ލައިފްސްޓައިލް

ރެކޯޑް އަދަދެއްގެ ބޮޮޑު ކިޑްނީ ސްޓޯނެއް ސްރީލަންކާ މީހެއްގެ ބަނޑުން ނަގައިފި

މިހާތަނަށް އިންސާނެއްގެ ބަނޑުން ނެގި އެންމެ ބަރު އަދި އެންމެ ބޮޑު ކިޑްނީ ސްޓޯން ސްރީލަންކާގެ މީހެއްގެ ބަނޑުން ނަގާފައިވާ ކަމަށާއި މި މީހާ މިހާރު ދެ ރެކޯޑެއް ގާއިމްކޮށްފައިވާ ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނެފި އެވެ.

ކެނިސްޓަން ކޫންގޭ ނަމަކަށް ކިޔާ 62 އަހަރުގެ މި ފިރިހެން މީހާ އަކީ ރިޓަޔަ ވެފައިވާ ސިފައިންގެ މީހެކެވެ. މި މީހާގެ ބަނޑުގައި އޮތީ އެންމެ ބޮޑު ކިޑްނީ ސްޓޯން އެކަންޏެއް ނޫނެވެ. އެންމެ ބަރު ކިޑްނީ ސްޓޯން އަކީ ވެސް މި މީހާގެ ބަނޑުން ނެގި ހިލަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް ވެބްސައިޓްގައިވާ ގޮތުން މިހާތަނަށް އެއްވެސް އިންސާނެއްގެ ބަނޑުން މިހާ ބޮޑު ކިޑްނީ ސްޓޯނެއް ނަގާފައެއް ނެތެވެ. މި ހިލަ އެމީހާގެ އަސްލު ކިޑްނީ އަށް ވުރެ ބޮޑެވެ.

ކޫންގޭގެ ކިޑްނީ ހިލައިގެ ބަރުދަނަކީ 1.76 ޕައުންޑެވެ. މިއީ ފަސް ބޭސްބޯޅައިގެ ބަރުދަނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ވަޒީރު މުހައްމަދު ކިޔާ ޕާކިސްތާނު މީހަކަށެވެ. އޭނާގެ ބަނޑުން 2008ގައި ނެގި ކިޑްނީ ސްޓޯންގައި ހުރީ 1.36 ޕައުންޑެވެ.

ކޫންގޭގެ ކިޑްނީ ސްޓޯންގެ ބޮޑުމިނަކީ 5.26 އިންޗި ގުނަ 4.15 އިންޗި އެވެ. މި ރެކޯޑް ކުރިން އޮތީ އިންޑިއާގެ ގިލަން ގޫގޭ އަށެވެ. އޭނާގެ ކިޑްނީ ސްޓޯންގައި ހުރީ 5.11 އިންޗި އެވެ.

ދާދިފަހުން މި ނެގި ރެކޯޑް ގާއިމްކުރި ކިޑްނީ ހިލަ ޑޮކްޓަރުން ނެގީ ކިހިނެއް ހެއްޔެވެ؟ ކޫންގޭގެ ހިލަ އިނީ އޭނާގެ ކަނާތު ކިޑްނީގަ އެވެ. ސްރީލަންކާގެ ކޮލަމްބޯގެ އާމީ ހޮސްޕިޓަލުގެ ޔޫރޮލޮޖިސްޓުންގެ ޓީމަކުން މިހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު މި ހިލަ ނަގާފައިވަނީ ސާޖަރީ ހަދައިގެންނެވެ.

ޑރ. ކުގަދާސް ސުތަރްޝަން މި ހިލަ ނަގަން ބޭނުންކުރީ ޕެޔޯލިތޯޓަމީ ކިޔާ ޕްރޮސީޖާ އެކެވެ.

މި ޕްރޮސީޖާ ހަދަނީ ކުޑަކުޑަ ތަންކޮޅެއް ފަޅާލައިގެން އެތަނުން ކިޑްނީގައި ހުރި ހިލަތައް ނެރެގެންނެވެ. މިހާރު މި ޕްރޮސީޖާ ހެދުމަށްފަހު ކޫންގޭގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ގިނިސް ރެކޯޑްގައި ވެއެވެ.

ކިޑްނީގައި ހިލަ އުފެދެނީ މިނަރަލްސް އާއި ލޮނު އެއްތަނަކަށް ޖަމާވެ ގިނަ ދުވަސްތަކެއް ހުރުމުން ހަރުވެގެންނެވެ. މިއީ ކާއެއްޗެތީގެ ސަބަބުންނާއި ގައިގައި ހުންނަން ނުޖެހޭ ވަރަށް މަސް ޖަހާފައި ހުރުމުން އަދި ބައެއް ކަހަލަ ސަޕްލިމެންޓްތަކާއި ބޭސް ކެއުމުން ދިމާވާ ކަމެކެވެ.