ގައުމުގެ ކުރިމަގަށްޓަކައި ގައުމަށް ފައިދާ ހުރި ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.
ނައިބް ރައީސް މިކަމަށް އެދިވަޑައިގަތީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.
ފައިސަލް ވިދާޅުވީ ގައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ގައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭތަން ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން ގައުމުގެ ތަރައްގީއާއި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން އެއްބައިވަންތަކަން އިސްކުރުން މުހިއްމު ކަމަށެވެ.
ސްޓެލްކޯ އަކީ ވަރަށް މުހިއްމު އަސާސީ ހިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި ނައިބް ރައީސް ވިދާޅުވީ ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ސްޓެލްކޯ އިން ގެނެސްފައިވާ ކަމަށެވެ.
"މިގޮތުން މާލެ ސަރަހައްދާއި، މާލެ ކައިރީ ސަރަހައްދުތަކަށް ބަލާއިރު 34 ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން އަންނަނީ ފުޅާކުރަމުން،" ނައިބް ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންނާ ހަމައަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިއްމުކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދެއްވާ ކަމުގައި ވިދާޅުވި އެވެ. މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މި ޖަލްސާގައި ނައިބް ރައީސް ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފަ އެވެ. އަދި މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ.