ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޕާކިސްތާން ޓީމަށް ވީސާ ދޫކޮށްފި

މާދަމާ ފެށޭ ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން ޗެމްޕިއަންޝިޕް (ސާފް) ގޭމްސްގައި ބައިވެރިވާ ޕާކިސްތާން ޓީމް އިންޑިއާގެ ބެންގަލޫރަށް ދިއުމަށް އިންޑިއާ އިން ވީސާ ދޫކޮށްފި އެވެ.

ޕާކިސްތާން ޓީމަށް އިންޑިއާ އިން ވީސާ ދީފައިވާއިރު އެ ޓީމުން މާދަމާ އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ބެންގަލޫރަށް ދެވޭނީ މެޗް ކުޅެން އެންމެ 12 ގަޑި އިރަށް ވެފައި އޮއްވަ އެވެ.

ޕާކިސްތާން ޓީމު މިވަގުތު ތިބީ މޮރިޝަސްގައި ހަތަރު ގައުމެއްގެ މެދުގައި ކުޅޭ މުބާރާތެއްގައި ބައިވެރިވުމަށްޓަކައި އެގައުމަށް ގޮހެވެ.

އެ ޓީމު އިންޑިއާއަށް ފުރަން އޮތީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ޕާކިސްތާން ސްޕޯޓްސް ބޯޑުން ޓީމު އިންޑިއާ އަށް ދިއުމަށް ހުއްދަ ނެގުމާއި އަދި އޭގެފަހުން އިންޑިއާ އިން ޓީމަށް ވީސާ ހޯދުން ފަދަ އިދާރީ ކަންކަމުގައި ލަސްތަކެއް މެދުވެރިވެ މިދިޔަ އާދީއްތަ ދުވަހު ޓީމު އިންޑިއާ އަށް ފުރަން އޮތް ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

ޕާކިސްތާން ޓީމްގެ މެނޭޖަރ ހަސްނައިން ހައިދަރު ބުނެފައިވަނީ މިއަދު ޓީމް އިންޑިއާ އަށް ފުރާނެ ކަމަށެވެ. ނަމަވެސް މިދަތުރަށް އެތައް ހުރަސް ތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ ޓީމު އިންޑިއާ އަށް އެތެރެވުމަށް ހުއްދަ ދޫކޮށްފައިވަނީ މުމްބާއީ އެއާޕޯޓުން ކަމަށްވެފައި މުމްބާއީން ބެންގަލޫރަށް އެހެން ފްލައިޓެއްގައި ދާން ޖެހޭތީ އެވެ.

"އަހަރަމެން މި ބަލަނީ މާދަމާ އިންޑިއާ އަށް ދާން. މިބަލަނީ މޮރިޝަސް އިން މުމްބާއީ އަށް ހެނދުނު ދެވޭނެ ފްލައިޓެއް ލިބޭތޯ. ނަމަވެސް ރޭގަނޑު ދާން ދިމާވެއްޖެނަމަ މުމްބާއީ އަށް ދެވޭނީ ދަންވަރު 1 ޖަހާއިރު. އެހެންވެއްޖެނަމަ އެގަޑީގަ ބެންގަލޫރަށް ފްލައިޓެއް ނެތުމުން ފަތިހު 5 ޖަހަންދެން މަޑުކުރަން ޖެހޭނެ. އޭރުން ޓީމަށް ދެވޭނީ ހެނދުނު 8 ޖަހާއިރު،" ހައިދަރު ބުނެފައިވެ އެވެ.

ޕާކިސްތާން ޓީމަށް މިހުރިހާ ދަތިތަކަކާއެކު މުޅި ދަތުރުމަތީގައި 14 ވަރަކަށް ގަޑި އިރު ހޭދަވާނެތީ ޓީމްގެ ކުޅުންތެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ތައްޔާރުވުމަށް ލިބޭނީ 12 ވަރަކަށް ގަޑި އިރަށްވުރެވެސް ކުރު ވަގުތެކެވެ.

"އަހަރެމެން އިއްޔެ ހެނދުނު ޓްރޭނިން ބާއްވައި މިތިބީ އިންޑިއާ އަށް ފުރަން ތައްޔާރަށް. ދެ ދުވަސް ވެއްޖެ ފުރަން ދަބަސްތައް ތައްޔާރުކޮށްގެން ތިބޭތާ. މާދަމާ ހެނދުނު ޓްރޭނިން ބާއްވާނަން ރޭގަނޑު ފްލައިޓް ނަގަންޖެހޭނަމަ،" ހައިދަރު ބުނެފައިވެ އެވެ.

ކުޅިވަރު ހަބަރުތައް ބުނާ ގޮތުގައި ޕާކިސްތާން ޓީމަށް ދިމާވެފައިވާ ދަތިތަކާ ހެދި އެ ޓީމުގެ މެޗް ލަސްކުރުމުގެ މަޝްވަރާތަކެއް ވަނީ ހިނގާފަ އެވެ. ނަމަވެސް މިހާތަނަށް ޕާކިސްތާންގެ ޓީމުން ރަސްމީ ސިފައެއްގައި މެޗް އަލުން ހަމަޖެއްސުމަށް އެދިފައި ނުވާތީ މުބާރާތުގެ ޝެޑިއުލަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ޕާކިސްތާނުން އެދިއްޖެނަމަ ސާފް ގޭމްސްގެ މި މުބާރާތުގެ ޝެޑިއުލަށް ބަދަލެއް ގެންނަނަމަ އެކަން ކުރާނީ ސާފްގެ އިދާރާއިންނެވެ.

ޕާކިސްތާނުން ސާފް ގޭމްސްގައި އެންމެފަހުން ބައްދަލުކޮށްފައިވާ ހަތަރު މެޗުންވެސް ބަލިވެފައިވާ އިރު އިންޑިއާއާއި ދެކޮޅަށް އެންމެފަހުން ސެޕްޓެމްބަރު 2018 ގައި ކުޅުނު މެޗުން ވަނީ 3-1 އިން ބަލިވެފަ އެވެ. އެހެންކަމުން ޕާކިސްތާން މި މެޗުން މޮޅެއް ހޯދުމަށް އުއްމީދުކުރާއިރު އެކަމަށް މިހާރުވެސް މިވަނީ އަނެއްކާވެސް ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޕާކިސްތާން މާދަމާ އިންޑިއާ އާއި ދެކޮޅަށް ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗް މިމަހުގެ 24 ގައި ކުވައިތާއި ދެކޮޅަށް ކުޅޭނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗް ނޭޕާލާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 27 ގައެވެ.