ހަބަރު

ކުރީގެ ޕީޖީ މުހުތާޒު ކޯޓުން ދޫކޮށްލައިފި

ރޭ ހައްޔަރުކުރި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް، މުހުތާޒު މުހުސިން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އެގޮތަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މުހުތާޒުގެ ބަންދަށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ހައްޔަރު ކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލައިގެ ތަހުގީގަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ އިއްޔެ އެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުންޏެވެ. ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.

މި މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30 އ. ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މުހުތާޒު ޕީޖީ ކަމުން ދުރުކުރީ، ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު، ރައްޔިތިން މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.