ރައީސް މުހައްމަދު ނަޝީދު

ނަޝީދު މުރައިދޫގެއިން ނިކުންނަވަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމާ އެކު ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު -- މުރައިދޫގެއިން ނިކުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ހުންނަވަން މުރައިދޫގެ ހަމަޖެއްސީ އެމަނިކުފާނަށް އަމާޒުކޮށް މެއި 6، 2021 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިސްއަށް ހުށަހަޅާފައި އޮތުމުން އެމަނިކުފާނު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާތީ އެމްޑީޕީ މެންބަރުންގެ ފަރާތުން އަމާޒުވަނީ އަހްލަގީ ގޮތުން ދެރަވަރު ފާޑުކިޔުންތަކެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންގޮސް މަޖިލީހުގެ ރައީސްގެ އިނާޔަތް ނަގާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމާ އެކު މުރައިދޫގެއިން ނިކުމެވަޑައިގެން އަމިއްލަ ގެކޮޅު -- ގ. ކެނެރީގެއަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.

"މުރައިދޫގޭގައި ހުރުން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާ ހިތްވެގެން ކުރާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހު އެވެ.

ގުރައިދޫގޭގައި އުޅެންޖެހޭ އެކަހެރި ދިރިއުޅުންވެސް ނަޝީދު ވަނީ ކޮންމެވެސް ވަރަކަށް ސިފަކޮށްދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެ ގެއަކީ ހުރިހާ ދިމާލަކުން ވެސް ބައްދާފައި ހުންނަ އަނދިރި ގެއެއް ކަމަށެވެ. މުރައިދޫގެއިން ނިކުތުމުން ސެކިއުރިޓީ ނުދީފިނަމަ "ދެން މަރުވެފައި އޮންނާނީ" ކަމުގައިވެސް ވިދާޅުވި އެވެ.

ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތަކީ އެމްއެންޑީއެފް އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު ހުންނަވަން ހާއްސަ ގެކޮޅެއް ސަރުކާރުން ހަމަޖެއްސީވެސް ސިފައިންގެއިން އެކަމަށް އެދުމުން ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށްފަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޖުމްލަ 54 މެންބަރުންގެ ސޮޔާ އެކު އެވެ. އެއީ ނަޝީދު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ.