އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒަށް މިއަދު މަގުމަތި ދިމާކޮށް ފުރައްސާރަ ކުރި މައްސަލަ އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ މިއަދު ހަވީރު ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފަ އެވެ.
އިދިކޮޅު ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކޮށް އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޔާޒަށް މަގުމަތިން ހަނގާކޮށް، ހަޑިހުތުރު ބަހުން މުހާތަބުކޮށް އަދި އަނިޔާވެރިވުމަށް ގޮވާލައި ހިންގީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހަރުއަޑުން ކުށްވެރިކޮށްފައިވެ އެވެ.
"މިއީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސް އަޅައި ރާއްޖޭގެ ދީނީ އިލްމުވެރިން އަގުވައްޓާލުމަށް ހިންގި ފިނޑި އަމަލެކެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ބަޔަކު އިޔާޒުއާ ދިމާކޮށްލީ ހިނގަމުން މިދާ ރިޔާސީ ދައުރުގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި އަނިޔާވެރިކަމާއި ހަމަޖެހުމުގެ ތެރެއަށް ގައުމު އަނބުރާ ގެންދިޔުމަށް ރާވައިގެން ކަމަށެވެ. އަދި އެއީ އަމަލުތަކެއްގެ ބިރުވެރި ސިގްނަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތަކަށް އަބަދުވެސް އިދިކޮޅު މީހުން ފާޑު ކިޔަ އެވެ.