެނގިފައި އޮތުމުން އެ ވާހަކަ އަހާލިއެވެ. ހީވީ ޔަގީންކުރަން އަހާލީ ހެންނެވެ. އަހަރެން އާނއެކޭ ބުނުމުން ސީމާ ބަލާލީ ތަފާތު ނަޒަރަކުންނެވެ.
"އެތާ ހުންނަން އާނައަށް ކެރޭތަ؟. އަހަރެން އަޑު އެހިން ވަރަށް ނާމާންތަނެކޭ އެއީ. އިރުއޮއްސިއްޖެއްޔާ އެހިސާބުން އަލިގުޅަތަކާ އެއްޗެހި ފެނެޔޯ." ސީމާ ބުންޏެވެ.
"އެހެންތަ؟. އަހަރެން ދަނީ ހަމައެކަނި ނިދަން. އެހެން ހުރިހާއިރަކު އުޅެނީ އިތޫމެން ގޭގައި." އަހަރެން ބުނީމެވެ.
"ބަލައިގެން އުޅޭތި." ސީމާ ބުންޏެވެ.
"ކޮންކަމަކާ ބަލައިގެން އުޅޭން އާނައަށް ލަފާ ތިދެނީ." އިތޫ އަހަރެމެންނާ ދިމާއަށް އައެވެ.
"އެ ގެސްޓްހައުސްގައި އުޅޭއިރު ބަލައިގެން އުޅެއްޗޭ މިބުނީ. މާޝިމެންގޭ އަކްރަމު ކިޔެއްނު އަންހެން ކުއްޖަކު އެހިސާބުގައި އުޅޭތީ މީހުންނަށް ފެންނަ ވާހަކަ." ސީމާ ބުންޏެވެ.
"މާޝިތާ ބުނި އެއީ އެމީހުން ހަދައިގެން ދެއްކި ވާހަކައެކޭ. އެ ފެނުނު އަންހެންކުއްޖަކީ އަކްރަމުމެންނާ އެކީ އުޅޭ ކުއްޖެއްގެ ބިޓޯ. އެ އަކްރަމަކީ ބިރެއް ގަންނާނެ މީހެއްނޫން. މި ރަށުގައި އެ ގުރޫޕު ނުވަންނަ ވަލެއް ހިޔެއްނުވޭ އޮންނާނެހެން. އެހެންނޫނަސް ސީމާ ތި ކަހަލަ ވާހަކަ ތި ދައްކަނީ އެނގޭތަ އާނަ ދެން މިރޭ ނުވެސް ނިދާނެ." އިތޫ ބުންޏެވެ.
އަހަރެންނަށް އެމީހުންގެ ވާހަކައިން ޤަބޫލުކުރަންވީ ކިހާ މިންވަރެއްކަމެއް ނޭނގުނެވެ. އަހަރެންނަށް ތިން ފަހަރެއްގެ މަތިން އަންހެނަކު ފެނިއްޖެއެވެ. އެކަމަކު ފެންނަނީ ކާކުކަން ވަކިކުރަން ނޭނގޭހާ ދުރުންނެވެ. ޒުވާން ކުދީންކޮޅެއްވެގެން ކުރާ ސަމާސާއަކީ ހެއްޔެވެ. ގެސްޓްހައުސް ނާމާން ތަނެއްކަން ސާބިތުކުރަން ޖަހާ ސަކަރާތަކީ ހެއްޔެވެ. އެކަމަކު ކޮޓަރީގައި އަހަރެންނާ އެ ދިމާވާ ކަންތައްތަކަކީ ދެން ކޮންކަމަކާ ގުޅިފައިވާ ކަމެއް ހެއްޔެވެ.
ހަވީރު ފަހެއް ޖެހިއިރު ދަތުރު ނިންމާލާފައި އަހަރެމެން ކުޑަ ޕިކަޕެއް ގެނެސް އެއަށް އެއްޗެހިތައް އަރުވައި އެނބުރިދާން ނައްޓާލީއެވެ. ގެސްޓްހައުސްއާ ގުޅިގެން އިތުރު ވާހަކައެއް ސީމާ ނުދެއްކިއެވެ. އެކަމަކު އަހަރެން ހުރީ އެތަނާ ގުޅިގެން ރަށުތެރޭގައި ދައްކާ ވާހަކަތައް އެނގެން ޝައުގުވެރިވެފައެވެ. އެ ވާހަކަތަކުން ފަހަރެއްގައި އަހަރެންނާ މި ދިމާވާ ކަންތަކުގެ ހަޤީޤަތް އެނގިދާނޭ ހީވަނީއެވެ. ނަމަވެސް އިތޫ ހުންނަނީ ފޯރިއަށެވެ. އަހަރެންގެ ކައިރީ ބިރުވެރި ވާހަކައެއް ދައްކާކަށް މީހަކަށް ފުރުޞަތެއް ނުދެއެވެ.
އިތޫމެން ގެއިން ފެންވަރައިގެން އަހަރެން ތައްޔާރުވީމެވެ. ޒުހާގެ ޚަރަދުގައި ރޭގަނޑުގެ ކެއުން އަހަރެމެން ކެއީ ގެއިން ބޭރުންނެވެ. އަހަރެމެންނާ ޒަފަރު ބައިވެރިވިއެވެ. އެ ހުރިހާއިރު ވީއިރު ފައިސަލް އަހަންނަށް ގުޅާ ވެސް ނުލާތީ ހައިރާންވިއެވެ. މެސެޖެއްހާ ހިސާބު ވެސް އޭނާ ނުކުރެއެވެ. ދަތުރު ނިންމާފައި އިތޫމެން ގެއަށް އެނބުރި އާދެވުމުން އަހަރެން ފައިސަލްއަށް މެސެޖު ކުރީމެވެ. އެނބުރި ގެއަށް އާދެވުނުކަން ބުނާށެވެ. އަދި ޒުހާއާއެކީ ކާން ދަމުން އެކަން ވެސް ފައިސަލްއަށް މެސެޖުކޮށް އަންގާލީމެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ފައިސަލްއަކީ އެފަދަ ކުދިކުދި ތަފްސީލުތައް އެނގެން ބޭނުންނުވާ މީހަކީބާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން ހީކުރީ ރައްޓެހިވެގެން އުޅޭއިރު ދެ މީހުން ދުރުގައި ތިބޭއިރު އަހަރެންގެ ދުވަސް ހޭދަވަނީ ކިހިނެއްކަން އެނގެން ބޭނުންވާނެ ކަމަށެވެ. ގައިމުވެސް ޒިޔާންއާއެކު ތިން އަހަރު ހޭދަކުރީ އެފަދައިންނެވެ. އަހަރެންގެ ޚަބަރެއްނުވަންޏާ އޭނާ ނުގުޅިޔަސް މެސެޖު ކުރާނެއެވެ. އަހަރެން ކުރާކަމެއް އޮޅުންފިލުވާނެއެވެ.
ފައިސަލްގެ ޚަބަރެއް ނުވިޔަސް ބަރާބަރު ދިހަގަޑިބަޔަށް އަހަރެން ބަލާ އައެވެ. އެހެން ދުވަސްދުވަހަށްވުރެ އަހަރެން ހުރީ ވަރުބަލިވެފައެވެ. އެހެންޏާ ހަރަކާތްތެރިނުވާ ވަރަށް މިއަދު ހަރަކާތްތެރިވީމައެވެ. ދަތުރުގެ ސަބަބުންނެވެ. ކާރަށް އަރައި ހަމަޖެހިލުމާއެކު ފައިސަލް ކާރު ދުއްވާލައިފިއެވެ. އަހަރެން ފެނުމުން އޭނާ ބަދަލުކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ. އެ ދެ ލޮލުން އަހަރެންނަށް އެކަން ފެންނަން ހުއްޓެވެ. އަދި ފައިސަލް އަހަންނަށް އެއް އަތް ދިއްކޮށްލިއެވެ. އެ އަތުގެ ތެރެއަށް އަހަރެންގެ އަތްތިލަ ލައްވާލީމެވެ. އެއާއެކު އޭނާ އަހަރެންގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލުމާއެކު ބޮސްދީފިއެވެ. އިރުކޮޅަކު އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން އިނދެފައި ދޫކޮށްލީ ހުންގާނުގައި ދެއަތުން ހިފަހައްޓާލާށެވެ.
"ފަޒީލް އައިސް އުޅެފައި ދިޔައީ." އަހަރެން ގޮވައިގެން ގެސްޓްހައުސްއަށް ވަންނަމުން ފައިސަލް ބުންޏެވެ.
"މަންމަ ކިހިނެއް." އަހަރެން އަހާލީމެވެ.
"މިހާރު ރަނގަޅު. ފަޔަށް އަރާމުދެނިކޮށް ރަނގަޅުވާނޭ ބުނީ." ފައިސަލް ބުންޏެވެ.
ގެސްޓްހައުސް ތެރެއަށް ވަދެވުމާއެކު އަހަރެން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. އަހަރެންނާ އެއްވަރަށް ފައިސަލް އައެވެ. ކޮޓަރި ހުޅުވާލައި ބޮކިތައް ދިއްލާލި ވަގުތު އެނދާ ކުރިމަތިވާނޭހެން ފާރުގައި ޖައްސާފައި ހުރި ހިމަދިގު ކަބަޑުގެ މަތިން ޓީވީ ފެނިއްޖެއެވެ. އަޖައިބުވެފައި ފައިސަލްއަށް ބަލާލީމެވެ. އޭނާ އަހަރެންގެ ފަހަތުން ކޮޓަރިއަށް ވަނީއެވެ.
"ރަނގަޅުތަ؟." ހިނިތުންވުމަކާއެކު ފައިސަލް އަހާލިއެވެ. އަހަރެންނަށް އެހެން ގޮތެއް ވެގެން ދިޔައީއެވެ. އަހަރެން ނެތިސް ކޮޓަރިއަށް ފައިސަލް ވަނީމައެވެ. ދަތުރުދާންވެގެން ހެދުމެއް ނަގަން އުޅުމުގައި ބައެއް ހެދުންތައް އެނދުމައްޗަށް އަޅާލި ގޮތަށް އޭރު ވެސް ހުއްޓެވެ. ހެދުމުގެ އެތެރެއިން ލާ އެއްޗިއްސާ އެކީގައެވެ. އަހަރެން ކައިރީ ބުނެލާފައި ފައިސަލް ވަން ނަމައޭ ހިތަށް އެރީއެވެ. އެހެންވިޔަސް ފައިސަލްގެ މޫނުން ފެންނަން ހުރި އުފާވެރިކަން އަހަރެންނަށް ބުނެދިނީ ކޮޓަރި އޮތް ގޮތަކަށް އޭނާގެ ފަރުވާލެއް ނެތްކަމެވެ. އޭނާގެ ގަސްދަކީ އަހަރެން އަންނަންވާއިރަށް ކޮޓަރިއަށް ޓީވީއެއް ލައިދިނުން ކަމެވެ.
"ތެންކިޔު." އަހަރެން ހިނިތުންވެލީމެވެ. އެހިނދު ފައިސަލް އައިސް އަހަރެންގެ ގައިގާ ބައްދާލައިފިއެވެ.
"އައި މިސްޑް ޔޫ." ކަންފަތްދޮށުގައި ފައިސަލް ބުނެލިއެވެ. އަހަރެންގެ ކަރުދޮށުންނާއި މޫނުގައި ފައިސަލް ވަސްގަތެވެ. އަދި މާނަވީ ބެލުމަކުން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ފައިސަލް އަހަރެންގެ މަތިން ހަނދާނެއްނުވެޔޭ ހީވި ހީވުމަކީ ގޯހެއްކަން އެނގުނީމައެވެ. އޭނާ އަހަންނަށް ނުގުޅީ އަހަރެންގެ މަތިން ހަނދާންނުވާތީއެއްނޫންކަން އޭނާގެ ބަހާއި ޢަމަލުން ދޭހަވެއެވެ.
"މިސްޑް ޔޫ ޓޫ." ފުޅާ ހިނިތުންވުމަކާއެކު އަހަރެން މިހެންބުނެ ފައިސަލްގެ ނޭފަތު ކޮޅުގައި ބޮސްދިނީމެވެ. އަހަރެންގެ އެ ޢަމަލުން އިހުނަށްވުރެ ފައިސަލްއާ ގާތްކޮށްލައިފިއެވެ. ދެން އޭނާ އަހަރެންގެ ކައިރިން ކަމަކަށް އެދުނެވެ. ހިތްއަވަސްވެގެން އައިއިރު މަޑުހޫނުކަމެއް އަހަރެންގެ ދެ ކޯތާފަތަށް ވެސް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން އަހަރެން ބޯޖަހާލުމާއެކު ފައިސަލްގެ ހިތުގެ އެދުން ފުރިހަމަކުރިއެވެ. އަހަރެންގެ އަތުގައި އޮތް ދަބަސް ދޫވެގެން ތަޅުންމައްޗަށް ވެއްޓުނެވެ. އަދި ފައިސަލްގެ އުނަގަނޑާ ދިމާލުން އޭނާ ލައިގެން ހުރި ޓީޝާޓު ދެއަތުގެ ތެރެއަށް ބޮނޑިކޮށްލެވުނެވެ.
"އައި ހޭވް ސަމްތިން ފޯ ޔޫ." އަހަރެން ގެނެސް އެނދުގައި ބައިންދަމުން ފައިސަލް ބުންޏެވެ. ސުވާލު ނަޒަރަކުން އަހަރެން ބަލަން އިނީމެވެ. ޖިންސުގެ ފަހަތު ޖީބުން ފައިސަލް ނެގީ ފަތްޖަހާލާފައި އޮތް ކަރުދާސްކޮޅެކެވެ. އެ ނިއުޅާލާފައި ނެގީ ރިހިކުލައިގެ ފަށެކެވެ. އެންމެ އަޅައިގަތީ ފަށުފުލުގައެވެ. ކޮޓަރީގައިވީ އަލިކަމުގެ އެ ފަށުފުލުގައިވީ ފެންފިޔާޒު ވިދަންފެށިއެވެ.
"ވާއޮ..." އަޖައިބުވެފައި އަހަރެންނަށް ބުނެލެވުނެވެ.
"އިޓްސް ރިއަލް... ޖަސްޓް ލައިކް ޔޫ." އަހަރެންގެ ކަރުގައި އަޅުވައިދޭން ފައިސަލް ގާތްވެލިއެވެ. އަހަރެން ވެސް އެ ފުރުޞަތު އޭނާއަށް ދޭން ކުރިޔަށް ޖެހިލީމެވެ.
"ތެންކިޔު." އަހަރެން ނިކަން އަވަހަށް ބުނީމެވެ.
"ޔޫ އާ އޮފިޝަލީ މައިން." ސީރިއަސްކަންވީ ބެލުމަކާއެކު ފައިސަލް ބުނެލިއެވެ. ރަކި ހިނިތުންވުމަކާއެކު އަހަރެން ބޯޖަހާލީމެވެ. އަދި އެނދުން ތެދުވެގެން އައިސް ރީތިވާ މޭޒުގެ ލޯގަނޑު ކައިރީ ހުއްޓިލީމެވެ. ފަށުފުލުގައި އަހަރެންނަށް އަތްލެވުނެވެ. އަލިއެޅޭ ގޮތުން އެކިފަހަރު އެ ފަށުފުލުގައިވާ ފެންފިޔާޒުން ފާޅުވަނީ އެކިކުލައެވެ. ނުހަނު ހިތްގައިމެވެ. ފައިސަލް ބުނިހެން އެއީ އަސްލު ޖަވާހިރެއް ހެއްޔެވެ. އެހެންވިއްޔާ އަގުވެސް ހުންނާނެތާއެވެ. މިހާ އަގުބޮޑު ހަދިޔާއެއް ފައިސަލް އަހަންނަށް ދޭން އަދި އަވަހޭ ހިތަށް އެރިއެވެ. މިކަހަލަ އަގުބޮޑެތި ހަދިޔާ ދޭހާ އަހަރެމެންގެ ގުޅުން ބަދަހިވެއްޖެ ހެއްޔެވެ. ކޮންމެއަކަސް ފައިސަލްގެ ޠަބީޢަތް ތަފާތުވީ ނަމަވެސް އަހަރެންނަށް ކަމުގޮސްފިއެވެ. އޭނާގެ ގާތްކަން އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތާއި ހަށިގަނޑު ބަލައިގެންފިއެވެ. މިފަދަ އަގުބޮޑު ހަދިޔާއެއް ތިން އަހަރުވީއިރު ޒިޔާނަށް ވެސް އަހަރެންނަށް ދޭން ނުލިބުނެވެ.
"އިޓްސް ބިއުޓިފުލް." ލޯގަނޑުން އަހަރެންގެ ހަރަކާތްތަކަށް ބަލަން ފަހަތުގައި ހުއްޓި ހުރި ފައިސަލްއަށް ބަލާލާފައި އަހަރެން ބުނެލީމެވެ.
(ނުނިމޭ)