އިންޓަ ސްކޫލް ލަވަ މުބާރަތް ފެށުމަށް ދިރާގުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ އެކު ޕާޓްނާޝިޕް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ފެށި މިއަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތް ލައިވްކޮށް ދައްކަނީ ޕީއެސްއެމްގެ ޔެސް ޓީވީއިންނެވެ. މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 270 އަށް ވުރެ ގިނަ ދަރިވަރުން ހަ އުމުރުފުރައިގައި ބައިވެރިވެ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކެއްވެސް ހިމެނެ އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ޕީއެސްއެމްއާ އެކު އިންޓަ ސްކޫލް ލަވަ މުބާރާތް އަނެއްކާވެސް ޓީވީތަކަށް ގެނައުމަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންގެ މިއުޒިކީ ހުނަރުތައް އިތުރަށް ދައްކާލައި އެ ހުނަރު އިތުރަށް ކުރިއަރުވާ ތަރައްގީކުރުމަށް އެޅޭ ފިޔަވަޅެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް އެކުދިންނަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް،" ނާޔާ ޝަރީފް ވިދާޅުވި އެވެ.
ޕީއެސްއެމްގެ ސްޕޯކްސްޕާސަން ޒީކް މުހައްމަދު ރިޒާ ވިދާޅުވީ މެދުކެނޑުމަކަށްފަހު އަނެއްކާވެސް މި މުބާރާތް އަލުން ފެށުމަކީޕީއެސްއެމްއަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި މުބާރާތް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ޒީކް ވިދާޅުވި އެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި އެފަރާތްތަކަށް އިތުރު ފުރުސަތުތަށް ފަހިކޮށްދޭ ތަފާތު ހަރަކާތްތައް ގެނެސްދީ އެފަދަ ކަންކަމަށް އެއްބާރުލުން ދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.