މިނިސްޓްރީ އޮފް ޓޫރިޒަމް

ފަތުރުވެރިންނާ ގުޅޭ މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކާރިސާތަކުގައި ފަތުރުވެރިންނަށް ލިބޭ ގެއްލުންތަކަށް އެހީތެރިވުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މިއެއްބަސްވުމަކީ ދުނިޔޭގެ ފަތުރުވެރިންގެ ޖަމިއްޔާ -- ޔޫއެންޑަބްލިއުޓީއޯ އިން "އިންޓަނޭޝަނަލް ކޯޑް ފޯ ދި ޕްރޮޓެކްޝަން އޮފް ޓޫރިސްޓް"ގެ ނަމުގައި އެކުލަވާލާ އަމަލުކުރަމުންދާ އެއްބަސްވުމެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިވަގުތު ކެމްބޯޑިއާގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އެވެ.

މިނިސްޓަރު މައުސޫމު ކެމްބޯޑިއާ އަށް ވަޑައިގެންނެވީ ޔޫއެންޑަބްލިއުޓީއޯގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެއަކީ ސުލްހައާއި އަމާން އަދި ރީތި ގައުމެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް މަގުބޫލު ގައުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 861،167 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މީގެތެރެއިން 555،730 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމަށް ނިސްބަތްވާ ފަތުރުވެރިންނެވެ.