ރައްޔިތުންގެ މަޖިލިސް

މަޖިލިސް ހުއްޓުވާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު ޕީޖީ

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ސަރުކާރުން ރާވައިގެން ކަމަށް ތުހުމަތުކޮށް ސަރުކާރުގެ އެ އަމަލު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ގްރޫޕުން ކުށްވެރިކޮށްފި އެވެ.

އިދިކޮޅު ޕީޖީ ގުރޫޕުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވަނީ ސަރުކާރުގެ މެޖޯޓީއޮވެމެ، ސަރުކާރުން ބޭނުންވެގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވާތީ މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކޮށްފި އެވެ.

‎މިބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވުމުމަށް އޮތް ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ކަމަށްވާއިރު މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ ސަރުކާރުން ކަމަށެވެ. އެހެންކަމުން މިހާރު ދިވެހި ދައުލަތް ހިނގަމުންދަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

މަޖިލިސް ހުއްޓުވާފައިވަނީ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ހީލަތްތެރިކަމާއެކު ދުރާލާ ސަރުކާރުން ރާވައިގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާ ދިނުމަކީވެސް މަޖިލިސް ހުއްޓުވާލި ސަބަބެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

‎"ދިވެހި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ނަގާލައި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލައި، ދައުލަތުގެ ތިން ބާރު މައްސުނިކޮށް، ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމަކީ ހުދުމުހުތާރު، ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ދިމިގުރާތީ ސިފަތަކާ ބީރައްޓެހި ސިފައެކެވެ،" ސަރުކާރަށް ފާޑުކިޔަމުން ބުނެފައިވެ އެވެ.

‎މިބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތް މިއަދު ވެއްޓިފައިވަނީ ދުވަހަކުވެސް ނުވެއްޓޭފަދަ ނާޒުކު ހާލަތަކަށް ކަމަށެވެ. ދިވެހި ގައުމު ވެއްޓިފައި މިވާ ހާލަތު ރަނގަޅު ކުރުމަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ހުޝިޔާރުވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ. އަދި މިނިވަން މުއައްސަސާތަކުން ހިނގަމުންދާ ގާނޫނާ ހިލާފު ކަންކަމަށް ފާރަވެރިވުމަށްވެސް ގޮވާލާފައިވެ އެވެ.

"ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް މިހާރުން މިހާރަށް ހެދުމަށް ސަރުކާރަށް ގޮވާލަމެވެ. އެފަދަ ގާބިލުކަމެއް ނެތްނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމަށް އިބުރާހީމް މުހައްމަދު ސޯލިހަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.