ވާހަކަ

ގަހަނާ ފޮށި

( 15 ޖޫން 2023 އާ ގުޅޭ )

ހިތަށް އެރިއެވެ. މިކަހަލަ އަގުބޮޑެތި ހަދިޔާ ދޭހާ އަހަރެމެންގެ ގުޅުން ބަދަހިވެއްޖެ ހެއްޔެވެ. ކޮންމެއަކަސް ފައިސަލްގެ ޠަބީޢަތް ތަފާތުވީ ނަމަވެސް އަހަރެންނަށް ކަމުގޮސްފިއެވެ. އޭނާގެ ގާތްކަން އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތާއި ހަށިގަނޑު ބަލައިގެންފިއެވެ. މިފަދަ އަގުބޮޑު ހަދިޔާއެއް ތިން އަހަރުވީއިރު ޒިޔާނަށް ވެސް އަހަރެންނަށް ދޭން ނުލިބުނެވެ.

"އިޓްސް ބިއުޓިފުލް." ލޯގަނޑުން އަހަރެންގެ ހަރަކާތްތަކަށް ބަލަން ފަހަތުގައި ހުއްޓި ހުރި ފައިސަލްއަށް ބަލާލާފައި އަހަރެން ބުނެލީމެވެ. އެ ތުންފަތުގައިވީ ފަނޑުވުމެއްނުވާ ލޯބިވެތި ހިނިތުންވުމެކެވެ.

ކޮޓަރިތެރެ ނިކަން އަވަހަށް ހަމައަކަށް އަޅުވާލީމެވެ. އަލަމާރި ލައްޕާފައި އަހަރެން އެނބުރިލީއިރު ފައިސަލް އެނދަށް އަރައި ހަމަޖެހިލަނީއެވެ. ހެޑްބޯޑުގައި ލެނގިލައިގެން ދަމާލެވިފައި އޮތް ފައި އެއްފައި އަނެއްފައިގަ އަޅުވާލައިގެން އިނދެ އޭނާ ރިމޯޓު ނެގިއެވެ. ޓީވީ ހުޅުވާލުމާއެކު ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ހިންދީ ޗެނެލަކުން ދައްކަމުންދިޔަ ޑްރާމާއެއްގެ އަޑެވެ. އަހަރެން ބަލަން ހުރުމުން ފައިސަލް އިޝާރާތްކޮށްލީ އޭނާގެ ކައިރިޔަށް އައުމަށެވެ. މިރޭ ކޮޓަރީގައި މަޑުކުރަން އޭނާ ޚިޔާލު ކުރަނީބާއޭ ހިތަށްއެރިއެވެ. އެހެންނަމަވެސް ސުވާލެއްނުކުރަމެވެ. ފައިސަލްގެ ކައިރިޔަށް އެނދަށް އަރައި އަހަރެން ހަމަޖެހިލީމެވެ.

"މިގަޑީގައި އެކަނި ދޯ އަހަރެންނަށް އާނަ ފެންނާނީ. އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭނީ." ޗެނެލްތައް ބަދަލު ކުރަމުން ފައިސަލް ބުންޏެވެ.

"ކޮންމެ ދުވަހަކު އަހަރެން ނުދާންވީތަ؟. ފައިސަލް ބުނެބާ." އަހަރެންނަށް ފައިސަލް މާނަކުރީ ކިހިނެއްކަން އެނގިގެން ބުނީމެވެ.

"އާނަގެ ބެސްޓްފްރެންޑް... މިކޮޅަށް އައިސް ތިހުރީ ވެސް އޭނައާއެކީ." ފައިސަލް މިފަހަރު ވެސް ވާހަކަދެއްކީ ދުރުދުރުންނެވެ. އޭނާ އަހަންނާއެކީ ވަގުތު ހޭދަކުރަން ބޭނުންވެއެވެ. އެހެންވިޔަސް އަހަރެން ކައިރީ ބުނެގެން ވަގުތު ހުސްކުރާން ބޭނުންނުވާ ކަހަލައެވެ. އެ ނިންމުން ނިންމަން ފައިސަލް އެ އެދެނީ އަހަރެން އަމިއްލައަށެވެ.

"އޯކޭ. ކޮންމެ ދުވަހަކު ނުދާނަން. ހެޕީތަ؟. އަހަރެން ވެސް ފައިސަލްއާއެކީ ޓައިމް ސްޕެންޑްކުރަން ބޭނުންވޭ. އިތޫ އަންޑަސްޓޭންޑްވާނެ. އޭނާ ވެސް ކުރާނެ ކަންތައް ހުންނާނެއެއްނު. ކޮންމެ ދުވަހަކު އަހަރެން އެންޓަރޓެއިން ކުރާކަށް ނޫޅެވޭނެ ދޯ. ހީވާ ގޮތުން އަހަރެންގެ ޗުއްޓީ ނުނިމެނީސް އޭނާގެ ޖޮބު ވެސް ހަމަޖެހޭނެ. އަނެއްކާ އޭގެ ކުރީން ނޭނގެ މެރީ ނުކުރާނެކަމެއް." އަހަރެން ބުނީމެވެ.

"ހުރިހާ ވާހަކައެއް އިތޫއާ ޝެއާކުރަންތަ؟." ފައިސަލް އަހާލިއެވެ.

"ޝެއާ ނުކުރެވޭނެ ކަހަލަ ވާހަކަތައް ހުންނާނެ ދޯ. އަހަރެމެންގެ ވާހަކަ އިހަށް އެކަކަށް ވެސް ނާންގަން ފައިސަލް ބުނީމެންނު. އެކަމަކު އިތޫއަށް ޝައްކުވެގެން އަހައިފިއްޔާ ދޮގު ހަދާހިތެއް ނުވޭ." އަހަރެމެންގެ ގުޅުމުގެ ވާހަކަތައް މީހުންނާ ޚިއްޞާކުރުން ފައިސަލްއަށް ކަމުނުދާކަން އެނގޭތީ އެކަމުގެ ޔަގީންކަން އަހަރެން ދިނީއެވެ.

އެ ވާހަކަތަކަށްފަހު ފައިސަލް އިތުރު ސީރިއަސް ވާހަކައެއް ނުދެއްކިއެވެ. އޭނާ ވައަތް ދަމާލައި ކައިރިޔަށް އަންނަން އެދުމުން އަހަރެން އެ އަތުގެ ތެރެއަށް ވަދެ މޭގައި ބޯއަޅައިލީމެވެ. އަހަރެންގެ އިސްތަށިގަނޑާ ވައަތުން ފައިސަލް ކުޅެންފެށުމުން ނިދި އަންނަ ގޮތްވާންފެށިއެވެ. ނިދިޖެހުނުކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކުއްލިއަކަށް ކޮޓަރިތެރެ މާބޮޑަށް ފިނިވާންފެށިއެވެ. މުޅި ހަށިގަނޑަށް ފިނިވުމުގެ ބަދަލުގައި އިޙްސާސް ކުރެވެނީ ފައިތިލައިން ފެށިގެން މައްޗަށް ފިނިގަނޑު އަރާ ހެންނެވެ. އަހަރެން ހީކަރުވާގޮތްވިއެވެ. ފައިސަލްގެ އަތްދޮށަށް ބޮޑަށް ޖެހިލައި އެ ހަށިގަނޑުން ހޫނު ހޯދަން މަސައްކަތް ކުރެވުނެވެ. ދެން އިވެންފެށީ ރާޅުޖަހާއަޑެވެ. ކޮޓަރިއާ ހަމައަށް އެ އަޑު ނީވޭނޭކަން އަހަރެންގެ ސިކުނޑި އެއްބަސްވެއެވެ. އެކަމަކު ކަންފަތަށް އިވޭ އަޑު ދޮގުކުރެވޭކަށް ވެސް ނެތެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު ފަނޑުވެފައި ވިއެވެ. މިހުރިހާ ކަމަކާ ސުވާލު އުފެދިފައި ވަނިކޮށް ކޮޓަރީގެ ފާޚާނާއިން ހިޔަންޏެއް ނުކުތްތަން ފެނުނެވެ. އަހަރެން ބިރުގަތެވެ. ނަމަވެސް ފައިސަލް ގާތުގައި އޮތްކަން އެނގޭތީ އަހަރެން ހަރަކާތެއްކޮށްނުލައި އޮތީއެވެ. ސިއްރުން އަހަރެން ބަލަން އޮއްވާ އެ ހިޔަނި އައިސް ރީތިވާ މޭޒުކައިރީ ހުރި ގޮނޑީގައި އިށީނެވެ. ދެން ތެދުވެގެން އައިސް ފައިސަލް އިން ފަޅީގައި އެނދު ކައިރީ ހުއްޓުނީއެވެ. އަހަރެންގެ ކެތްތެރިކަން ގެއްލުނީ އެ ހިޔަނީގެ އަތް އަހަރެންނާ ދިމާއަށް ދަމާލި ވަގުތެވެ.

މާނޭވާލަމުން އަހަރެންނަށް ތެދުވެވުނެވެ. ހުވަފެނެއްކަން އެނގުނީ ދެނެވެ. ނިދާބޮކީގެ އަލި ހުއްޓެއްކަމަކު ޓީވީ ހުޅުވާފައި ހުރުމުން މާބޮޑަށް ވެސް ކޮޓަރިތެރެ އޮތީ އަލިވެފައެވެ. އެއާއެކު އަހަރެންގެ ކައިރީ ނިދިޖެހިފައި އިން ފައިސަލް ފެނުނެވެ. އަހަރެން ސިއްސައިގެން ދިއުމުން ވެސް ފައިސަލްއަށް އިޝާރާތެއް ނުވިއެވެ. ނިދިގެން ގޮސް އިސްޖެހިފައި ފައިސަލް އިންއިރު އެ އިނީ ގަދައަށް ނިދާފައިހެން ހިޔެއްނުވެއެވެ. އަހަރެންގެ ނަފްސު ހަމައަކަށް އެޅެންދެން ފައިސަލް ކައިރީ ހެޑްބޯޑުގައި ލެނގިލައިގެން އިނީއެވެ.

"މޫދަށް ވެއްޓުނީ ހުވަފެނުގައެއްނޫން. އަހަރެން ހަމަހޭގައި ހުރީ... އެ ދުވަހުވެސް ހީވި ފައިގައި މީހަކު ހިފައި އަޑިއަށް ގެންދަންފެށިހެން. މިފަހަރު ހުވަފެނެއްކަމަކު ރާޅުޖަހާ އަޑު އިވުމުން ހަނދާންވީ އެ ދުވަހު ކަންތައްވީގޮތް. އަހަންނާ ކަމެއް ދިމާވީތަ؟. މީގެ ކުރީން ދުވަހަކުވެސް މިކަހަލަ ގޮތެއްނުވޭ. ކީއްވެބާ... ބުނޭ ޖިންނީންނަން ގޯނާ ކުރެވިއްޖެއްޔާ އުނދަގޫކުރަން އަންނާނެއޭ. އަހަންނަށް އެވަރުގެ ކަމެއް ކުރެވިގެންތަ މިއުޅެނީ. އެކަމަކު... ކިހިނެއް އެހެންވާނީ... އިރުއޮއްސޭ ގަޑީގައި ކީއްކުރަން ރޭގަނޑު ގަސްގަހާއި ފަޅުތަންތަނަށް ގޮހެއް ނޫޅެން. ގަހަކުން މަލެއް ކީއްކުރަން ފަތެއް ވެސް ބިނދެލާފައި ނުވާނެ." އަހަރެން ވަރަށް ވިސްނީމެވެ. ހުވަފެނުގެ ސަބަބުން އަހަރެންގެ ނިދިވެސް ފިލީއެވެ.

"ފައިސަލް އިންކަން ނަސީބެއް. އެކަމަކު... މީ ރަނގަޅުކަމެއް ވެސް ނޫން. ޒިޔާންއާ ރައްޓެހިވެގެން އެހާ ދުވަސްވީއިރު ވެސް އޭނާއާއެކު އަހަރެން މިހާ ގާތްކޮށް ނޫޅެން." ހުރިހާ ކަމަކާ ވިސްނަމުން ގޮސް އަހަރެންގެ ސަމާލުކަން ފައިސަލްއަށް ދެވުނެވެ. އަހަންނާއި ފައިސަލްގެ ގުޅުން ބަދަހިވަމުން މިދަނީ ހީނުކުރާ އަވަސްކަމާއެކުކަން ޟަމީރު ފާހަގަކުރިއެވެ. އަހަންނާއި ފައިސަލްއާ ދެމެދު "ކެމިސްޓްރީ" ރަނގަޅީއޭ ހިތް ބުންޏެވެ. މިކަހަލަ ވިސްނުމެއްގައި އަހަރެން އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. އަނެއްކާވެސް ލޮލަށް ބަރުވާންފެށުމުން މިފަހަރު ފޯނު ނެގީމެވެ. ޓީވީގެ އަޑު ކަނޑާލާފައި ބަޤަރާ ސޫރަތް ފޯނުން ޖަހާލީ އެއީ ރޫޚާނީ ކަންކަމާ ދެކޮޅަށް އޮތް އެންމެ ބާރުގަދަ ހަތިޔާރުކަން އެނގިފައިވީމައެވެ.

"އާނަ..." އަހަރެން ޤުރުއާން ޖެހުމާއެކު ފައިސަލްއަށް ހޭލެވިގެން ގޮވާލިއެވެ. ޤުރުއާން ޖެހީ ކީއްވެތޯ އޭނާ ސުވާލުކޮށްލިއެވެ.

"ނިދަން ފަސޭހައަކަށް." އަހަރެން ބުނީމެވެ.

"އަޑެއް ނީވެންޏާ އާނައަށް ނިދަން އުނދަގޫތަ؟. އަހަރެންނަށް ވެސް ނިދާކަށްނޫން އިނީ." ފައިސަލް ދެ އަތް މައްޗަށް ދަމާލަމުން ވާހަކަދެއްކިއެވެ.

"ތެދުވަނީތަ؟." އަހަރެން އަހާލީމެވެ. އެއާއެކު ފައިސަލް އަހަރެން ބަލާލީ މާނަވީ ހިނިތުންވުމަކާއެކުއެވެ.

"އިތުރަށް އޮންނަންވެއްޖެއްޔާ އަހަރެންގެ ދުވަސް ހިނގައިދާނެ." ފައިސަލް ބުންޏެވެ.

"ވަޓް." ހައިރާންވިއެވެ. ފައިސަލް އެބުނި އެއްޗެއް އަހަރެންނަށް ފަހުމްނުވީއެވެ.

"މިބުނީ މީ އާނަގެ ކޮޓަރިއޭ. އަމިއްލަ އެނދުގައޭ ނިދަންވާނީ." ފައިސަލް މިހެންބުނެ އެނދުން ފޭބިއެވެ. އޭނާ ކައިރީ މަޑުކުރާށޭ ބުނާ ހިތް ވިއެވެ. ނަމަވެސް އޭރުން އެ ދެވެނީ ނުބައި މެސެޖެއްކަން އެނގޭތީ ނުބުނީއެވެ. ފައިސަލް ނުކުތުމުން ކޮޓަރި ތަޅުލަން އަންނާށޭ އޭނާ ބުންޏެވެ. އަހަރެން އެނދުން ފޭބީ އެހެންވެއެވެ. ފައިސަލް އިތުރު ވާހަކައެއް ނުދައްކާ އަހަރެންގެ ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އޭނާގެ ފަހަތުން ދޮރު ކައިރިޔަށް ނުކުންނަން ވެސް ފުރުޞަތެއް ނުދިނެވެ. ދަންވަރުގެ ވަގުތުވީމައޭ އަހަރެން ހީކުރީމެވެ. އެހެންވެ ދޮރު ހުޅުވުމުގެ ބަދަލުގައި ތަޅުލާފައި އައިސް އަލުން އެނދަށް އެރީއެވެ.

ހެނދުނު ހޭލެވުނުއިރު ވެސް ފޯނުން ޤުރުއާނުގެ އަޑު އިވިއިވި ހުއްޓެވެ. ރޭގައި ފަހުން އެއްވެސް އުނދަގުލެއް ވެސް އަހަރެންނަށް ނުވެއެވެ. ހޭލިއިރު ނަފްސަށް ތަފާތު ހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ. ފޯނުން ޤުރުއާން ނިއްވާލައި އަހަރެން ތެދުވީމެވެ.

"އެއިޓް ވަނީ... ފައިސަލް ކޮބާބާ؟ އޭނާއަށް ވެސް ހޭނުލެވުނީތަ؟." ފައިސަލް އަހަންނަށް ގޮވަން ނައީމަ ހައިރާންވިއެވެ.

ފާޚާނާއަށް ވަދެފައި ނުކުމެ ތައްޔާރުވެލައިގެން އަހަރެން ފުރަތަމަ ކަމަކަށް މަންމައަށް ގުޅާލީއެވެ. ދެން ހޫދު ދިން ފޯނުގެ މަތިން ހަނދާންވިއެވެ. ފޯނުގެ ރިންގު ކަނޑާލާފައި އަލަމާރިއަށް ލީ ފޯނު ނަގައި ބަލާލީމެވެ. އަހަރެން ހީކުރި ފަދައިން ހޫދު ހުރީ ގުޅާފައެވެ. ކޮށްފައި ހުރި މެސެޖުތައް ކިޔާލީމެވެ. ލޯބީގެ ބަސްކޯޅިތަކެވެ. އެކަން އެނގުމުން ހުރިހާ މެސެޖެއް ނުވެސް ކިޔަމެވެ. ގުޅަން ބޭނުންނުވީ ހޫދާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ނެތީމައެވެ. ފޯނު ކުރިން އޮތްތަނަށް ލާފައި އަލަމާރި ލައްޕާލީމެވެ. ދެން އަވަސްވެލީ ފައިސަލް ހޯދަން ދާށެވެ.

"ޔޫ ހޭނުލަނީކަމަށް ހީކުރީ." ބޭރަށް ނުކުތުމުގެ ކުރީން ބަދިގެ ބަލާލަން ވަން ވަގުތު ކާމޭޒުދޮށުގައި އިން ފައިސަލް ފެނުނެވެ.

"އާނަ އެހާ ލަހުން ނިދީމަ ނުގޮވީ. ހިތަށް އެރީ ނިދި ހަމަވެގެން އަންނާނޭ. އަހަރެން ނުފެނިއްޖެއްޔާ ކޮބާތޯ ބަލަން ގުޅާނޭ... ކޮފީ ހަދައިދޭން. ބްރެކްފަސްޓް ވެސް ރެޑީ." ފައިސަލް ވާހަކަދައްކަމުން މޭޒު ދޮށުން ތެދުވިއެވެ. އަހަރެންގެ ކައިރިޔަށް އައިސް ކުޑަކޮށް ބައްދާލައި ކޯތާފަތުގައި ބޮސްދީފައި ދުރަށް ޖެހިލިއެވެ.

"ކޮފީ ބޯނަން." އަހަރެން ކާމޭޒު ދޮށުގައި އިށީނީއެވެ. ކޮފީ ހަދަން ޖައްސާފައި ނާސްތާ ތައްޔާރުކޮށްފައި ހުރި ތަށި ހިފައިގެން ފައިސަލް އައެވެ. އަހަންނަށް ފޯނެއް އައީ އެވަގުތެވެ.

"ފަޒީލް އެ ގުޅަނީ." ފޯނުކޯލު ނެގުމުގެ ކުރީން އަހަރެން ބުނެލީމެވެ. އަދި އޭނާއާ ވާހަކަދައްކަން ފެށީމެވެ.

"އަންނަނީތަ؟" އަހަރެން ފޯނުކޯލު ނިންމާލުމާއެކު ފައިސަލް އަހާލިއެވެ. އަހަރެން ދެއްކި ވާހަކަ އިވިގެންކަން އެނގެއެވެ.

"ހޫމް. އަހަންނާ ދިމާނުވާތާ ގިނަދުވަސްވީމައޯ." ފައިސަލް ގެނެސް ބެހެއްޓި ތަށިން ކާން ފަށަމުން އަހަރެން ބުނީމެވެ.

"ފިހާރަށް ނުގޮސް މިތަނަށް އަންނަނީ ކީއްކުރަން." ފައިސަލް މިހެން ބުނިއިރު އެ އަޑުގައި ހިސާބެއްގެ ނުރުހުންތެރިކަމެއް ހުރިހެން އަހަރެންނަށް ހީވިއެވެ. އޭނާ އަހަރެންނަށް ފުރަގަސްދެމުން ކޮފީމެޝިނު ކައިރިޔަށް ހިނގައިގަތީތީ މޫނެއް ނުފެނުނެވެ. އެހެންވެ އެ މޫނުގައިވީ ހަޤީޤީ އަސަރަކީ ކޮބާކަމެއް ދެނެގަންނަން ދަތިވިއެވެ. އަހަރެން އެ ވާހަކައާ ވިއްދާ އެއްޗެކޭ ނުބުނަމެވެ.

ކައިނިމި ކޮފީ ބޯން އިންދާ ފަޒީލު އަހަރެންނަށް ގުޅިއެވެ. ފޯނު ނަގައި ބަދިގޭގައޭ އަހަރެން ބުނަންވީއިރު ފައިސަލް ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. އަހަރެން ކޮފީބޮއެ ނިމުނުއިރު ވެސް ފަޒީލު ބަދިގެއަކަށް ނައެވެ. އެހެންވެ ޖޯޑު ދޮވެފައި އަހަރެން ނުކުތީއެވެ. ކައުންޓަރު ކައިރީ ސޯފާތައް ވެސް ހުރީ ހުސްކޮށެވެ. އެހެންވެ ގެސްޓްހައުސް އިން ބޭރަށް އައީއެވެ. ފައިސަލްއާއި ފަޒީލު ފެނުނީ އެވަގުތެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ އަހަރެން ފެނުމުން ހުއްޓާލައިފިއެވެ. ފަޒީލު ނިކަން ފުޅާ ހިނިތުންވުމަކާއެކު އަހަރެން ކައިރިޔަށް އައެވެ. ފައިސަލް ހިނގައިގަތީ ބީޗްހައުސްއާ ދިމާއަށެވެ. ކިހިނެއްވީބާއޭ އަހަރެން ހިތަށް އެރިއެވެ.

"ޔޫގެ ދޮންބެ ކަމަކާ ހިތްހަމަނުޖެހުނީތަ؟." ފަޒީލު އައިސް ކައިރީގައި މަޑުކޮށްލުމާއެކު އަހަރެން އަހާލީމެވެ.

"ފިހާރައަށް ނުގޮސް އައީމަ. އަހަރެން ބުނިން އާނައާ މީޓުކޮށްލާފައި މިދަނީއޭ." ފަޒީލު ބުނެލީ ނިކަން އާދައިގެ ގޮތަކަށެވެ. އިތުރަށް އެ ވާހަކައެއް ނުވެސް ދެއްކިއެވެ. އޭނާ ފެށީ އަމިއްލަ ވާހަކައެކެވެ. އޭނާގެ ސަމާސާ މިޒާޖުގައެވެ. އަހަރެމެން ވާހަކަދައްކަމުން އައިސް ގެސްޓްހައުސް ބޭރުގައި ހުރި ދިގު ގޮނޑީގައި އިށީނީއެވެ.

"ކޮންއިރަކުން އެކޮޅަށް ދަނީ. މިއަދު ހިނގާބަލަ އެންމެން ކޮފީއަކަށް ޖައްސާލަން." ފަޒީލު ބުންޏެވެ.

"ހަވީރު ކަންނޭނގެ ދާނީ. އިތޫއަށް އަދި ގުޅާނުލަން." އަހަރެން ބުނީމެވެ.

"ޒަފަރަށް އަހަރެން ގުޅާނަން. ހަވީރު ދަންޏާ އަންނާނަން އާނަ ބަލާ. އޭރުން އެންމެން އެއްކޮށް ނުކުންނާނީ." ފަޒީލު ބުންޏެވެ. ދެ ޚިޔާލެއްގައި އިނދެ އަހަރެން އާނއެކޭ ބުނީމެވެ. އިތޫމެންގެއަށް އަހަރެން ގެންގޮސްދިނުމުގެ ޒިންމާ ފުރަތަމަ ނެގީ ފަޒީލެވެ. އެކަމަކު މިހާރު އަހަރެން އެ ފުރުޞަތުދޭން ބޭނުމީ ފައިސަލްއަށް ކަމަށް ވިޔަސް އެހެން ބުނެވޭކަށް ނެތެވެ.

ފަޒީލު އެނބުރި ދިޔައިރު ވެސް ފައިސަލްއެއް ނައެވެ. އިރުކޮޅަކު މަޑުކޮށްލާފައި އަހަރެން ފައިސަލްއަށް ގުޅީމެވެ. އޭނާ ފޯނަށް ޖަވާބެއް ނުދިނުނެވެ. ދެ ފަހަރު ގުޅާފައި ދެން ނުގުޅީ ފައިސަލްއަށް އަހަރެން ގުޅިކަން އެވަރުން އެނގޭނޭތީއެވެ. އޭނާގެ ޠަބީޢަތަށް އައި ބަދަލުގެ ސަބަބުން ފޯނަށް ޖަވާބު ދޭން ބޭނުންނުވީބާއޭ ވެސް އަހަރެން ހިތަށް އެރިއެވެ. ކަރުގައި އޮތް ފައިސަލް ދިން ފަށުގެ ފުލާއި އެއް އަތުން ކުޅެމުން މަޑު ހިނގުމެއްގައި އަހަރެން އައީ އަނބުގަހުގައި އެލުވާފައި ހުރި ޖޯލިތައް ކައިރިއަށް އައީ ފައިސަލްއަށް ވީގޮތެއް ނޭނގޭތީ އޭނާގެ ވިސްނުމުގައި ހުރެއެވެ. އެތަނުން ޖޯއްޔެއްގައި އިށީނދެ އިތޫއަށް ގުޅީ ފައިސަލްގެ ޚިޔާލާ ދުރަށްދާށެވެ. ހަވީރު އިތޫމެންގެއަށްދާން އަހަރެން ނިންމީ ވެސް ފައިސަލް ރޭގައި ދެއްކި ވާހަކައިންނެވެ. އޭނާއާއެކު ވަގުތު ހޭދަކުރަން ގަސްދުކޮށެވެ.

ފޯނުން އިތޫއާ ވާހަކަދައްކަން އިންނަތާ އިރުކޮޅެއްވީފަހުން މީހަކު ކައިރީގައި ހުރިހެން ހީވިއެވެ. އަހަރެން ޖޯލި އަނބުރާލީ ހިނދު ހީވީ މުޅި ގަޔަށް ގަނޑުފެން އެއްޗެއް އޮއްސާލިހެންނެވެ. ކައިރީގައި ބަލަހައްޓައިގެން ހުރީ ފައިސަލްއެވެ. ސިހުނުވަރުން އަހަރެންގެ މޭގަނޑު އަނގަޔަށް އައިސް އެނބުރި އޭގެ މާޤާމަށް ދިޔަ ފަދައެވެ. އެއްވެސް އަސަރެއްނުވާ ބެލުމަކުން ފައިސަލް އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ދެ ލޮލުގެ ތެރޭގައި އަނދިރިގަނޑެއް ފޮރުވި އޮތް ކަހަލައެވެ. އެހެންޏާ ފެންނަ ވިދުމެއް ގައިމުވެސް ނެތެވެ.

"އިތޫ... އަހަރެން ފަހުން ގުޅާނަން އިނގޭ." އަހަރެން މިހެންބުނެ ފޯނުކޯލު ކުރުކޮށްލީއެވެ. ދެން ފައިސަލްއަށް ގޮވާލީމެވެ.

(ނުނިމޭ)