އާބަންކޯ

އާބަންކޯ އިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަން ޑޭއެއް

އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން "އާބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި އޯޕަން ޑޭ އެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އޯޕަންޑޭ ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އިން މާދަމާ ރޭ 8:00ގެ ނިޔަލަށް އާބަންކޯ އެގްޒިބިޝަން ސެންޓަރު ގައެވެ.

އާބަންކޯއިން ބުނީ އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކުންފުނީގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު މި ފުރުސަތުތަކަށް ކުރިމަތިލުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މިގޮތުން މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމުކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް ދޭކުން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަ ކަމެއް ދެވިގެން ދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

އާބަންކޯއިން އިތުރަށް ބުނީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުންކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އާބަންކޯގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ އާންމުންނާ ވިހާވެސް ގާތުން މަސައްކަތް ކުރުން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.