( 18 ޖޫން 2023 އާ ގުޅޭ )
އެއްވެސް އަސަރެއްނުވާ ބެލުމަކުން ފައިސަލް އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ދެ ލޮލުގެ ތެރޭގައި އަނދިރިގަނޑެއް ފޮރުވި އޮތް ކަހަލައެވެ. އެހެންޏާ ފެންނަ ވިދުމެއް ގައިމުވެސް ނެތެވެ.
"އިތޫ... އަހަރެން ފަހުން ގުޅާނަން އިނގޭ." އަހަރެން މިހެންބުނެ ފޯނުކޯލު ކުރުކޮށްލީއެވެ. ދެން ފައިސަލްއަށް ގޮވާލީމެވެ.
އަހަރެންގެ އަޑު ފައިސަލްއަށް އިވުނުހެނެއް ހިޔެއްނުވެއެވެ. ޖޯލިން ތެދުވެ ފައިސަލް ކައިރިޔަށް ފިޔަވަޅެއް އަޅާލަންވާއިރަށް އޭނާ އެނބުރި ހިނގައި ގަނެއްޖެއެވެ. އޭނާގެ ފަހަތުން އަހަރެން އައީމެވެ. ފައިސަލްގެ މިސްރާބު ހުރީ ބިއްދޮށުން ފެންނަން އޮތް ގަސް ބޯ ވާގަނޑަށެވެ. އަހަރެން ހައިރާންވެ ސުވާލު އުފެދުނެވެ. ދުވާލުގެ އަލިކަމުގައި ވެސް އަހަރެންނަށް އެ ޖަންގަލިތެރެއަށް ވަދެގެން ދާކަށް ނުކެރޭނެއެވެ. ފިޔަވަޅު މަޑުޖައްސާލައި ފައިސަލް ކުރާކަމެއް ބަލަން ހުރީމެވެ. އޭނާ އެދިޔަ ގޮތަށް ވަށާފާރުން ދޮރު ކަނޑާފައިވާ ދިމާލުން ނުކުތީއެވެ. ފަސްއެނބުރި ބަލާލުމެއް ނެތި ގަސްތަކުގެ ތެރެއަށް ވަންނަން ދިމާކުރިއެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ.
"ކޮންތާކަށް ފައިސަލް." އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. ދެން ވެސް އޭނާ ނުހުއްޓުނެވެ. އަހަރެން ބަލަބަލާ ހުއްޓާ ގަސްތަކުގެ ތެރެއަށް ގޮސް އަހަރެންގެ ލޮލަށް އޮބާލައިފިއެވެ. ވާނުވާ ނޭނގިފައި ހުރި މީހަކުހެން އަހަރެންނަށް ހުރެވުނީ ފެނުނު ކަންތަކާމެދު ދެކެންވީ ގޮތެއް ނޭނގިފައެވެ. ފައިސަލް އެހެން ކަންތައް ކުރި ސަބަބެއް އެއްގޮތަކެއް ވެސް އަހަރެންގެ ސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ. އެހެންވިޔަސް އިތުރަށް ދެން އެތަނުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަޓާއި ބީޗުހައުސްއާ ދިމާއިން ނުކުމެގެން އައިސް ގެސްޓްހައުސްގެ ދޮރުމަތީ ހިޔާކޮށްފައި އޮންނަ ބައިގަ ހުންނަ ގޮނޑީގައި އަހަރެން އިށީނީމެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"ފަޒީލާ ދެ މީހުން ކަމަކާ ދެބަސްވީތަ؟. އެ ޖެހުނު މައްސަލައަކުން ފައިސަލްގެ ރުޅި ފިނިނުވަނީތަ. އެކަމަކު އަހަރެންދެކެ ރުޅި އަންނަންވީ ކީއްވެ؟. އަހަންނާ ވާހަކަ ނުދައްކަންޖެހޭ ސަބަބެއްނޫން އެއީ. އެއްވެސް އަސަރެއްނެތް މަރުވެފައިވާ މީހެއްހެން ބަލަން ހުރީ ވެސް... އަހަރެން ބިރުގަންނަވަންތަ ގަސްތަކުތެރެއަށް އެދިޔައީ." ވިސްނަންވީ ގޮތެއް ނޭނގި ޚިޔާލުތައް ގިނަވެފައި އަހަރެން އިނީމެވެ.
"ކީއްވެފައި ތިއިނީ. ފަޒީލު ދިޔައީތަ؟." އަހަރެންގެ ކުރިމަތިން އިވުނީ ފައިސަލްގެ އަޑެވެ. އަޖައިބުވެފައި އަހަރެން ބަލާލީމެވެ. ގެސްޓްހައުސްގެ މައި ދޮރުން ވަދެގެން އެ އަންނަނީ ފައިސަލްއެވެ. އޭނާގެ އެއް އަތުގައި ކޮތަޅުތަކެއް އޮތް އިރު އަނެއް އަތުގައި ކާރުގެ ތަޅުދަނޑި އޮތެވެ. ހަރަކާތެއްކޮށްލަން ނޭނގި އަހަރެންނަށް އިނދެވުނީއެވެ. ކަޅިވެސް ޖަހާނުލައި ފައިސަލްއަށް ބަލާށެވެ.
ފައިސަލް އައިސް ގެސްޓްހައުސް ތެރެއަށް ވަނެވެ. އަހަރެން އޭނާގެ ފަހަތުން ނައީމަ ކަންނޭނގެއެވެ. އަހަރެންގެ ނަމުން ފައިސަލް ގޮވާލިއެވެ. އަހަރެން ތެދުވީ ދެނެވެ. އެތެރެއަށް ވަދެގެން އައިސް ފައިސަލްގެ ފަހަތުން ބަދިގެއަށް ވަނީމެވެ. އޭނާ އައީ ބާޒާރުކޮށްގެންނެވެ. ކާމޭޒުމަތީ ކޮތަޅުތައް ބަހައްޓާފައި އޭގައި ހުރި އެއްޗެހި ނަގަންފެށިއެވެ.
"ހާދަ މަޑުމަޑުން ތިހުންނަނީ. ކަމަކާ ވިސްނަނީތަ؟." އަހަރެންނަށް ބަލާލަފައި ފައިސަލް ބުންޏެވެ.
މިހާރު އަހަރެންގެ ކުރިމަތިން މި ފެންނަނީ އަހަރެން ގަޔާވެގެން ރައްޓެހިވީ ފައިސަލްއޭ ހިތް ބުންޏެވެ. ފައިސަލް އަހަރެންނަށް ބަލާއިރު އެ ދެ ލޮލުގައި ދިރުންވާކަން ގައިމެވެ. ފުރިހަމަ ހިނިތުންވުމަކަށް ނުވިޔަސް އަހަންނާ ވާހަކަދައްކާއިރު އެ ތުންފަތް ދެމިލައެވެ. މޫނުން ލޯބިވެތި އެތައް އަސަރެއް ފާޅުވެއެވެ. ގާތްކަން އިޙްސާސް ކުރެވެއެވެ. އަހަރެންގެ ހިތް އަވަސްކުރުވައެވެ.
"ވާހަކަ ވެސް ނުދައްކަންތަ ތިހުންނަނީ." ފައިސަލް މިހެންބުނެ އަހަރެންގެ ކައިރިޔަށް އަންނަން ފިޔަވަޅު އަޅާލިއެވެ. ކޮތަޅުން އޭނާ ނެގި އައިސްކްރީމް ތަށި ގެނެސް އޭނާ ޖައްސާލީ އަހަރެންގެ ކޯތާފަތުގައެވެ. ކުއްލިއަކަށް ފިނިވެގެން ދިއުމުން އަހަރެން އޭނާގެ އަތް ދުރުކޮށްލީމެވެ. އަހަރެންގެ ހަރަކާތްތަކުން ފައިސަލް ހީނލިއެވެ. އަދި ގުދުވެލައި އައިސްކްރީމް ތަށި ފަރާތު ކޯތާފަތުގައި ފައިސަލް ބޮސްދިނެވެ.
"އިޓްސް ފޯ ޔޫ." ފައިސަލް ސިއްރުން ބުނެލިއެވެ.
"މި ވިސްނަނީ ފައިސަލް ޝޮޕިންކޮށްގެން އަންނަހާ އިރެއް އަދި ނުވެޔޭ." ފައިސަލް ދުރަށް ޖެހިލައި ބަލާލި ހިނދު އަހަރެން ބުނީމެވެ.
"ކިހިނެއްވީ. މާބޮޑަށް ލަސްވީތަ؟." ހައިރާންކަމާއެކު ފައިސަލް ބަލާލީ އަތުކުރީ ގަޑިއަށެވެ. ދެން އޭނާ އަހަރެންނަށް ބަލާލުމުން ދެ ފަރާތަށް އަހަރެން ބޯހޫރާލީމެވެ. ނޫނެކޭ ބުނާށެވެ.
"އަހަރެން ޖޯލީގައި އިންދަ އަހަރެން ކައިރިޔަށް ފައިސަލް އައިސްފައި އެ ދިމާ ގަސްތަކުތެރެއަށް ދިޔައީ. އަދި ނުވާނެ ދިހަ މިނެޓު ވެސް... އެކަމަކު ތިއައީ ބޮޑު ޝޮޕިންއެއް ކޮށްލައިގެން. ކައިރި ހިސާބެއްގައި ފިހާރައެއް ނެތްއިރު ވެސް." އަހަރެން ބުނީމެވެ. ފައިސަލް ހިމޭންވިއެވެ. އޭނާގެ ދެ ލޮލުން އަހަރެން ދުށީ ހައިރާންކަމެވެ. އަހަރެން ދައްކާ ވާހަކައެއް އޭނާއަށް ފަހުމްނުވާ ކަހަލައެވެ.
"ފަޒީލާ ދެ މީހުން ވާހަކައިގައި ތިއްބާ އަހަރެން ދިޔައީ. ވަޓް ހެޕެން އާނަ... ނުބުނެ ދިޔައީމަތަ؟. ހިތްހަމަނުޖެހުނީތަ؟. އާނަ އެކަނިކޮށްލާފައެއްނޫނެއްނު ދިޔައީ." ފައިސަލް ބުންޏެވެ. އަހަރެން ނުރުހުންވެދާނޭތީ އޭނާ ކަންބޮޑުވާކަން ދޭހަވިއެވެ.
"ފަޒީލާ ދެ މީހުން ދެއްކީ ކޮންވާހަކައެއް." އަހަރެން އިރުކޮޅަކު ފައިސަލްއާ ނަޒަރު ސީދާކޮށްލައިގެން ހުރެފައި އަހާލީމެވެ.
"އާނަ. ކިހިނެއްތަވީ... ފަޒީލު އެއްޗެކޭ ބުނީތަ؟." ފައިސަލްގެ އަޑުގައިވީ ސީރިއަސްކަމެވެ.
"ތި ދެ މީހުން ކަމަކާ ޒުވާބުކުރަނިކޮށް ދޯ އަހަންނަށް ނުކުމެވުނީ." އަހަރެން ބުނީމެވެ.
"އާނަ ހީކުރީ އަހަރެމެން ޒުވާބުކުރީ ކަމައްތަ... ހާސްނުވޭ. އެކަހަލަ ކަމެއްނޫން އެއީ. ވިޔަފާރިކަމެއްގައި މާލެ ދާންވެފައި އޮތީ. ފިހާރައިގެ ހުރިހާކަމެއްގައި އުޅޭނީ ފަޒީލު. ދެ ހަފްތާފަހުން ބޯޓު ފުރާނެކަން ބުނެފައި އޮއްވާ މަންމަ ގޮވައިގެން ކުއްލިއަކަށް އޭނާއަށް ދާންޖެހުނީ. މިހާރު ބޯޓު ފުރަން އެ ތައްޔާރުވަނީ. އިއްޔެ ބޯޓު މީހާއާ ދިމާވެގެން ބުނި ފަޒީލު ނުގަޅައޭ. ދެ ދުވަހެއްގެ ތެރޭ ފުރާނޭ.... އަސްލު އާނަ އައީމަ އޭނާ ހުރީ އެ ދަތުރު އަޅަން ޖެހޭކަން ހަނދާންނައްތާލައިގެން. އަހަރެން މިއަދު ހަނދާންކޮށްދިނީމަ އުޅުނީ ފަސްކުރަންވެގެން... ބުނީ އާނަ ފޫހިވެ އެކަނިވާނެއޯ އޭނާ ނެތިއްޔާ. އަހަރެން ބުނިން އާނަ މިކޮޅަށް އައީ ފަޒީލަށް ޓަކައިތޯ. އާނަ ފޫހިފިލުވާދީ ބަލަހައްޓާނޭ ބަޔަކު މި ރަށުގައި އެބަތިއްބޭ. މިހާރު ވެސް އާނަގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އެމީހުންގެ ކައިރީގައޭ... ޑެލިވަރީ ކުރާނޭ ޑްރައިވަރެއް އާނައަށް ބޭނުންވަންޏާ ފަޒީލު ނެތަސް އެ މަޤާމު އަހަރެން ފުރާފާނަމޭ.... ދެން އެކަހަލަ ވާހަކަތަކެއް ދެއްކުނީ. ފުރަންޖެހޭތީ ފަޒީލު ވަރަށް ކަޓައިފައި ހުރީ. އެހެންވެ ކަންނޭނގެ އާނައަށް ތި ހިވީ އަހަރެމެން ޒުވާބުކުރިއްޔޭ. އާނަ އަންނާނެކަމެއް ނޭނގެނީސް ހަމަޖެހިފައި ހުރި ކަންކަންވީމަ." ފައިސަލް ކިޔާދިނެވެ.
"އެހެން ދޯ." އަހަރެންނަށް ފައިސަލްގެ ވާހަކަ ޤަބޫލުކުރެވުނެވެ.
"ލައްބަ. އެހެން... ތީ އަހަރެންގެ ލޯބިގަނޑޭ ނުބުނެވޭނެއެއްނު. މީހަކު ނެތަސް އަހަރެން ހުރިއްޔާ އާނައަށް ފުދޭނެ. ނޫންތަ؟." ފައިސަލް ކުރިޔަށް ޖެހިލައި އަހަރެންގެ އުނަގަނޑުގައި ދެ އަތުން ހިފާލައި ގާތްކޮށްލިއެވެ. ރަކި ހިނިތުންވުމަކާއެކު އަހަރެން ބޯޖަހާލީމެވެ.
އެ ވާހަކަތަކާއެކު ގަސްތަކު ތެރެއަށް ފައިސަލް ވަދެގެންދިޔަ ވާހަކަ ވަޅުޖެހުނީއެވެ. ލޯބީގެ ސަމާސާތަކުން ފައިސަލް އަހަރެން ހެއްވާލައިފިއެވެ. ހުރިހާ ނުތަނަވަސްކަމެއްގެ މަތިން އަހަރެން ހަނދާންނައްތާލީއެވެ. ފައިސަލް ގެނެސްދިން އައިސްކްރީމް ތަށްޓާއި ސަމްސަލެއް ހިފައިގެން އަހަރެން ކާމޭޒުދޮށުގައި އިށީނީއެވެ. ގެނައި ސާމާނުތައް ތަންތަނަށް ލުމުގައި ފައިސަލް ހަރަކާތްތެރިވަމުންދިޔައެވެ. އޭނާއަށް ނަޒަރު ހުއްޓާލައިގެން އެ ސޫރަ ހިތުގެ އެންމެ ފުންމިނުގައި ޤައިދުކުރުމުގެ ގަސްދުގައި ބަލަން އިނދެވުނެވެ. ކޮތަޅުތަކުގައި ހުރީ ކާ ބާވަތެވެ. ރޭގަނޑު ފިލްމު ބަލާ ގަޑީގައި ޕޮޕްކޯން ހަދަން ޒުވާރިދަޅެއް ވެސް ގެނެސްފައި ހުއްޓެވެ. އައިސްކްރީމާއި ޗޮކުލެޓު ވެސް ހުއްޓެވެ. އަހަންނާއެކީ ހިތްގައިމު އުފާވެރި ވަގުތުތަކެއް ހޭދަކުރާން އޭނާ ރާވަމުން ދާ ކަހަލައެވެ. ފައިސަލްއާއެކު ކުރެވޭ ކޮންމެ ތަޖުރިބާއަކުން އަހަރެންގެ ހިތުގައި ކުރީންވީ ހުސްކަން ނެތެމުންދެއެވެ. ލޯބީގައި މުޅީން އާ ތަޖުރިބާއެއް ކުރެވޭ ކަހަލައެވެ. ހަޤީޤަތަކަށްވުރެ ބޮޑަށް އަހަރެންނަށް އިޙްސާސް ކުރެވެމުންދިޔައީ ފިލްމުތަކާއި ވާހަކަތަކުގައި ސިފަކޮށްދީފައި ހުންނަ ފަދަ ފުރިހަމަ ލޯތްބެކެވެ.
އަސުރުގެ ފަސްވެ ހަތަރެއް ޖަހަން ހުރީ ކައިރިވެފައެވެ. ވިއްސާރަ އަލިކުރީތީ އިރުގެ ހޫނުކަން ފަޒާގައި ހުއްޓެވެ. އަހަރެން ތައްޔާރުވެލައިގެން ނުކުތްއިރު ކޮޓަރީ ދޮރުމަތީ ލަކުޑި ރެއިލިންގައި ދެ އަތް އަޅުވާލައިގެން ފައިސަލް ހުރީ ފުރަގަސްދީގެންނެވެ. އޭނާ އެނބުރިލީ އަހަރެންގެ ހިލަންވީމައެވެ.
"ދެން ދަނީތަ" ފައިސަލް ބުންޏެވެ. އަހަރެން ބޯޖަހާލީއެވެ. އެއާއެކު އަހަރެންގެ އަތުގައި ހިފާލައި ދަމާލުމާއެކު ގެނެސް ފައިސަލްގެ ގައިގާ ޖައްސާލައި ހިފަހައްޓާލިއެވެ.
"ފަޒީލު ތިރީގައި ހުންނާނެ." އަހަރެން ބުނީމެވެ.
އިތޫމެންގެއަށް ގެންގޮސްދޭން ފަޒީލު އައުމާމެދު ފައިސަލް ދެކޮޅެއް ނުހެދިއެވެ. އަހަރެންނާއި ފައިސަލްއާ ދެމެދު ގުޅުމެއް އޮތްކަން ޝައްކުވާފަދަ ކަމެއް ނުކުރާންވެގެންނެވެ. އަނެއްކާވެސް ދެ ދުވަސް ފަހުން އަހަރެމެންނަށް މިނިވަންކަން ލިބޭނެކަމުގެ ޔަގީންކަން ފައިސަލް އޮތީ ދީފައެވެ. އެހެންނޫނަސް އަބަދު އައިސް ގެސްޓުހައުސްގައި ހުންނާކަށް ފަޒީލަށް ވަގުތެއް ނުވާނޭކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ގައިގާ ފައިސަލް ބައްދާލާފައި ދޫކޮށްލިއެވެ. ތިރިއަށް ދާން އަހަރެން ހިނގައިތީމެވެ. ފައިސަލްއާ ދެ މީހުން އެކުގައި ފަޒީލަށް ފެންނަން ނޭދޭތީ އޭނާ މަޑުކުރީއެވެ.
* * * * *
ހަފްތާއެއް ފަހެވެ. އަހަރެން ތެދުވެ އުޅާހަށް ދެމިލީމެވެ. އޭރު ވެސް ރޭގައި ޖެހި ބަޤަރާ ސޫރަތުގެ އަޑު ފޯނުން އިވިއިވި ހުއްޓެވެ. ނިދާގަޑީގައި ޤުރުއާން ޖަހަންފެށިފަހުން ނިދާކަށް އުނދަގުލެއް ނުވެއެވެ. އެކަމަކު އަހަރެންނަށް ނިދެންދެން ފައިސަލް މަޑެއްނުކުރެއެވެ. ކޮޓަރީގައި ޓީވީ ހުރުމާއެކު މިހާރު އަހަރެމެންގެ މަންޒިލަކީ އަހަރެން ހުންނަ ކޮޓަރިއެވެ. ރޭ ވެސް ފައިސަލް ދާން އެނދުން ތެދުވީ އަހަރެން ނިދި އައިސްގެން ފޯނުން ޤުރުއާން ޖެހީމައެވެ. އޭނާއަށް އެހާ ކަމުދާ ކަމަކަށް ނުވަނީއެވެ. އަހަރެން ވަރަށް އަޖައިބުވިއެވެ. ޤުރުއާން ޖަހައިގެން މީހަކަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ. ދީނީ ކަންކަމަށް ފަރުވާ ނުބެހެއްޓިޔަސް އަހަރެން ޤަބޫލުކުރާ ގޮތުން އަހަރެންނަކީ ވެސް މުސްލިމެކެވެ. ވީއިރު މުސްލިމަކަށް ޤުރުއާނުން އުނދަގުލެއް ވެގެންނުވާނެ ނޫން ހެއްޔެވެ. އަހަރެން އެ ވާހަކަ ދެއްކުމުން ފައިސަލް ދިނީ އަހަރެންގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ޖަވާބެކެވެ.
"އަސްލު އަޑެއް އިވެންޏާ ނިދަން ވަރަށް އުނދަގޫ. އަހަރެން އާދަވެފައި ހުރި ގޮތް އެއީ. އަހަންނަކީ އެހާ ރަނގަޅަށް އުޅޭ މީހެއްނޫން... މިބުނީ ދީންވެރިއެއްނުވާނޭ. ޚާއްޞަކޮށް ނަމާދަށް ވަރަށް ފަރުވާކުޑަކުރެވޭ... އެހެންވެ ޤުރުއާން އަޑުއިވުނީމަ އަހަރެންނަށް އުޅެވޭގޮތް މަތިން ހަނދާންވެ ހިތަށް ދަތިވާގޮތްވަނީ."
ފައިސަލް ބުނީ އެހެންނެވެ. އޭނާ ފާހަގަ އެކުރީ އަހަރެންނަށް ވެސް އެންމެ ފަރުވާކުޑަ ކުރެވޭ ކަންތަކެވެ. ފައިސަލްއަށް އެ ވާގޮތް އަހަރެންނަށް އެނގޭ ހިތް ބުންޏެވެ. އިތޫމެން ގެއަށް ގޮސް އިންނައިރު އެގޭ މީހުން ނަމާދު ކުރާ ގަޑީގައި އަހަރެން ކަމެއްނުކޮށް އިންނަނީއެވެ. އެވަގުތުތަކުގައި އަހަރެންނަށް ވެސް "ގިލްޓީ" އިޙުސާސެއް ކުރެވެއެވެ. ފައިސަލްއަށް ވެސް އެވަނީ އެހެންނެވެ. އޭނާ ނުކުމެގެން ދިއުމުން އެކަމާ އިތުރަށް ޝަކުވާކުރާން ބޭނުންނުވީ އެހެންވެއެވެ.
ހަވީރު ފަހެއް ޖަހާކަން ހާއިރެވެ. އަހަރެން އިނީ އަނބު ގަހުގެ ޖޯލީގައެވެ. މުޅި ހިސާބަށް އޮތީ ހިޔާއެޅިފައެވެ. އަހަރެން އިނީ އުނގުގައި ދޮލަނގެއް ބައިންދާލައިގެންނެވެ. އޭގައި ހުރީ ކުޅިކޮށްފައި ހުރި ރިހާކުރު އެޅި ކުޑަ ބޯތަށްޓަކާއި ހުތް އަނބާއި ބިލިމަގާއި ހެލެނބެލީގެ އިތުރުން ކެރެޓާއި ފެހި އާފަލެވެ. ހުތްކަމުންނާއި ކުޅިކަމުން އަހަރެންގެ އަނގައިގައި ކުޅުގިނަވެ ސޮނިތައް ފައިބާވަރުވެފައި ވިއެވެ. މަންމައާއި އިތޫ ދަހިކުރަން ދޮލަނގުގެ ފޮޓޯ ފޮނުވީމެވެ. ފައިސަލް އަހަންނާއެކީ ކާން އިނދެފައި ދިޔަތާ ގިނައިރެއްނުވެއެވެ. އޭނާ އެ ދިޔައީ ރެޔަށް ފިހަން ގަސްތުކުރާ ފަރުމަސް ސާފުނުކޮށޭ އޮތީ ބުނެފައެވެ. ވައަތް ފަރާތުގައި ފައިސަލް ގެނެސް ބަހައްޓާފައި ހުރި ގޮނޑި މަތީ އުނގުގައިވި ދޮލަނގު ނަގައި ބަހައްޓާލީމެވެ. ނޭފަތް ދަމަމުން ދެއަތުން ހޫނުވެ ދާހިތްލާފައިވާ މޫނު ފުހެލީމެވެ. ދެން ފޯނު ނަގައި ބަލަން ފެށީމެވެ.
"އަހަރެން ބޭނުން ފައިސަލްއާއެކީ ފޮޓޯއެއް." ފޯނަށް ބަލަން އިންއިރު އަހަރެންގެ ހިތުގައި ވިއެވެ.
އަހަރެން ފޮޓޯތައް ނަގަމުން ދިޔަ ވަގުތު ފައިސަލްއާ ދެ މީހުން އަރާނޭ ގޮތަށް ފޯނު އަމާޒުކޮށްލި ހިނދު އެކަން ފައިސަލް މަނާކުރީއެވެ. ފޮޓޯއެއް ނަގާކަށް އޭނާ އެއްބަހެއް ނުވިއެވެ. މީހަކަށް ނުދައްކާނަން ކަމަށާއި އަހަރެން އެކަނިކަން އެ ފޮޓޯއަށް ބަލަން ހުންނާނީ ބުނުމުން ވެސް ފައިސަލް ޤަބޫލެއްނުވިއެވެ. އޭނާގެ އެ ހުންނަ އެކަހެރި ދިރިއުޅުމުގެ ސަބަބުންބާއޭ އަހަރެން ހިތަށް އެރިއެވެ. އަނެއްކޮޅުން އަހަންނަކީ ފޯޓޯގެ ޒަރިއްޔާއިން ހަނދާންތައް ރައްކާކުރާ ހިތްވާ އަންހެންކުއްޖެކެވެ. ސީޝަލް މީޑިއާގައި ޚިއްޞާ ނުކުރާ އެތައް ހަނދާންތަކެއްގެ ފޮޓޯ އުޅޭނެއެވެ.
"މޭބީ އިޓްސް އަ ގުޑް ތިންގް." އެއްވެސް ސޯޝަލް މީޑިއާގެ މަންސައެއްގައި ފައިސަލްގެ އެކައުންޓެއް ނުހުންނޭކަން ބުނީތީ މިހާރު އެކަން އެއީ ރަނގަޅުކަމެއްގެ ގޮތުގައި އަހަރެންނަށް ވިސްނުނެވެ. ބޭކާރު ގޮތުގައި އެތަންތަނަށް ވަދެ އިންނާނޭ މީހަކަށް ފައިސަލް ނުވާނޭތީއެވެ. ޒަމާން ގެނެސްދޭ ކޮންމެ ތަހުޒީބަކަށް މީހާ ހެއްލޭކަށް ނުވެސް ޖެހެއެވެ.
"އެކަމަކު އެނބުރި ދިއުމުގެ ކުރީން އެންމެ ފޮޓޯއެއް ބޭނުން. އެހާތަނަށް ފައިސަލް އެއްބަސްވެދާނެ ކަންނޭނގެ." އަހަރެންގެ ހިތް ވިސްނައިދިނީ ސިކުނޑިއަށެވެ.
އަހަރެން ޖޯލިން ތެދުވީ ފައިސަލްގެ ކައިރިޔަށް ބަދިގެއަށް ދާށެވެ. އެކަނި އިންނަން ފޫހިވީއެވެ. ނަމަވެސް އަހަރެންނަށް ހުއްޓެވުނީ ވަށާފާރުބުރި މަތީ އަތްއަޅުވާލައިގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ. އަހަރެން ބަލަން ހުއްޓާ އޭނާ ބޯއަރިކޮށްލިއެވެ. އޭނާ ދުރަށް ޖެހިލައި ފާރުގައި ކަނޑާފައިވާ ދޮރުން ވަދެގެން އައެވެ.
(ނުނިމޭ)