ފިނިޕޭޖް

ކެރީ ފިޝާ މަރުވިތާ ހަތް އަހަރުފަހުން ފިލްމު ރިލީޒްކޮށްފި

އެކްޓްރެސް ކެރީ ފިޝާ މަރުވިތާ ހަތް އަހަރު ފަހުން، އެ އެކްޓްރެސް އެންމެ ފަހުން ކުޅުނު ފިލްމު ރިލީޒްކޮށްފި އެވެ.

ކެރީގެ ފަހު ފިލްމު "ވޮންޑަވެލް" އިން ފެންނާނީ ވަޔަލެޓް ނަމަކަށް ކިޔާ އެމެރިކާގެ ކުޑަ ކުއްޖެއްގެ ވާހަކަ އެވެ. ވަޔަލެޓްއަކީ އޭނާގެ މައިންބަފައިންނާއި ދައްތަ ސެވާނާއާ އެކު އިޓަލީގައި ދިރިއުޅޭ ކުއްޖެކެވެ.

މަޝްހޫރު ޑިޒައިނާ ޔާނާގެ ޑިޒައިނާ ލޭބަލްގެ މޫނަށް ސެވާނާ ހޮވުމުން، ވަޔަލެޓްގެ އާއިލާ ފޮޓޯ ޝޫޓަކަށް އާސާރީ ވިލެޖަކަށްދެ އެވެ. ވަޔަލެޓް ފޫހިވެގެން ވާތެރެއަށް ދާތަނާ ހޭޒަލް ކިޔާ ވިޗްއަކާ ދިމާވެ އެވެ. އެއީ އެ ވަލުގެ ވިޗް އެވެ. އޭނާ ވަޔަލެޓް ގޮތް ނޭނގޭ ޕޯޓަލްއެއް ކައިރިއަށް ގެންގޮސް، މުސްތަގްބަލްގެ ދަޅައެއް ދައްކާލަ އެވެ.

ޓްރޭލާއިން ވަޔަލެޓް ވަޅެއްގެ ތެރެއަށް ވެއްޓޭ ތަންވެސް ފެނެ އެވެ. އަދި ވަޔަލެޓް އާއި ހޭޒަލް ފޮރެސްޓްގައި ވަނިކޮށް ޔަނާވެސް އާދެ އެވެ. މި ޖާދުވީ ފިލްމް ދެން ވާނެ ގޮތް ފިލްމުން ބަލާލާށެވެ.

މި ފިލްމްގައި ހޭޒަލްގެ ރޯލް ކެރީ އަދާކޮށްފައިވީއިރު، ވަޔަލެޓްގެ ރޯލް އަދާކުރީ ކިއެރާ މިލްވޯޑް އެވެ. އަދި ޔަނާގެ ރޯލް ލަވަކޔުންތެރިޔާ ރީޓާ އޯރާ އަދާކޮށްފައިވާއިރު، ސެވާނާގެ ރޯލް ނެލް ޓައިފާ ފްރީ އަދި ޔަނާގެ ދޮން ދަރި ޑެނިއަލްގެ ރޯލް ސެބާސްޓަން ކްރޮފްޓް އަދާކޮށްފައިވެ އެވެ.

ކެރީ މަރުވެފައިވަނީ ޑިސެމްބަރު 27، 2016 ގައި ނިދީގައި ނޭވާ ހާސްވެ، ހާޓް އެޓޭކެއް ޖެހިގެންނެވެ. އެއިރު ކެރީ ވަނީ "ވޮންޑަވެލް"ގެ ޝޫޓިން ނިންމާލާފަ އެވެ. މި ފިލްމު ފަސްކުރީ ކެރީގެ މަރާއި ކޯވިޑް-19 ޕެންޑެމިކްއާ ގުޅިގެންނެވެ.

މި ހުނަރުވެރި އެކްޓްރެސްއަކީ އެކްޓާ އެޑީ ފިޝާ އާއި އެކްޓްރެސް ޑެބީ ރެނޯލްޑްސްގެ ދަރި އެވެ. ކެރީގެ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ "ސްޓާ ވޯޒް"ގެ ޕްރިންސަސް ލިއާގެ ރޯލެވެ.

މިދިޔަ މަހު ކެރީއަށް ވަނީ ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރިއެއްވެސް ލިބިފަ އެވެ. އެ ހަފްލާގައި ކެރީގެ ހުރި ހަމައެކަނި ދަރިފުޅު ބިލީ ލޯޑް އާއި ކެރީގެ ގާތް ކޯސްޓާ މާކް ހެމިލް ވަނީ މި ހަފްލާގައި ކެރީގެ ހަނދާންތައް އާކޮށްފަ އެވެ.