ފޮރިން މިނިސްޓްރީ

ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އދގެ ކުރީގެ ރައީސް އަދި މިސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ އެމެރިކާގައި ގާއިމުކުރި ދިވެހި އެމްބަސީ ހުޅުވުމަށެވެ.

އދގެ މައި މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ އދގެ ޗާޓަރުގައިވާ ކަންކަން ފުރިހަމަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޖިންސީ ތަފާތުތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް -- ކޮޕް ސަމިޓް މިއަހަރު ޔޫއޭއީގައި ބާއްވަން ހަމަޖެހިފައިވާތީ އެ ސަމިޓާ ގުޅޭގޮތުންނާއި އދގެ 78 ވަނަ އާންމު މަޖިލީހުގެ ހައިލެވެލް ވީކްގައި "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުންވެސް މަޝްވަރާކުރެއްވި އެވެ.

މިބައްދަލުވުމުގައި އެމެރިކާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިންނާއި އދ.ގައި ގާއިމުކޮށްފައިވާ ދިވެހި މިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.