ސްޓެލްކޯ

ސްޓެލްކޯ އިން ޕޮލިޓެކްނިކް އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ކަރަންޓު ފޯރުކޮށްދޭ މައި ކުންފުނި ސްޓެލްކޯއިން މޯލްޑިވްސް ޕޮލިޓެކްނިކް އާއެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ގޮތުން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ސްޓެލްކޯގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، ޕޮލިޓެކްނިކްގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު އަހްމަދް ނަސީރު އެވެ. މި އެމްޔޫއަކީ އިންޑަސްޓިރިއަލް އަދި ހަކަތަ ދާއިރާއިން މީހުން ބިނާ ކުރުމުގެ ގޮތުން ވެވުނު އެމްއޯޔޫ އެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވީ، ހަކަތަ އަދި އިންޑަސްޓިރިއަލް ދާއިރާއިން މީހުން ބިނާ ކުރުމުގެ ސަބަބުން ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މުޣުނީ އިތުރަށް ވިދާޅުވީ، ޕޮލިޓެކްނިކް މެދުވެރިކޮށް ހަކަތަ އަދި އިންޑަސްޓްރިއަލް ދާއިރާއިން ތަމްރީނު ހޯދާފައިވާ ފަރާތްތަކަކީ ވަޒީފާގެ މައިދާނުގައި ލިބިފައިވާ ތަމްރީނުގެ ގާބީލްކަން ދައްކަވަމުންދާ ބައެއް ކަމަށެވެ.

ސްޓެލްކޯ އަކީ ރާއްޖޭގައި ހަކަތަ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސްޓެލްކޯއިން ވަނީ މީގެ ކުރިން ހަކަތަ އަދި އިންޑަސްޓިރިއަލް ދާއިރާއިން އެކުންފުނި މެދުވެރިކޮށް ތަމްރީނު ހަދާފައިވާ ފަރާތްތަކަށް ވަޒީފާ ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދް ނަސީރު ވިދާޅުވީ، ޕޮލިޓެކްނިކް އެންމެ މުހިންމު ބޭނުމަކީ ހަކަތަ އިންޑަސްޓްރިއަލް ދާއިރާއިން ދިވެހިން ބިނާ ކުރަން ކަމަށާއި، އެހެންކަމުން ސްޓެލްކޯ އާއެކީ މިއަދު ވެވުނު މި އެމްޔޫއަކީ މުހިންމު އެމްއޯޔޫ އެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ މަހު 24 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ޕޮލިޓެކްނިކް އަށް ކުރެއްވި ޒިޔާރާތުގައި، ނަިއބު ރައީސް ހަކަތަ އަދި އިންޑަސްޓްރިއަލް ދާއިރާއިން މީހުން ބިނާ ކުރުމަށް އެދުނު ކަމަށެވެ. އޭނާ ވިދާޅުވީ ޕޮލިޓެކްނިން އިން ދަނީ މީހުން ބިނާކުރަން ޖެހޭ ދާއިރާތަށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.