ފިނިޕޭޖް

ޖެސީ ޝްރޭމް ކައިވެނިކޮށްފި

އެކްޓްރެސް ޖެސީ ޝްރޭމް އޭނާގެ ލޯބިވެރިޔާ ސްޓާލިން ޓޭލާއާ ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން ކައިވެނިކުރީ މިމަހުގެ 18 ވަނަ ދުވަހު ޖެސީގެ ރަށް ޝިކާގޯގެ ބޮޑު އެންޓިކް ސެކްވޭޖް ފިހާރައެއްގައެވެ.

ޖެސީ ބުނީ އެމީހުން ބޭނުންވީ އާދަޔާ ހިލާފު ތަނެއްގައި ކައިވެނި ކުރަން ކަމަށާއި އެ އެންޓިކް ފިހާރައަކީ ތަފާތު ވެފައި ރޮމޭންޓިކް ތަނެއް ކަމަށެވެ.

ކައިވެނީގެ ހަފްލާގައި 113 ވަރަކަށް އާއިލާގެ މެންބަރުންނާއި މެހެމާނުން ބައިވެރިވެފައިވާއިރު، ޖެސީގެ ގިނަ ކޯ-ސްޓާރުން އޭގެ ތެރޭގައި ހިމެނުނެވެ. އަދި ކައިވެނި ކޮށްދިނީ ޖެސީއާ އެކު "ޝިކާގޯ މެޑް" ގައި މަސައްކަތްކުރި އޯޑެޑް ފޭރް އެވެ.

ކައިވެނިކުރިއިރު ޖެސީ ލައިގެން ހުރީ ޑޭނާ ހެރަލް ޑިޒައިންކުރި ހުދުކުލައިގެ ލޭސް މާމެއިޑް ގައުން އެކެވެ. އަދި ކައިވެނީގެ ރިސެޕްޝަނަށްފަހު އޮތް ޑާންސް ޕާޓީއަށް ޖެސީ ވަނީ ހުދުކުލައިގެ ކުރު ހެދުމަކަށް ބަދަލުކޮށްފަ އެވެ.

"އާބަން ވައިލްޑްފްލާވާ" ތީމުގެ މި ކައިވެނި ޒީނަތްތެރިކޮށްފައިވަނީ އޮރެންޖް، ޕީޗް އަދި އައިވަރީ ކުލައިގެ މަލުންނެވެ. އަދި ކެއުމުގައި މިޝެލިން ސްޓާ ޝެފެއްގެ ކެއްކުމުގެ އިތުރުން ޑީޕް-ޑިޝް ޕިޓްޒާ، ޑޯނަޓް އަދި ހޮޓްޑޯގް ފަދަ ޝިކާގޯގެ މަޝްހޫރު ކެއުން ހިމެނުނެވެ.

ޖެސީ، ސްޓާލިންއާ ދިމާވީ ރައްޓެއްސެއް މެދުވެރިކޮށް 2017 ވަނަ އަހަރު އެވެ. ސްޓާލިންގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާއަކީ ކްލައިމްބާ، ފޮޓޮގްރާފާ، ރައިޓާ، ޓްރެވެލާ އަދި މޮޓޯސައިކަލްއަށް ޝައުގުވެރިވާ މީހެކެވެ.

ޖެސީ އަކީ "ޝިކާގޯ މެޑް" ކުޅުމުގެ އިތުރުން "ވަންސް އަޕޯން އަ ޓައިމް"، "ލާސްޓް ރިސޯޓް"، "ވެރޯނިކާ މާސް" ފަދަ ސީރީޒްއާއި ގިނަ އަދަދެއްގެ ހޯލްމާކް ފިލްމު ކުޅެފައިވާ އެކްޓްރެސް އެކެވެ.