ފިނިޕޭޖް

ގިނަ އަހަރުތަކަށްފަހު މެގް ރަޔާންގެ ފިލްމެއް

ރޮމޭންޓިކް ކޮމެޑީ ފިލްމް ކުޅުމަށް މަޝްހޫރު އެކްޓްރެސް މެގް ރަޔާން، 61، ގިނަ ދުވަސްތަކަކަށްފަހު ފިލްމެއް ކުޅެނީއެވެ.

މެގް ރަޔާން ފެނިގެންދާނީ "ވަޓް ހެޕަންސް ލޭޓާ" ކިޔާ ފިލްމެއްގައި ޑޭވިޑް ޑުކޮފްނީއާ އެކުގައެވެ.

މެގް އެކްޓްކުރުމުގެ އިތުރުން މި ފިލްމް ޑައިރެކްޓް ކުރާނެ އެވެ. އަދި ސްޓީވަން ޑައިޓްޒް އާއި ކާކް ލީންއާ އެކު މި ފިލްމްގެ ސްކްރިޕްޓް ލިޔުގައި މެގް ބައިވެރިވެފައިވެ އެވެ.

މި ފިލްމްގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު އާކެންސޯގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

"ވަޓް ހެޕަންސް ލޭޓާ" ގެ ވާހަކައަކީ ކުރީގެ ސާދާ އަދި ހިތްގައިމު ރޮމޭންޓިކް ކޮމެޑީޒްތަކުގެ އިހްސާސް ގެނުވާ ފިލްމެއް ކަމުގައި ޑޭވިޑް ޑުކޮފްނީ ބުންޏެވެ.

މި ފިލްމްގެ ވާހަކައިގައި އެތައް އަހަރުތަކެއްގެ ކުރީގެ ލޯބިވެރިން ވިއްލާ (މެގް) އާއި ބިލް (ޑޭވިޑް) ސްނޯ ތޫފާނަކާ ގުޅިގެން އެއާޕޯޓްގައި ނުފުރި ތާށިވެގެން ތިބެ ދިމާވެ އެވެ. ވިއްލާއަކީ ކުރިއެކޭ އެއްފަދައިން ގޮތްދޫނުކުރާ އަދި އަމިއްލައަށް ކަންކަންކުރަން ބޭނުންވާ މިނިވަން ހިޔާލުގެ އަންހެނެކެވެ. އަދި ވިއްލާގެ ލޯބީގެ އެއްވެސް ގުޅުމެއް އެވަގުތު ނެތެވެ.

ބިލް އަކީ އޭނާގެ ކައިވެނި ރޫޅުމަށްފަހު އޭނާގެ ވަކިވެފައިވާ އަންހެނުންނާއި އަންހެން ދަރިފުޅާއެކުވާ ގުޅުންތަކާމެދު ވިސްނަމުންދާ މީހެކެވެ. ވިއްލާ އާއި ބިލް ވާހަކަ ދައްކަން ބެނުން ނުވިނަމަވެސް، ދެމީހުން ވާހަކަ ދައްކަން ފަށާ، "ނަމަ ނަމަ"ގެ ވާހަކަތަކާއި ދެމީހުންގެ މެދުގައި ކަން ދިމާވި ގޮތުގެ ވާހަކަ ދައްކަ އެވެ. އަދި ކަން ހިނގި ގޮތާމެދު ދެމީހުންގެ ނަޒަރިއްޔާ ތަފާތެވެ. ދެން ވާނީ ކިހިނެއްކަން ޖެހެނީ ފިލްމުން ބަލާލާށެވެ.

މިއީ މެގް ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ. ޑައިރެކްޓަރެއްގެ ގޮތުން މެގްގެ ފުރަތަމަ ފިލްމަކީ "އިތަކާ" އެވެ. ފަހަކަށް އައިސް މެގް އެކްޓްކޮށްފައިވަނީ ލީސާ ކުޑްރޯގެ "ވެބް ތެރަޕީ" ޓީވީ ސީރީޒް ގައެވެ.