ޑރ. އަހުމަދު ޒާހިރު އަލީ

އިލްމުވެރިންނަށް ފުރައްސާރަ ކުރުމަކީ ނުރައްކަލެއް: ޑރ. ޒާހިރު

Jun 15, 2023
1

ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކާތެރި ސިގުނަލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވެފައި މިވަނީ އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒަށް އިއްޔެ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފަ އެވެ.

މިމައްސަލައިގައި އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށްވެސް ސިފަކުރެއްވި އެވެ.

"އިއްޔެ ޑރ އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރަން. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޑރ. އިޔާޒުއާ ދިމާކޮށްލުމުން އަދާލަތު ޕާޓީން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އެގޮތުން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. އިޔާޒަށް މަގުމަތިން ހަނގާކޮށް، ހަޑިހުތުރު ބަހުން މުހާތަބުކޮށް އަދި އަނިޔާވެރިވުމަށް ގޮވާލައި ހިންގީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހަރުއަޑުން ކުށްވެރިކޮށްފައިވެ އެވެ.

"މިއީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސް އަޅައި ރާއްޖޭގެ ދީނީ އިލްމުވެރިން އަގުވައްޓާލުމަށް ހިންގި ފިނޑި އަމަލެކެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ޑރ. އިޔާޒުއާ ދިމާކޮށްލި މައްސަލައިގައި އޭނާ ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށެވެ.