ހަބަރު

މާމިގިލީ ކޯޓް ގާޒީގެ ބަންދަށް ހަތް ދުވަސް

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ ބަންދަށް ހަތް ދުވަސް ހައިކޯޓުން ޖަހައިފި އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން، ގާޒީ ނިހާންގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވެސް ވަނީ ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް މުހުތާޒުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ މުހުތާޒު ދޫކޮށްލާފަ އެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުންޏެވެ.

ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް ޔާމީން ހިންގަވާފައިވާ އިންތިހާއަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަނީ ލޯންޑްރިން އާއި މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފައިވާ ސިހުރު ހެދުމުގެ މައްސަލަތަކަކީ ފުލުހުން މިހާރުން މިހާރަށް ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ. އެމައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް އެޅިފައި އޮތް ހުރަހަކީ ރައީސް ޔާމީން ވީއްލިފައި ހުންނެވުން ކަމުގައި ވަނީ ނަމަ ރައީސް ޔާމީން ހައްޔަރުކުރައްވައިގެން ވެސް އެމައްސަލަތައް މިވަގުތު ތަހުގީގު ކުރުމަށް ދިވެހި ސަލާމަތީ ބާރުތަކަށް ނަޝީދު ގޮވާލައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.