ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކޮށްފި އެވެ.
މުހުތާޒު 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ކުށް ސާބިތުވެގެންނެވެ.
އެ މައްސަލާގައި މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އެއީ، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އާ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.
ޓެރަރިޒަމްގެ ކުށް މުހުތާޒުގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަަޅާފައިވެ އެވެ.
އެ މައްސަލަ މުހުތާޒުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. މައްސަލަގައި މިއަދު ހައިކޯޓުން ވަނީ އެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތަށް ކަނޑައެޅީ ކުށް ސާބިތުކުރަން އެކަށީގެންވާ ހެކި ލިބިފައިނެތް ކަމަށް ނިންމުމަށްފަހު އެވެ.
ހުކުމްގައިވާ ގޮތުން މުހުތާޒު ބައިވެރިވި ޓެރަރިޒަމްގެ އަމަލަކީ ރައީސް ޔާމީން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށްވާއިރު އެއިން އެއްވެސް އަމަލެއް އެއްވެސް މީހަކު ކޮށްފައިވާކަން އެނގެން ނެތެވެ.
އޭގެއިތުރުން ސައްހަ ނޫން ކޯޓު އަމުރެއް މުހުސިން ނެރުއްވި ކަމަށް ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ. އެއީ އެ މައްސަލާގައި ހެކި ބަސް ދީފައިވާ މީހުންގެ ހެކި ބަހުން އދ. މާމިނގިލިން ސައްހަ ނޫން ކޯޓު އަމުރެއް ނުލިބޭ ކަމާއި ކޯޓު އަމުރު ލިބުނީ މާލެއިން ކަމަށްވާއިރު އެ އަމުރުގައި ސޮއިކުރުމަށް މުހުތާޒު މާމިނގިލިން މާލެ ނާންނަ ކަމަށް އެނގެން އޮންނާތީ ކަމަށެވެ.
މި މައްސަލާގައި ދެން ކުށް ސާބިތުކުރި އދ. މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންއަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް އިއްޔެ ވަނީ ހައިކޯޓުން ހުކުމްކޮށްފަ އެވެ.
ކޯޓުން މިނިވަންކުރުމާއެކު، މަހުތާޒު ވަނީ އަނބިކަނބަލުން އަދި ވަކީލް ޝާދިޔާ އާދަމްއާއެކު ފޮޓޯއެއް ނެންގެވުމަށްފަހު ޓްވީޓް ކުރައްވާފަ އެވެ. އޭނާ ވަނީ ޝާދިޔާ ޝުކުރު އަދާކުރައްވާފަ އެވެ. ޝާދިޔާ ވަނީ މުހުތާޒަށް އެކަށީގެންވާ ބޭސް ފަރުވާ ޖަލުން ނުލިބޭ މައްސަލާގައި ގިނަ މުއައްސަސާތަކަށް ހިންގަވާފަ އެވެ.