ދުނިޔެ

ޓައިޓޭނިކް ބަލާލަން ދިޔަ ޓޫރިސްޓް ސަބްމެރީނެއް ގެއްލިގެން ހޯދަނީ

އުތުރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ދޮށަށް ދަތުރުކުރި ކުޑަ ސަބްމެރީނަކަށް ވީ ނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.

ސަބްމެރީން އޮޕަރޭޓްކުރާ އޯޝަންގޭޓުން ބުނާ ގޮތުން އުޅަނދާ ގުޅޭނެ އެއްވެސް ގޮތެއް މި ވަގުތަކު އެ މީހުންނަކަށް ނެތެވެ. އެހެންކަމުން އުޅަނދުގައި ތިބީ ކިތައް މީހުންކަން އަދި ވަނީ ކަށަވަރު ނުވެފަ އެވެ.

އެމެރިކާގެ ކޯސްޓްގާޑާ ހަވާލީދީ ޚަބަރުތައް ބުނާ ގޮތުން މީހުން ސަލާމަތްކުރުމަށް ވަފުދުތައް ވަނީ އެޓްލާންޓިކް ކަނޑަށް މިސްރާބު ޖަހާފަ އެވެ. އަދި އުޅަނދު އޮތް ހިސާބަށް ކަނޑަށް ޑައިވަރުން ފީނައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ މީހުން ކުރާނެ އެވެ.

އޯޝަންގޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކުންފުންޏަށް ލިބިފައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ދުނިޔޭގައި ތިބި މި ފަންނުގެ މާހިރުންގެ ތަޖުރިބާވެސް ހޯދާނެ ކަމަށެވެ.

އުތުރު އެޓްލާންޓިކް ކަނޑުގައި ސަބްމެރިން ފެތިފައި އޮންނަ ތަނަށް ޓޫރިސްޓުން ގޮވައިގެން މިނީ ސަބްމެރީން ދަތުރުކުރުމަކީ ޓިކެޓް ވިއްކައިގެން ކުރާ ވިޔަފާރިއެކެވެ. އެހެން ނަމަވެސް ޓައިޓޭނިކް އޮތް ފުންމިނަށް އާންމުން ގެންދިއުމަށް ރައްކާތެރިކަމުގެ ޓްރޭނިން ޕްރޮގްރާމްތައް ޓިކެޓް ގަތުމުން ހިންގަ އެވެ.

އޯޝަންގޭޓުން ބުނާ ގޮތުން މި ފަހަރު ސަބްމެރީން ދަތުރުކުރީ ސައިންސްގެ ދިރާސާއެއްގަ އެވެ. މިއީ ވެސް ސްޕޮންސަރުން އިންތިޒާމްކުރި ދަތުރެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓައިޓޭނިކް އެޓްލާންޓިކް ކަނޑަށް ފެތުނީ އިނގިރޭސިވިލާތުން ފުރައިގެން އެމެރިކާއަށް 1912 ގައި ކުރި ފުރަތަމަ ދަތުރުގައި މާސިންގާ އައިސްގަނޑަކަށް އަރައިގެންނެވެ. އައިސްގަނޑުގެ ބޮޑުބައި ކަނޑުއަޑިއަށް މޫފައިބާފައި ހުރުމުން ޓައިޓޭނިކް ދުއްވި މާލިމީއަށް ނޭނގުނީ އެވެ.

މި ހާދިސާގައި ޓައިޓޭނިކުން ދަތުރުކުރި 2،200 މީހުންގެ ތެރެއިން 1،500 މީހުން މަރުވި އެވެ. އަދި ޓައިޓޭނިކް ދާއިމަށް ކަނޑުގެ އެންމެ ފުނަށް ޣައިބުވި އެވެ.

ޓައިޓޭނިކް އަލުން ހޯދުނީ 1985 ގައި -- 3،8000 މީޓަރު ފުނުގައި އޮއްވަ އެވެ. އެއަށް ފަހު ޓައިޓޭނިކްގައި ހުރި ސާމަނުތައް ހޯދައި ވަނީ ބިމަށް ނަގާފަ އެވެ. އަދި ސައިންސްވެރިން އެކި ކަހަލަ ހޯދުންތައް ހޯދުމަށް މިނީ ސަބްމެރީންގައި އެތައް ދަތުރެއް ވަނީ ކޮށްފަ އެވެ.