މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގުތަކަށް ބަދަލު ގެނެސް، ކަރަންޓު ސަބްސިޑީ ކަނޑާލާފައިވާތީ އަދާލަތު ޕާޓީން ނުރުހުން ފާޅުކޮށްފި އެވެ. އަދާލަތު ޕާޓީން ބުނީ ސަރުކާރުގެ އެ ނިންމުމަކީ އެ ޕާޓީން ކަންބޮޑުވާ ނިންމުމެއް ކަމަށެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލުތަކުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓު ބިލް މަހެއްގެ މައްޗަށް 60 ރުފިޔާއާއި 243 ރުފިޔާއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ އެވެ. މިއީ އެވްރެޖް ގޮތެއްގައި 20 ޕަސެންޓް އިތުރުވުމެކެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ އާމްދަނީ ދަށްވެ، ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބޮޑު ބުރައެއް ރައްޔިތުންނަށް އުފުލަންޖެހޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމަކީ އަދާލަތު ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ނޮވެމްބަރު 2013 އާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 70 ޕަސެންޓް ހެޔޮވެފައިވާއިރު ކަރަންޓުގެ އަގު ހެޔޮކުރުމުގެ ބަދަލުގައި ކަރަންޓުގެ އަގު ބޮޑުކުރެވިގެން ދިޔުމަކީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުގެ ހަރުދަނާ ކަމާއި އިހްލާސްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް،" ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނީ، ކަރަންޓުގެ އަގުތަކަށް ބަދަލު ގެނެސް ސަބްސިޑީ ކަނޑާލުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. "އަދާލަތު ޕާޓީން ގަބޫލުކުރާ ގޮތުގައި ދައުލަތުގެ ބަޖެޓް ހަމަޖެއްސުމަށް ކަރަންޓު ސަބްސިޑީ ކަނޑާލުމާއި، ޓެކްސް އާއި ޑިއުޓީ ބޮޑުކުރުންފަދަ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދޭންޖެހެނީ އާންމު ރައްޔިތުންނަށް އެކަމުގެ ތަކްލީފު އުފުލަން ނުޖެފަދަ ގޮތްގޮތުން ދައުލަތުގެ ބަޖެޓް ހަމަޖެއްސުމަށެވެ."
ބަޔާނުގައިވާ ގޮތުން، ދައުލަތަށް ލިބޭ އާމްދަނީއިން ކޮރަޕްޝަންގެ ގޮތުގައި ގެއްލިގެންދާ އެތައް ބިލިއަން ރުފިޔާ އާއި ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާ ފައިސާ އާއި ކޮންމެހެން ބޭނުންނުވާ އެކިއެކި ހަފުލާތަކަށް ކުރެވޭ އިސްރާފު ކުޑަކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަރަންޓުގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ކުރެވިދާނެ ކަމެކެވެ.
"ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުން ނިކަމެތިނުވާނެ އުސޫލެއްގެ މަތިން ހަރަދުނާ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް އަދާލަތު ޕާޓީން ގޮވާލަމެވެ. އަދި ކަރަންޓުގެ އަގު ހެޔޮކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ފައިދާ ދިވެހި ރައްޔިތުންނާ ހަމައަށް އެމްމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ވެސް ގޮވާލަމެވެ." އަދާލަތުގެ ބަޔާނުގައިވެ އެވެ.